ކޮލަމް

ކޮލަމް އޭޑީ: ނަޝީދާ ޖެހުމުން ސަރުކާރާއި، ހާރިޖިއްޔާވެސް ފިތިފައި؟

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުއްސުރެ މިއަދާ ހަމަޔަށް އައި އިރުވެސް ރާއްޖޭގައި އުފަންވި އެންމެ ކުޅަދާނަ އިދިކޮޅު ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމާއި މެދު އެއްވެސް ޝައްކެތްނެތެވެ. އެކަމަށް ދެބަސްވާނެ މީހަކުވެސް ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ. މިހާރު އެމްޑީޕީ ސަރުކާރެއް އޮތްއިރު، އިދިކޮޅުގައި ސިޔާސީ ހަރަކާތެއް ހިންގާލާނެ ވަރު ނެތް ކަމީ އަދިވެސް އެމަގާމު ރައީސް ނަޝީދަށް ހައްގުވާ އެއް ސަބަބެވެ. އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މިހާރުވެސް ނިކަން ބާރު ހުރި ވަރުގަދަ އަޑުތަކެއްގެ ވެރި ބޭފުޅުންތަކެއް އެބަ ތިއްބެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ އެހުންނަ ވިސްނުންތެރިކަމާއި، ރޭވުންތެރި ހިކުމަތްތެރިކަމެއް އިދިކޮޅުގައި އަދިވެސް ނެތްކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ.

2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމާ ހަމަޔަށްވެސް ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ބަލާއިރު، އެންމެ ބޮޑު އިދިކޮޅު ލީޑަރެވެ. އަދި އެމްޑީޕީގެ ވެރިކަން ވެއްޓުމަށްފަހު، މިއަދު މި އޮތް ސަރުކާރު އައުމާހަމަޔަށްވެސް އެމަނިކުފާނަކީ އެންމެ ވަރުގަދަ އިދިކޮޅު ލީޑަރެވެ. ފެންނަ ފެނުމަށް މި ސަރުކާރު މިހާތަނަށް އައި އިރު ރައީސް ނަޝީދަށް އަދިވެސް އަދާ ކުރެވެމުންދަނީ އިދިކޮޅު ލީޑަރެއްގެ ދަައުރެވެ. ފަހަރުގައި އެތަކެއް އަހަރެއްވަންދެން އެގޮތުގައި ދެމި ހުރުމުން އަދިވެސް އެމަނިކުފާނަކީ އިދިކޮޅު ލީޑަރުކަމަށް ވިސްނިފައިއޮތުމަކީވެސް ވެދާނެ ކަމެކެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ކެމްޕެއިން ކުރެއްވި އިރު، އެކެމްޕެއިނަށް އެންމެ ބޮޑު "ޑެމޭޖެއް" ދެއްވި ބޭފުޅަކީވެސް ރައީސް ނަޝީދެވެ.

ދަައްކަވަން ނުޖެހޭ ޒާތުގެ ވާހަކަތައް ދެއްކެވުމާއި، ވަގުތާއި، ހާލަތާއި ނުބައްދަލު ބަހުގެ ހަމަލާތައް ދެއްވުމާއި، ރައްޔިތުން ރުޅި އަންނަ ޒާތުގެ ބައެއް ވާހަކަތައްވެސް އޭރު ރައީސް ނަޝީދަށް ދެއްކެވިފައި އެބަހުއްޓެވެ. އޭގެ އަސަރު ރައީސް ސޯލިހުގެ ކެމްޕެއިނަށް ވެސް ވަރަށް ބޮޑަށް ކުރި އެވެ. އިދިކޮޅު ފަރާތްތަކުން އޭގެ ފައިދާ ނެގިވެސްމެއެވެ. މިހުރިހާކަމެއް މިހެން ހުރި އިރު، މީގެ އަނެއްކޮޅުވެސް އެބަ އޮތެވެ. އެ އިންތިހާބު ރައީސް ސޯލިހުއަށް ކާމިޔާބު ވުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީވެސް ރައީސް ނަޝީދުގެ އެވެ. ރައީސް ނަޝީދުގެ "ބްލައިންޑް" ސަޕޯޓަރުންގެ ބޮޑު ބިޔަ ކްރައުޑެއް އެކަމުގައި އިސް ދައުރެއް އަދާކުރި އެވެ. މިއަދު އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަހަރެއް ވެފައިވާއިރު، އަދިވެސް ރައީސް ނަޝީދުގެ އަމަލުތައް ހުރީ އެގޮތަށެވެ.

މިހާރު މިއޮތް ސަރުކާރު ވުޖޫދު ކުރެވިފައިމިވަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ވަރަށް ފުޅާ ކޯލިޝަނެއްގެ ތެރެއިންނެވެ. ކޯލިޝަނެއްގެ ހިތި ފެނިފައިތިބި ލީޑަރުންތަކެއް އެއް ގަލަކަށް އަރުވައި، އެއް މޭޒެއްގެ ދޮށަށް ގެނެއީ ރައީސް ސޯލިހުގެ ހިކުމަތްތެރިކަމާއި، އެމަނިކުފާނަަށް ސިޔާސީ ދާއިރާގައި ލިބިފައިވާ އިހުތިރާމާއި، ސިޔާސީ މީހުން ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އެ އިތުބާރު ދެމެހެއްޓުމަށްޓަކައި އެ ކޯލިޝަން ދެމެހެއްޓުމަކީވެސް ރައީސް ސޯލިހުގެ ވައުދެކެވެ. އެހެން ނަމަވެސް މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭ ކޯލިޝަނުގައި ރެނދުލި ފުރަތަމަ ގާ އެއްލީވެސް ރައީސް ނަޝީދެވެ. ރައީސް ސޯލިހު ވަރަށް ވިސްނުންތެރިކަމާއިއެކު، ވަރަށް ރަނގަޅަށް މެއިންޓެއިން ކުރަމުން އައި ކޯލިޝަނެއްގައި ފުރަތަމަ ރެނދު ރައީސް ނަޝީދު ލައްވާލީ އެކޯލިޝަނުގެ އަނެއް ލިޑަރު ގާސިމް އިބްރާހިމާ ދިމާލަށް އުއްކަވަންފެއްޓެވި ގާތަކުންނެވެ.

މި ސަރުކާރު އައީ ކުރީގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ގެންގުޅުން ގޮތުން މުޅި ދުނިޔެއާއި މޫނު ކެނޑިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބައިނަލް އަގުވާމީ ދުނިޔެއާއި ރައްޓެހި ގާތްގުޅުމެއް އުފެއްދުމުގެ ބޭނުމުގަ އެވެ. ބޭރު ދުނިޔެއިން ރާއްޖެއާއިމެދު ހުރި ހިތްހަމަނުޖެހުންތައް ނައްތާލާ އަނެއްކާވެސް ރަނގަޅު ރިލޭޝަނެއް ގާއިމް ކުރުމުގެ ބޭނުމުގަ އެވެ. އެކަން ކުރުމަށްޓަކައި، ގިނަ ފިޔަވަޅުތަކެއްވެސް ސަރުކާރުން އަޅަމުން ގެންދަވަ އެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއަތުން ބޮޑެތި ލޯނުތައް ނަގާފައި ހުރިކަމެވެ. އަދި އެ ދަރަންޏަކީ ދައުލަތުން އެއަށް ޒިންމާވާންޖެހޭނެ ދަރަންޏެއްކަމެވެ. އެ އަދި ކޮންމެ ސަރުކާރެއް އޮތަސްވެސްމެއެވެ. އުސޫލެއްގެ ގޮތުން ރައީސް ނަޝީދަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަނޑައެޅޭނެ މީހެއް ނޫނެވެ. އެކަން ކުރަން ރައީސުލްޖުމްހޫރިއްޔާއާއި، ފޮރިން މިނިސްޓްރީއާއި، ކެބިނެޓް އެބަ އޮތެވެ. އެހެން ނަމަވެސް އެމަނިކުފާނު ބޭރަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުހެން ޗައިނާއާއި، ރާއްޖޭއާއި މޫނު ކެނޑެން ޖެހޭ ޒާތުގެ ކިތަންމެ ކިތަންމެ ވާހަކައެއް އަންނަނީ ދައްކަވަމުންނެވެ. ބައިނަލް އަގުވާމީ މީޑިއާތަކުގަ އެވެ. ޓުވިޓާގައިވެސް އެވަރެވެ.

ހާއްސަކޮށް، އިންޑިއާއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުމެ، އިންޑިއާ ރުއްސަން ޗައިނާގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އެމަނިކުފާނު ގެންދަވަނީ އަޅުއްވަމުންނެވެ. އަދި އެކަމުގައި އެމަނިކުފާނު ޖައްސަވާ ހިސާބުތައް ޗައިނާއިން ދޮގުކުރާނެކަމަށް ވަރަށް ޔަގީންކަމާއެކު ވިދާޅުވެސްވެ އެވެ. ކަން ހިނގަނީވެސް އެމަގުންނެވެ. ޗައިނާއިންވެސް އޮތީ ރައީސް ނަޝީދަށް އެކަމުގައި ދޫދޭގޮތަކަށް ނޫނެވެ. ހިތުހުރިހާ އެއްޗެއް ރައީސް ނަޝީދު ގޮވަމުންދާއިރު، ޗައިނާއިން އެކަމަށް ބަރާބަރަށް ރައްދުވެސްދެ އެވެ. ދުނިޔޭގެ ބިޔަ ބޮޑު ގައުމަކާއި، އެމިންވަރަށް "ޖެހި" ގަންނަ އިރު، ސަރުކާރުން އެއްޗެއް ނުބުނެ ހަނު އޮތުމަކީވެސް ބޮޑު މައްސަލައެކެވެ. މިވަގުތު ރައީސް ނަޝީދު ހުންނެވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ލެޖިސްލޭޓިވް ނުވަތަ ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް އެމަނިކުފާނަކަށް އަތްބޭނުމުގެ އެއްވެސް ހައިސިއްޔަތެއް ނެތެވެ. މިކަން މިގޮތަށް ހިގަންވެއްޖެ ނަމަ، އުއްތަމަ ފަނޑިޔާރުވެސް މިކަހަލަ ވާހަކަތައް ދެއްކެވެންވާނެތާއެވެ.

ހަގީގަތަކީ ރާއްޖެ ޗައިނާއަށް ދަރާފައި އޮތް ކަމެވެ. އެ ދަރަންޏަށް ދައުލަތުން ޒިންމާވާންޖެހޭނެ ކަމެވެ. މިހާލަތުގައި އެގައުމު ރުޅި އެރުވުން އެއީ ކުރަން އެންމެ ރަނގަޅު ކަންތައްތޯ މިއީ އުފައްދަންޖެހޭ ސުވާލެކެވެ. ދަރަނި އޮތީ ނެގިފައެވެ. އެެހެން ކަމުން މިކަމުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ އެގައުމު ރުޅި އެރުވުމުގެ ބަދަލުގައި، ގުޅުން އިތުރަށް ބަދަހިކޮށް، އެ ދަރަންޏަށް ލުއި ގޮތެއް ހޯދުން ނޫން ހެއްޔެވެ. މިއީ އަޅުގަނޑަށް ވިސްނޭ ގޮތެވެ. ފަހަރުގައި މިއީ ބަޔަކު މީހުންނަށް ކޮށި ވިސްނުމަކަށްވެސް ވެދާނެ އެވެ. މިކަމުގައިވެސް އެމަނިކުފާނު މި އަމަލު ކުރައްވަނީ އިދިކޮޅު ލީޑަރެއް ހެންނެވެ. މި ހުރިހާކަމެއް މިހެންވާ އިރުވެސް ސަރުކާރު އޮންނަނީ ހަނެވެ. ގައުމުތަކާއި ގުޅުން ބަދަހި ކުރުމުގެ ބޭނުމުގައި އެކަމަށް ވައުދުވެ އައި ސަރުކާރަކުން ރައީސް ނަޝީދާއި އެގައުމާ ދެމެދު މިހިގާ ހަނގުރާމައިގެ ތެރެއަށް ނުވަދެ ހަނު އޮތުމުގެ ސަބަބުން، ދެގައުމުގެ ގުޅުން އިތުރަށް ގޯސް ނުވެދާނެ ގޮތެއް ނުވިސްނެ އެވެ.

ޝައްކެތްނެތް ގޮތުގައި އިންޑިއާއަކީ ރައީސް ނަޝީދުގެ ވަރަށް ގާތް އެކުވެރި އެކެވެ. އަދި އެގައުމާއި ޗައިނާއާއި ދެމެދު "ޕަވާ ސްޓްރަގަލް" އެއް އުޅޭކަމީ އެންމެންވެސް ދަންނަ ކަމެކެވެ. އެހެން ނަމަވެސް އެބިޔަ ބޮޑު ދެގައުމުގެ ދޭތެރެއަށް މި ކުޑަކުޑަ ރާއްޖެ ވަންނަންޖެހޭ ސަބަބެއް ނުވިސްނެ އެވެ. އިންޑީއާ ރުއްސުމަށް މިކުޅޭ ކުޅިގަނޑުގެ ނަތީޖާ ސަރުކާރަށް ހިތިވެސް ވެދާނެ އެވެ. ސަރުކާރު ގެނައުމުގައި ރައީސް ނަޝީދުގެ ދައުރު ކިތަންމެ ބޮޑު ނަމަވެސް، މިވަގުތު ސަރުކާރުގައި ތިއްބެވި ބޭފުޅުން އަމަލު ކުރަންވާނީ މުޅި ގައުމާއި، ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެންނެވެ. ރައީސް ނަޝީދަށް ސަރުކާރު ދަރާފައި އޮތްކަމަށް އެ ވިސްނާ ވިސްނުން އެއްކިބާކޮށް، މުޅި ގައުމުގެ ހައްގުގައި، ބޭރު ދުނިޔެއާއި ރާއްޖޭގެ ގުޅުން ރަނގަޅު ކުރުމަށްވީ ވައުދު ފުއްދުމަށްޓަކައިވެސް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ރައީސް ސޯލިހު މިކަމުގައި ކޮންމެވެސް އެއްޗެއް ވިދާޅުވާން އެބަޖެހެ އެވެ.

ރައީސް ނަޝީދު ވިދާޅުވާ ވާހަކައާއި، ޗައިނާއިން ބުނާ ވާހަކަ ހާސްބައި ތަފާތެވެ. އެހެން ކަމުން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިތިބެނީވެސް "ވާނުވާ" ހާލަތެއްގަ އެވެ. އެބަޔަކަށް އެކަމުގައި ހީކުރެވޭ ކޮންމެ ވާހަކައެއް ދައްކަނީ އެވެ. ސޯޝަލް މީޑިއާގައިވެސް އެވަރެވެ. އެހެން ކަމުން މިކަން ހަމަޔަކަށް އެޅުވުމަށްޓަކައި، ސަރުކާރުން ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅަންޖެހެ އެވެ. ރައީސް ނަޝީދު ހައްދަވަނީ އިތުރުފުޅޭ ވިދާޅުވާން ނުކެރޭ ކަމަށްވާނަމަ، މައުލޫމާތުގެ ކުށެކޭ ބުނެވެސް ނިންމާލަންވީ އެވެ. އަދި ޗައިނާއިން ހަދަނީ ދޮގެކޭ ބުނަން ނުކުރޭ ކަމަށްވާނަމަ، އެ ޕްރޮޖެކްޓްތަކުގެ ތަފުސީލުވެސް ހާމަ ކުރަންވީ އެވެ. މިއީ ރައްޔިތުންނަށް އެނގެން ޖޭހޭ ކަންކަމެވެ. ރައީސް ނަޝީދު ފަދަ ބޭފުޅަކު އިންޑިއާ ރުއްސަން މިކުރާ މަަސައްކަތުގައި ދިވެހިންނަށް ގެއްލުންވާ ހިސާބަށް މިކަން ގޮސްދާނެ ކަމަށް ގަބޫލު ކުރަންޖެހެ އެވެ.

ރާއްޖެ މިއަދު މިވަނީ ތަރައްގީވެ، އެތައް ގޮތަކުން ކުރި އަރާފަ އެވެ. މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލާއި، ދިރިއުޅުމުގެ ފެންވަރަށް ބެލުމުން އެކަން ވަރަށް ރަނގަޅަށް ހާމަވާނެ އެވެ. ދިވެހިންނަށް މިއަދު ގައުމަކުންދޭ ފިޔާގެ ކޯޓާއާއި، ހިލައާއި ހިލަވެލީގެ ކޯޓާގައި ހިފައިގެން ތިބޭ ވަރަށްވުރެ މާ ގިނަކަންކަން އެބަ ބޭނުންވެ އެވެ. އުމްރާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ ފަސޭހަކަމެވެ. އިންސާނީ ތަރައްގީއެވެ. މިހުރިހާ ކަމެއް ވާން މި އޮންނަނީ ދުނިޔޭގެ ނިސްބަތުން ކުރި އަރާފައިވާ ބޮޑެތި ގައުމުތަކާއި ގުޅުން ބަދަހިކޮށް، އެ އެކުވެރިކަމުގެ ތެރެއިންނެވެ. ސިޔާސީ ބޭނުމަކަށް ނުވަތަ "ބެކިން" ދޭނެ ގައުމެއް ރުއްސުމުގެ ބަދަލުގައި، އެއްވެސް ކޮޅަކަށް ބުރަ ނުވާ ހާރިޖީ ސިޔާސަތެއް މި ގައުމުގައި އޮންނަން އެބަޖެހެ އެވެ. ވަކި މީހަކު ވެރިކަމުގައި ހުރެއްޖެއްޔާ ޗައިނާއެވެ. ދެން އައި ވެރިކަމެއްގައި އިންޑިއާ އެވެ. މިއީ ބަދަލުވާންޖެހޭ ސިޔާސަތެކެވެ. މިކަން ބަދަލުވެގެން ނޫނީ ދިވެހިން ބޭނުންމިވާ ހަގީގީ ތަރައްގީއެއް ނުލިބޭނެ އެެވެ.

ރައީސް ނަޝީދަކީ ނިކަން ވެރިކަންކުރައްވާ ހިތްވާ ބޭފުޅެކެވެ. އެކަން އެމަނިކުފާނުގެ ވާހަކަތަކުންވެސް ދޭހަވާނެ އެވެ. އެހެން ނަމަވެސް މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިބްރާހިމް މުހައްމަދު ސޯލިހު ކަމެވެ. މިއީ ދިވެހި ރައްޔިތުންގެ ނިންމުމެވެ. އެހެން ކަމުން 2023 ވަނަ އަހަރާއި ހަމަޔަށް ވެރިކަމުގެ "އެދުން" އެމަނިކުފާނު އެއްފަރާތް ކުރާން އެބަޖެހެ އެވެ. ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް "ހަމަޖެހިލައިގެން" ވެރިކަން ކުރުމުގެ ފުރުސަތު ރައީސް ނަޝީދު ދެއްވަން އެބަޖެހެ އެވެ. ރައީސްގެ ވިސްނުމަށް އިހުތިރާމް ކުރައްވާ މި ފަސް އަހަރު އެގޮތުގައި ދެމި ހުރުމަކީ ދިވެހި ރައްޔިތުންނަށްވެސް އެންމެ ފައިދާ ބޮޑުވާނެ ގޮތެވެ.