ހަބަރު

ޝުމްބާ ހައްޔަރުކުރި މައްސަލާގައި ދައުވާ ކޮށްދޭން އެދިއްޖެ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ ގޮންގޮ) ސްރީލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ބަންދު ކުރި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ތަހުގީގުކޮށް ދައުވާކޮށްދޭން އެދިއްޖެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ޝުމްބާ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، 1 ނޮވެމްބަރު 2015 ވަނަ ދުވަހު ސައްހަ ވިސާއެއްގެ ދަށުން ސްރީލަންކާގެ ބޮރަލެސްގަމުވާގެ ގެއެއްގެ ތެރޭގައި ހުއްޓައި، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާ އަކީ ހައްޔަރު ކުރަން ބޭނުންވާ މީހެއްކަމަށް އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ކަމަށެވެ.

އުމަރު އެގޮތަށް ވިދާޅުވެފައިވަނިކޮށް، ހަތިޔާރުއެޅި ކޮންބައެއްކަން ނޭނގޭ ބަޔަކާއެކު، ދިވެހި ފުލުހުން ވަދެ، އޭނާ ރަހީނުކުރި
މައްސަލަ ބަލައިދިނުން އެދޭ ކަމަށާއި، އޭނާ ރަހީނުކޮށް، ބަޑި ޖައްސައިގެން ނުރުހުމުގައި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގެންގޮސް، 2 ނޮވެމްބަރ 2015 ވަނަ ދުވަހުގެ ހެނދުނު 07:20 ގެ ފްލައިޓަކުން މާލެ ގެނައި ކަމަށެވެ.

އެ މައްސަލައިގައި ޝުމްބާ އެދިފައިވަނީ، އެކަމުގައި ބައިވެރިވާކަމަށް އޭނާއަށް ގަބޫލުކުރެވޭ ފަރާތްތައް ކަމަށްވާ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި ލަންކާގައި އޭރު ހުންނެވި އެމްބެސެޑަރު ޒާހިޔާ ޒަރީރާއި، ފަސްޓް ސެކްރެޓަރީ ހަސަން އާދަމާއި، އެމްއެންޑީއެފްގެ ޑިފެންސް އެޓޭޗް ކާނަލް އަހުމަދު ގިޔާސްއާއި، އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އާއި އެސިސްޓަންޓް ކޮމިޝަނަރު އަބްދުﷲ ނަވާޒްގެ މައްޗަށް ތަހުގީގުކޮށް ދައުވާކުރަން ފޮނުވައި ދިނުމަށެވެ.

ޝުމްބާ "އަވަސް" އަށް ބުނީ، އޭނާ ލަންކާއިން ހައްޔަރުކޮށް، ރާއްޖެ ގެނައި ގޮތާ މެދު ލަންކާ ސަރުކާރުންވެސް ސުވާލު އުފައްދާފައިވަނިކޮށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުރެއްވި ޓުވީޓަކާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކުން އޭނާ ގެނެސްފައިވަނީ ރަހީނުކޮށްގެންކަމަށް ޔަގީން ކުރެވޭ ކަމަށެވެ.