ހަބަރު

ސަބަބެއް ނެތި ޖަލްސާއަށް ހާޒިރުނުވާ މެންބަރުންގެ މުސާރައިން ބައެއް އުނިކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ބާއްވާ ޖަލްސާތަކުގެ ތެރެއިން މަހެއްގެ މައްޗަށް ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ މެންބަރުންގެ މުސާރައިން ދެބައިކުޅަ އެއްބައި އުނިވާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ގަވާއިދު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެންނަން ފާސްކުރީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަން އެކުލަވައިލި ވަގުތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް އި އިސްހާލަށް އަމަލު ކުރާނީ މަޖިލީހުގެ ތަޅުމުން އިސްލާހު ފާސްކޮށްފިނަމަ އެވެ.

ކޮމިޓީން ފާސްކުރި ގޮތުގައި، މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ކޮންމެ މަހަކު ދެބައިކުޅަ އެއްބައި ޖަލްސާއަށް އެއްވެސް މަގްބޫލް އުޒުރެއް ނެތި ހާޒިރު ނުވެއްޖެނަމަ މެންބަރުންގެ މުސާރައިން ދެބައިކުޅަ އެއްބައި އުނިވާނެ އެވެ. މަގްބޫލް ސަބަބުތަކުގެ ގޮތުގައި ބަލަނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް އިސްލާހުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާާރައިގެ ގޮތުގައި ކޮންމެ މަހަކު 42000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސްގެ ގޮތުގައި 20000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ކޮމިޓީ އެލަވަންސްގެ ގޮތުގައި 20000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ކޮމިޓީ އެލަވަންސް ލިބިވަޑައިގަންނަވާނީ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވަވަޑައިގަންނަވާނަމަ އެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅު ހުވާކުރި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވަނީ މަޖިލީހުގެ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ކޮމިޓީއެއް އެކުލަވައިލާފަ އެވެ. މަޖިލީހުގެ ގަވާއިދަށް އާންމުންގެ ހިޔާލު ހުށަހަޅަން ވެސް ހުޅުވާލި އެވެ.

އެ ކޮމިޓީގެ މަސައްކަތް މާދަމާ ނިމޭނެ ކަމަށް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވި އެވެ. މަޖިލީހުން މިހާރު އަމަލު ކުރަމުން ދަނީ 2010 ވަނަ އަހަރު ފާސްކުރި ގަވާއިދަށެވެ.