ވާހަކަ

ބޭނުންވަނީ ޔާރާ

(3 ޖުލައި 2019 އާ ގުޅޭ)

"މަންމާ، ޒާރާ ރަނގަޅުތަ..........އެމީހުން ސައިބުއީތަ" މަންހާ އެހެން އަހާލީ މޫމިނާ އެހާއިރުވީއިރުވެސް އެމީހުންނާއި ބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމުންނެވެ.

"މަންމަ އައިއިރު އަދި ނުނިކުމޭ ސައިބޯން، އެކަމަކު މިހާރު ސައިބޮއެ ފާނެކަންނޭގެ، އިރުކޮޅަކުން ދާއިން އައިސްދާނެ" މޫމިނާއަށް ހީވީ މަންހާ ދާއިން ދެކިލަންބޭނުންވެފައި ހުރުމުން ބުނެލިއެއްޗެކޭ ކަމަށެވެ. އެހެންވެ މަންހާގެ ހިތްހަމަ ޖައްސާލުމަށް އޭނަ ބުނެލިއެވެ. ޖަވާބުގައި ބުނާނެ އެއްޗެއް ނޭގުމުން މަންހާ ހިނިތުންވެލިއެވެ.

ދިހައެއް ޖަހާލަންވިއިރު އަނެއްކާވެސް މަންހާގެ އެޕާރޓްމެންޓް ހުސްވެއްޖެއެވެ. އެނދުގައި މަންހާ މަޑުމަޑުން އޮށޯވެލީ މާގިނައިރު ކޮޅަށް އުޅެވުނީތީ ރިހުން އިޙްސާސްކުރެވެން ފެށީމައެވެ. ހަށިގަނޑު މަޑުމަޑުން ދަމާލުމަށްފަހު ޓީވީ ހުޅުވާލިއެވެ. ދާއިން އޭނަ ވިހަންވާއިރަށް ކޮޓަރީގައިވެސް ޓީވީއެއް ހަރުކޮށްދިނެވެ. ކައިރީގައި އޮތް ފޯނުން އިރުއިރުކޮޅާ ގަޑިއަށް ބަލާލެވެއެވެ. ދާއިންއަށް އިންތިޒާރު ކުރެވެނީއެވެ. އެހެން އޮއްވާ ފޯނަށް މެސެޖެއް އައެވެ. ހިނިއައިސްފައި ފޯނު ބަލާލިއެވެ. މަންހާގެ ފޯނަށް އައި މެސެޖުފެނި އޭނައަށް ގަބޫލުވެސް ނުކުރެވުނެވެ.

"ހާއި މަންހާ، އާރ ޔޫ އޯލްރައިޓް، ހުރިހާ ކަމެއް ރަނގަޅުތަ.......އަހަންނަށް ރޭގަ މަންހާގެ ހުވަފެނެއް ފެނުނީ.......ޔޫ ވަރ ސޯ ހާރޓް.......އެން ކްރައިން" ފޯނުގައި އިން މެސެޖު މަންހާ ކިޔާލިއެވެ. ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. އެމެސެޖު އައިސްފައިވަނީ ވިޝާލްގެ ނަންބަރުންނެވެ. އަވަސް އަވަހަށް މެސެޖު ކުރުމުގެ ބަދަލުގައި ވިޝާލްއަށް ގުޅާލިއެވެ.

"މަންހާ......." ވިޝާލްގެ އަޑު މަންހާގެ ކަންފަތުގައި ޖެހިގެންދިޔައެވެ.

"އަހަރެންގެ ނަންކިޔާނެކަމެއްނެއް، އެންމެ ދުވަހަކު ދުރު ދުރުން ފެނިލާފަ އަވަހަށް ދިޔައީ، އައި މިސް ޔޫ ވިޝާލް، ޕްލީޒް އާދެބަލަ އަހަންނަށް ގޮވާލަންވިޔަސް، އޭރުން ބުނާނީ ހާލުވެސް، ޕްލީޒް ޕްލީޒް ޕްލީޒް........" މަންހާ ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ ވިޝާލްއަށް ބުނެލިއެވެ.

"އަހަރެން އެހާ ގިނައިން މަންގާތަށް ދިއުން ރަނގަޅެއްނުވާނެއެއްނު" ވިޝާލް މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ.

"ވިޝާލް ތިހެން ނުވިސްނަބަލަ، އަހަރެންވެސް ވާހަކަ ދައްކާލާ ހަދާލާނެ ރަޙުމަތްތެރިއަކު ބޭނުންވާނެއެއްނު، ދެންވެސް އިތުރު ވާހަކައެއް ނުދައްކާ އާދެބަލަ، މިއަދު މެންދުރު ކާނީ އަހަންނާއިއެކު މިގެއިން ދޯ.....ބުނޭ އާއެކޭ.....ވިޝާލް ޕްލީޒް........ސޭ ޔެސް" މަންހާ އަނެއްކާވެސް އާދޭސްކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ.

"އޯކޭ އޯކޭ....... މަންބުނީތީ ދާނަން، އެކަމަކު ބުނަން، އަހަންނަކަށް ނުއެއް ކެވޭނެ" ވިޝާލް ބުނެލިއެވެ.

"މައްސަލައެއްނެތޭ، ކޮންއިރަކުން އަންނާނީ، މިހާރު ތިއަންނަނީތަ؟" މަންހާ އުފާވެލާފައި އަހާލިއެވެ. އެއާއިއެކު ވިޝާލް ހޫން ލައްވާލިއެވެ. އަދި އޭނަ އިރުކޮޅަކުން ހުންނާނީ މަންހާގެ އެޕާރޓްމެންޓުގައި ކަމަށް ބުނަމުން ފޯނު ކަނޑާލިއެވެ.

"ތެންކިއު" ހިނިތުންވެލައިގެން އޮތް މަންހާ ފޯނުގެނެސް މޭގައި ޖައްސާލަމުން ބުނެލިއެވެ. އަދި ކުޑައެނދުގައި ނިދިފައި އޮތް ދަރިފުޅަށް ބަލާލެވުނީ އޭނައަށްލިބުނު އުފަލާއިއެކު ވާހަކަދެއްކުނީ މާބަރަށްހެން ހީވެ ދަރިފުޅު ހޭލަފާނެތީއެވެ. މަންހާ އެނދުންތެދުވެ ކުޑައެނދުގެ ކައިރިއަށް ދިޔައެވެ. ނިދިފައިއޮތް ދަރިފުޅުގެ ގައިގާ އޮޅާލެވިފައިވާ ރަޖާ ރަނގަޅުކޮއްލަމުން މަންހާ ހިނގައިގަތީ ކޮޓަރިން ބޭރަށް ދިއުމަށެވެ. ސިޓިން ރޫމުގެ ދިގުސޯފާގައި ހަށިގަނޑު ދަމާލަމުން ދޮރުން ވަންނަ މީހަކު ފެންނަގޮތަށް މަންހާ އޮށޯވެލިއެވެ. އޭނަ އިންތިޒާރު ކުރަމުންދިޔައީ ވިޝާލް އަންނާނެ އިރަކަށެވެ. ކުއްލިއަކަށް ދާއިންގެ ގާތުގައި އަހާލުން ރަނގަޅުކަމަށް މަންހާގެ ސިކުނޑި ވިސްނާދިނެވެ. އެހެންވެ ދާއިންއަށް ގުޅާލިއެވެ. އެހެންނަމަވެސް ފޯނެއްނުނަގައެވެ. މަންހާއަށް އިތުރަށް ގުޅާކަށްވެސް ނުކެރުނެވެ. އެހެންވެ މެސެޖަކުން ވިޝާލް އޭނަގެ ގާތަށް މިއަދު އަންނަ ވާހަކަ ބުނެލިއެވެ.

"މާދަން އޮފީހަށް ނުކުންނަނީތަ؟" ޒާރާ އަނދުން ފަންސޫރަކުން ލޮލުގެ ކައިރި ފަވާލަމުން ލޯގަނޑުން އެނދުގައި އިށީނދެލައިގެން އިން ދާއިންއަށް ބުނެލިއެވެ. ދެފައިގައި އަތްއަޅުވާލައިގެން ފޯނަށް ބަލަހައްޓައިގެން އިން ދާއިންއަށް ޒާރާގެ އަޑުއިވުނުހެނެއް ހިޔެއްނުވެއެވެ.

"ދާން...." ޒާރާ ދެވަނަ ފަހަރަށް ގޮވާލިއެވެ.

"އާން.....އާން.......ޒާ، އަދި ކިހާއިރެއް ނަގާނެތަ ތައްޔާރުވާން، މިއުޅެނީ ގޭން ބޭރަށް ނުކުންނާކަށް ނޫނެއްނު، މިހާރު މެންދުރުވީ، އަދި މިއުޅެނީ ބޭބީ ދެކިވެސް ނުލާ، ދެން ހިނގާ މަންހާގެ ގާތަށް" ހިޔާލުތަކާއި ދުރުވި ދާއިން އަވަސް އަވަހަށް ބުނެލިއެވެ.

"ހޫމް ދެން ހިނގާބަލަ، ދާއިން ތިހެން އިންނާތިއޭ މަވެސް މިއިނީ ދާން ނޫޅެ" ޒާރާ ތެދުވަމުން ބުނެލިއެވެ.

ކުއްލިއަކަށް ހުޅުވުނު ދޮރާއިއެކު ސޯފާގައި އޮތް މަންހާ ތެދުވަން އުޅުނެވެ. އެއާއިއެކު ޒާރާ އަވަސް އަވަހަށް އައިސް މަންހާގެ ގައިގާ ހިފަހައްޓާލިއެވެ.

"މަން......ސޯފާގަ ކީއްކުރަނީ" ޒާރާ އާއިއެކު ވަތް ދާއިންއަށް މަންހާ ފެނުމުން ބުނެލިއެވެ.

"ތެދެއް މަންހާ، އެނދުގަ އަރާމުކުރަން އޮންނަންޖެހޭ މީހަކު މިތާ ސޯފާގަތަ އޮންނަނީ" ޒާރާ ކަންބޮޑުވުން ފާޅުކުރަމުން ބުނެލިއެވެ.

"ޒާރާ.......ދާއިން....." ހީލާފައި މަންހާ ބުނެލިއެވެ. އަދި ޒާރާ އާއި ދާއިންގެ އެހީގައި ތެދުވެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ޒާރާގެ ހިނިތުންވެލާފައިވާ މޫނުފެނުމުންވެސް މަންހާއަށް ހިތްހަމަޖެހުން އިޙްސާސްކުރެވިގެންދިޔައެވެ. އަދި މަންހާގެ ހަރަކާތްތަކުގައި އެކުލެވިފައިވާ އޯގާތެރިކަން ފެނި އުއްމީދުގެ ހުޅުކޮޅުގެ އަލިގަދަވެގެން ދިޔައެވެ. އެއްފުރާޅެއްގެ ދަށުގައި ދާއިން އާއިއެކު ދިރިއުޅުން ފަސޭހަވެގެން ހިނގައްޖެއެވެ.

"ދާއިން އާއި ދޯ ވައްތަރީ......އަޅެ ނިދާފަ އެއޮތީ، އެކަމަކު ހޭލަން އުޅޭކަހަލަ ގޮތަކަށް އެއުޅެނީ، ދާން، ޒާ އުރާލަންތަ ބޭބީ......." ޒާރާ ކުޑައެނދަށް ގުދުވެއޮވެވާހަކަދެއްކިއެވެ.

"ހޫމް ކީއްވެ އުރާނުލެވެންވީ" މިހެން ބުނެލި ދާއިންގެ މޫނުގައިވާ ހިނިތުންވުން މަންހާއަށް ފާހަގަކުރެވިގެންދިޔައެވެ.

"ނޫން، ނުކެރޭނެ ނަގާކަށް، އަޅެ ދާން ނަގާދީބަލަ، ހާދަ ކުޑައޭ" ޒާރާ ތުއިގޮތަކަށް ދާއިންއަށް ބުނެލިއެވެ. އެއާއިއެކު ދާއިން މަޑުމަޑުން ދަރިފުޅު ނާގާ ނިތުގައި ބޮސްދީގައި ޒާރާގެ އަތަށް ލާދިނެވެ.

"ދަރިފުޅާ މީވެސް މަންމައެކޭ ދަރިފުޅުގެ......." ދާއިން ހިނިއައިސްފައި ޒާރާގެ ކޯތާފަތުގައި ފިރުމާލަމުން ދަރިފުޅަށް ބަލާލާފައި ބުނެލިއެވެ. އެހިނދު ޒާރާ އާއި މަންހާގެ ހުނުމުގެ އަޑުއިވިގެންދިޔައެވެ. މަންހާގެ ނަޒަރު ގިނަވަގުތު ހުއްޓިފައިވަނީ ދާއިންއަށެވެ. އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނަގެ ގާތުގައި އައިސް ދާއިން އިށީނދެލާނެ އިރަކަށް އޭނަގެ ހިތްތެޅެމުންދިޔައެވެ. މަންހާގެ އަތުގައި ހިފާލާނީ ކޮންއިރަކުންބާއޭ އަމިއްލަހިތާ ސުވާލުކުރެވެމުންދިޔައެވެ.

"މިހާރު ނަމެއް ހޯދީތަ؟" ޒާރާ އަހާލިއެވެ.

"ހޫމް....." މަންހާ މަޑުމަޑުން ބުނެލިއެވެ.

"ކޮންނަމެއް؟" ދާއިން ޒާރާގެ ގާތުގައި ހުރެ މަންހާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"ނެހާ، މަންމައަށްވެސް ވަރަށް ކަމުދިޔަ، މިއަދު ހެނދުނު މަންމަ ގާތުވެސް ބުނީ، ދާއިން އައީމަ ބުނަންވެގެން މިހުރީ" މަންހާ ބުނެލިއެވެ.

"ނެހާ އެއީ ރީތި ނަމެއް، ދޯ ޒާރާ، ބައްޕިގެ ނެހާއޭ މީ" ދާއިން ޒާރާގެ އަތުގެތެރޭ އޮތް ދަރިފުޅުގެ މޫނުގައި ބޮސްދިނެވެ. އެންމެންގެ ސަމާލުކަން ކުއްލިއަކަށް އެހެންދިމާލަށް ހުއްޓިގެން ދިޔައީ ބޭރު ދޮރުގެ ބެލްޖެހި އަޑަށެވެ. ދާއިން ކާކުތޯ ބަލާފައި އަންނާނަން ކަމުގައި ބުނެ އެކޮޓަރިން ބޭރަށް ހިނގައިގަތެވެ.

"އައްސަލާމް އަލައިކުމް......" ދޮރުހުޅުވާލި ދާއިން ފެނުމުން ވިޝާލް ސަލާމަށް އަތްދިއްކޮއްލިއެވެ. ދާއިން އަވަސް އަވަހަށް ވިޝާލްގެ އަތުގައި ހިފަމުން ސަލާމް ބަލައިގަނެ އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ.

"މަންހާ....." ވިޝާލްއަށް ބުނެލެވުނެވެ.

"އެބަ އޮތް ކޮޓަރީގަ، ޑޮކްޓަރު ގެއަށް ފޮނުވާލިޔަސް އަދި އަރާމުކުރަންވާނެއެއްނު ދޯ، އެހެންވެ ނުތެދުވައްޗޭ ކިޔައިގެން މިއުޅެނީ.......ވިޝާލްގެ ހާލު ކިހިނެއްތަ؟" ދާއިން ވިޝާލް އާއިއެކު ވާހަކަދައްކަމުން ކޮޓަރި އާއި ދިމާލަށް ދިޔައެވެ.

"ރަނގަޅު......." ވިޝާލްއަށް މާގިނަ ވާހަކަތަކެއް ދާއިން އާއި ދައްކާނެ ނޭގުނެވެ. އަނެއްކޮޅުން ދާއިން އާއި ވާހަކަދައްކަން އޭނަ ޖެހިލުންވެސް ވަނީއެވެ. ހިތުގައި އަދިވެސް ބުނެދޭން ނޭގޭ ހައިޖާނެއް އުފެދިގަންނަނީއެވެ.

"މަން، ބަލާބަލަ، ކާކުތަ މިހިރީ އައިސް....." ދާއިން ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

"ވިޝާލް......" ހިނިއައިސްފައި މިހެން ބުނެލިއިރު، އޭރު މަންހާއަށް އަދި ވިޝާލް ނުވެސްފެނެއެވެ.

"ހޫމް، ރަނގަޅަށް ތިބުނީ" ދާއިން ޒާރާގެ ގާތަށް ޖެހިލަމުން ބުނެލިއެވެ. އަދި ރީތިވާ މޭޒުކައިރީ ހުރި ގޮނޑި ދަމާލަމުން ވިޝާލް އިށީނުމަށް ދައްކާލިއެވެ. ވިޝާލް އެކޮޓަރިއަށް ވަނީއްސުރެން ޒާރާގެ ނަޒަރު ހުއްޓިފައިވަނީ ވިޝާލްއަށެވެ. އޭނަގެ ހަރަކާތްތަކަށެވެ. ދާއިން މަންހާގެ ގާތުގައި އިށީނުމަށް އުޅުނު ހިނދު ޒާރާ ގޮވާލިއެވެ.

"ބޭބީއަށް ހީސްލެވިފަކަންނޭގެ މިއޮތީ........" ޒާރާ ބުނެލިއެވެ.

"ޒާރާ ސާފުކޮއްލަންވީނު" ދާއިން މިހެން ބުނަމުން އަނެއްކާވެސް ޒާރާގެ ގާތަށް ދިޔައެވެ.

"އަހަންނަކަށް ނޭގޭނެ، ބޭބީ ގޮވައިގެން ހިނގާ ތިރިއަށްދަމާ، އޭރުން މަންމަވެސް ހުންނާނެއެއްނު" ޒާރާ ބުނެލިއެވެ.

"އަހަރެން ސާފުކޮއްލަފާނަން، އޭރުން ޒާރާ ބޭނުންނަމަ ތިރިއަށް ބޭބީ ގެންދޭ، އެކަމަކު ބަނޑުހައިވެގެން ވަރަށް އަވަހަށް ރޯންފަށާނެ" ހިނިތުންވެލަމުން މަންހާ ބުނެލިއެވެ.

"އިޓްސް އޯކޭ......." ޒާރާ ބުނެލިއެވެ. އެހެންނަމަވެސް މަންހާ ތެދުވިއެވެ. އެހިނދު ވިޝާލް މަންހާގެ އަތުގައި ހިފަހައްޓާލީ އެހީތެރިވުމުގެ ގޮތުންނެވެ. ނަމަވެސް އޭނަގެ ހިތަށް ފިނިވެގެން ދިޔަހެން ހީވިއެވެ.

"މަން އަށް ސާފުކޮއްލެވެންޏާ ރަނގަޅުވާނީ ސާފުކޮއްލައިގެން ދިއުމެއްނު، އަނެއްކާ މަންމަ މިވަގުތު ބިޒީވެސް ވެދާނެ" ދާއިން މަންހާގެ ގާތަށް އަވަސް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ. އަދި މަންހާގެ ގައިގާ ހިފަހައްޓާލައިގެން ހުރެ އޭނަ އާއިއެއްވަރަށް ހިނގަމުން ދިޔައެވެ. މޫމިނާގެ ފަރާތުން އޭނައަށް ވަނީ ދަރިފުޅުގެ ވަރަށް ގިނަކަންތައްތައް ކުރާނެގޮތް ދަސްވެފައެވެ. އަމިއްލަ ދަރިފުޅުގެ ކަންތައްތައް ކުރަންވެސް ބޭނުންވަނީ ހުދު މަންހާ އަމިއްލައަށެވެ.

ވިޝާލް އާއިއެކު އޮތް ރަޚުމަތްތެރިކަމުގެ ގުޅުން ހީނަރުވެފައިވިއެއްކަމަކު އެގުޅުން ބަދަހިވެގެންދިއުމަށް މަންހާ އާއި ދާއިންގެ ދަރިފުޅުގެ ނަންކިއުމުގެ ހަފްލާވެގެންދިޔައެވެ. އަދި ދެއާއިލާގެ ގުޅުންވެސް ބަދަހިވެގެންދިއުމަށް ލިބުނު ފުރުޞަތަކަށް އެކަންވިއެވެ. ދާއިންގެ އޮފީހުގެ މުވައްޒަފުންނާއި ކާއިލްގެ އާއިލާ އާއި ދާއިންގެ އެންމެ ގާތް ރަޙުމަތްތެރިއާ ޒައުލްވެސް މިކަމުގައި ބައިވެރިވިއެވެ. ހެދުނުއްސުރެން މަންހާގެ އާއިލާގެ ހުރިހާ ކުދިން އައިސް އުޅުނީ މަންހާގެ ގާތުގައެވެ. އޭނަގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އަލީޝާވެސްމެއެވެ. ކާއިލްގެ މަންމަ ހުދާގެ ހިތްހެޔޮކަން މަންހާއަށް ފެނިގެންދިޔައެވެ. ދާއިންގެ ދެވަނަ އަނބިމީހާއަށްވީތީ އެއްވެސް ތަފާތުކުރުމެއް އެކަކުގެ ފަރާތުންވެސް ނުފެނުނެވެ. ޒާރާގެ ހިތްހެޔޮ ކަމާއި މަންހާ އާއި އޭނަގެ ދަރިފުޅާއި ހެދި އުޅޭވަރު އެންމެނަށް ނަންކިއުމުގެ ކަންތައްތައް ކުރިއަށް ދިޔައިރު ފެނިގެންދިޔައެވެ. މަންހާއަށްވުރެ ދަރިފުޅު ނެހާ ގޮވައިގެން ޒާރާ އުޅޭވަގުތުތައް ގިނައެވެ. އޭނަގެ އަތަށް ދަރިފުޅު އަރަނީ ހަމައެކަނި ބަނޑުހައިވެގެން ރޯންފެށުމުންނެވެ. މަންހާގެ އާއިލާގެ މެންބަރުންވެސް ޒާރާގެ ރަނގަޅުކަން ފާހަގަކުރިއެވެ. އަދި އެމީހުންގެ ކޮއްކޮގެ ނަސީބާމެދު އުފާކުރިއެވެ.

މަންހާ ދަރިފުޅު ނެހާ ގޮވައިގެން ދާއިން އާއިއެކު އޭނަގެ އަމިއްލަ ގެއަށް ދިޔައީ ނަންކިއުމުގެ ހަފްލާގެ ތެރެއިންވެސް ވަސީމާގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. އަމިއްލައަށް ދާއިންގެ ގާތުން އެދިގެން އޭނަގެ ފަރާތުން އެފިޔަވަޅު ކުރިއަށް އެޅީއެވެ. ލޯބިވާ މަންމައަށް ޓަކައެވެ. މަންމަގެ ދަރިފުޅާއި މާމަ ދަރިފުޅާއިއެކުގައި ފެނުމުން ވަސީމާގެ ރުޅިމަޑުވެދާނެއޭ މަންހާގެ ހިތަށް އެރުމުންނެވެ. ދާއިން މަންހާއަށްޓަކައި އޭނަގެ އުފަލަށްޓަކައި އެކަމަށް ގަބޫލުވިއެވެ. ނަންކިއުމުގެ ކަންތައްތައް ނިންމާލުމަށްފަހު ޖެހިގެން އައި ހަފްތާގައި މަންހާ އެންމެ އިސްކަމެއް ދީގެން ކުރަން ނިންމި ކަމަކީ މީއެވެ.

ދާއިންގެ ކާރުގޮސް މަންހާމެންގޭ ކައިރީ މަޑުކޮއްލުމާއިއެކު މަންހާ ކާރުން ފައިބައިފިއެވެ. އަދި ދާއިން ދަރިފުޅު ނެހާ ގޮވައިގެން ފައިބާ ކާރު ލޮކްކޮއްލިއެވެ. މަންހާގެ އުނަގަނޑުގައި ހިފާލައިގެން ހުރެ މަޑުހިނގުމުގައި މަންހާ އާއިއެކު ދާއިން އެގޭތެރެއަށް ވަނެވެ. ސަރުކާރު ބަންދު ދުވަހަކަށްވެފައި އާއިލާގެ ހުރިހާ މެންބަރުންވެސް ގޭގައި އުޅޭނެކަން މަންހާއަށް ޔަގީންވެއެވެ. ހަވީރުގެ އެގަޑީގައި އޭނަގެ ގެއަށް އައީވެސް އެހެންވެއެވެ. މަންހާ ދޮރުމަތީގައި ހުއްޓެމުން ސަލާމްގޮވާލިއެވެ. ސަލާމް ބަލައިގަތް ސަޢީދުގެ އަޑު މަންހާއަށް އިވުމާއިއެކު ހިނިތުންވެލެވުނެވެ. އަދި އުފަލުން ހުރެ ދާއިންއަށް ބަލާލިއެވެ.

"ދަރިފުޅުމެންތަ، ކީއްވެތަ ބޭރުގަ ތިތިބީ، އައްދޭ ކާފަގެ ނެހާވެސް ގޮވައިގެންތަ މިއައީ" ސަޢީދު ދާއިންގެ އަތުގެތެރޭގައި ނިދިފައި އޮތް ކުޑަކުޑަނެހާ އުރާލުމަށް އުޅުނެވެ. ދާއިން ހިނިތުންވެލާފައި ދެކޮޅުހެދުމަކާއިނުލާ އެދަރިފުޅުގެ ކާފަ އުރާލުމަށް ދިއްކޮއްލިއެވެ.

"ވަސީ......ޝަރަފް، ޖޫން......ނިކަން ނުކުމެބަލަ، ބަލާބަލަ މިހިރީ ކާކުތަ މިގެއަށް އައިސް" ސަޢީދު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ބައްޕާ ހާދަ ބާރަކަށް އަޑުގަދަކުރައްވަނީ، އަހާ މަންކޮ.....ކޮންއިރަކު އައީ" އަތުގައި އޮތް ލެޕްޓޮޕާއިއެކު ކޮޓަރިން ބޭރަށް ބޯދިއްކޮއްލި ޝަރަފްއަށް ބުނެލެވުނެވެ. އަދި އަވަސް އަވަހަށް ލެޕްޓޮޕް ކޮޓަރިއަށް ލާފައި ނުކުމެ ޝިމާދުމެންގެ ދެމަފިރިންނަށްވެސް ގޮވައިފިއެވެ. ޖޫންއަށް މަންހާ ފެނި އުފަލުން އުދުއްސައި ނުގަތީ ކިރިޔާއެވެ. މަންހާ ފެނުމުން އެންމެންގެ މޫނުތައް އުޖާލާވެގެން ދިޔައީ ހަމަ އެއްމެ ސަބަބާކާއިހެދިއެވެ. އެއީ ދާއިން އާއި ކައިވެނި ކޮއްގެން ދިޔައީސުރެން މަންހާ އެގެއަށް އައި ފުރަތަމަ ފަހަރަށް ވީތީއެވެ.

"ބައްޕާ، ކޮބާތޯ މަންމަ......" ސޯފާއިގައި އިށީނދެގެން އިން މަންހާ އަހާލިއެވެ.

"މަންމަ ކޮޓަރީގަ، ޓީވީ ބަލަންކަންނޭގެ، ދޮންބެދައްތަ ގޮވާލަދެންތަ" ސަޢީދުއަށްވުރެ ކުރިން ޖޫން ވާހަކަދެއްކިއެވެ.

"ނޫން ނޫން، އަޅުގަނޑު މަންމަ ގާތަށް ވަދެލަފާނަން" މަންހާ އަވަސް އަވަހަށް ތެދުވިއެވެ. ދާއިންއަށް ބަލާލަމުން ވަސީމާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ސަޢީދުގެ އަތުގައި އޮތް ނެހާވެސް އުރާލައިގެންނެވެ. ދާއިން މަންހާއަށް ބަލަހައްޓައިގެން އިންގޮތަށް އިނީއެވެ. އެހެންމީހުން ކަންބޮޑުވުމާއިއެކު މަންހާ އާއި ދިމާލަށް ބަލަހައްޓައިގެން ތެދުވެތިއްބެވެ. މަންހާ ވަސީމާގެ ކޮޓަރި ދޮރުހުޅުވާލާފައި ވަނުމާއިއެކު އެނދުގައި އޮތް ވަސީމާ ފެނިއްޖެއެވެ. ވަސީމާއަށް މަންހާ ފެނުމާއިއެކު ފުއްމައިގެން ތެދުވެވުނު ގޮތްވެސް ނޭގެއެވެ. ހައިރާންވެފައި މަންހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

"މަންމާ......މަންމާ........" ވަސީމާއަށް މަންމާއޭ ކިޔާގޮވާލެވުމުންވެސް މަންހާގެ ހިތަށް ބުނެދޭންވެސް ނޭގޭ ހިތްހަމަޖެހުން އިޙްސާސްކުރެވިގެންދިޔައެވެ. ވަސީމާ އެއްވެސް އެއްޗެއް ނުބުނެ މަޑުން ހުންނަންފެށުމުން މަންހާ ކުރިއަށް ކުދިފިޔަވަޅުތަކެއް އަޅަމުން ދިޔައެވެ.

"މަންމާ، މީ އަޅުގަނޑުގެ.....ނެހާ، މަންމަގެ މާމަ ދަރިއެއް، މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ލިބުނު ފުރަތަމަ ދަރިފުޅު، މަންމާ ބަލާލަބަލަ........" މަންހާ ވާހަކަދައްކަމުން ބުނެލިއެވެ.

"ހުއްޓޭ..........މިކޮޅަށް ނާންނާތި، އަހަރެންގެ އަންހެން ދަރިއެއް ނުހުންނާނެ، ފާޑެއްގެ މީހަކާ އިންފަހުން މަގޭހުރި އަންހެން ދަރި މަށަށް މަރުވެއްޖެ..........." ވަސީމާ މޫނު އަނބުރާލަމުން ބުނެލިއެވެ.

"މަންމާ ޕްލީޒް، އަޅުގަނޑު މިއައީ މަންމަ ދެކިލާހިތުން، މަންމަ ތިހާ ނަފުރަތު ނުކޮއްބަލަ ދާއިންއަށް، އޭނައަކީ ރަނގަޅު މީހެކޭ، އޭނަ އަޅުގަނޑުދެކެ ވަރަށް ލޯބިވޭ........އަޅުގަނޑުމެން ދެމައިންދެކެ އިންތިހާއަށް ލޯބިވޭ، އަޅުގަނޑު ދެރަވާނޭފަދަ އެއްވެސް ކަމެއް ދާއިން ނުކުރޭ، މަންމާ، މަންމަގެ ދަރިފުޅު މިއުޅެނީ އުފަލުގައޭ.......ގަބޫލުކޮއްބަލަ، ދެއަހަރު ވަނީމި، މަންމަ އަޅުގަނޑު ދެކިލާ ހިތެއް ހަމަނުވޭތަ، މިކުޑަކުޑަ މާމަ ދަރިފުޅު ދެކިހާހިތްވެސް ނުވަނީތަ، މަންމާ، އަޅުގަނޑަށް މާފުކުރައްވާނީ ކޮންދުވަހަކުން............" މަންހާ ދެރަވެފައިހުރެ ވާހަކަދެއްކިއެވެ. އެހެންނަމަވެސް ވަސީމާގެ ހިތަށް ކުޑަވެސް އަސަރެއްނުކުރިއެވެ. އޭނަ މަންހާގެ އަތުގައިވާ ތުއްތު ކުއްޖާއަށް ބާލާލަންވެސް ހިތަށް ނޭރިއެވެ. އޭނަގެ ހިތް ކަޅުވެ ހަރުހިލައަށް ވެފައިވާކަހަލައެވެ.

"ކަލޭ ކައިރީ ނުބުނަންތަ މިގެއަށް ނާންނާށޭ، މީ މިހާރު ކަލޭގެ ގެއެއްނޫނޭ، ނުކުމޭ ހަމަ މިހާރު، ކަލޭގެ ބައްޕަ އާއި މިގޭގަ އުޅޭ އެހެން މީހުން ކަލެއާއި ވާހަކަދެއްކިޔަސް އަހަރެން ކަލެއާއި ވާހަކަދައްކާނެ ކަމަށް ހީކުރުން އެއީ ކަލެއަށް ނުވިސްނޭކަން، މާރަނގަޅުވީސް މިގެއަށް އެއްގޮތަކަށްވެސް ނައިނަމަ.......ދޭ ދޭ، ނުކުމޭ މިކޮޓަރިން، މިގެއިންވެސް ކަލޭ ނުކުމެގެން ދާން އަހަރެން ބޭނުންވަނީ، އަދި ހުރިހާ އެއްޗެއް ބުނެފަ ބޭރުކޮއްލީމަވެސް ލަދުހަޔާތްނެތިގެން މަގޭކުރިމައްޗަށް އަންނަން ކެރުނީތީ ހައިރާންވޭ، ދާއިން ކަލެއާއި އިނދެގެން ތިއުޅެނީ ކަލޭގެ ރީތިކަމަށް، ނޫނީ ދަރިން ހޯދުމުގެ ބޭނުމުގަ........ލޯތްބަކުންނެއްނޫން، މާދަންވެސް އެހެން ރީތި އަންހެން ކުއްޖެއް ފެނުނީމަ އެނގޭނީ ތިދާއިންއެއްގެ ވަރުވެސް......." ވަސީމާ އަޑުގަދަކޮށް އެއްޗެއްހި ކިޔަންފެށިއެވެ. މަންހާއަށް އެތެރެއަށް ލީނޭވާ ބޭރުކޮއްލަންވެސް ހަނދާންނެތިފައި ހުރިހެން ހުއްޓުން އަރާފައި ވަސީމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ފެންކަޅިވެ ކަރުނުން މަންހާގެ ދެލޯ ފުރިގެންދިޔައެވެ. އެއްޗެއް ބުނަން އަނގަހުޅުވާލި ނަމަވެސް އޭނަ އެއްވެސް އެއްޗެއް ނުބުންޏެވެ. އެހިނދު ލޮލުގައި ޖަމާވެފައިވާ ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބައިގެންދިޔައެވެ. އަތުގައި އޮތްދަރިފުޅު މެޔާއި ގާތްކޮއްލަމުން މަންހާ ކަރުނުން ފުރިވައިވާ ދެލޮލުން ވަސީމާއަށް ބަލާލީ އެންމެ ފަހުފަހަރަށް އެމަންމައަށް ބަލާލާފަދަ ގޮތަކަށެވެ. އެހާވެސް އަސަރާއި ހިތްދަތިކަމާއިއެކުއެވެ. ވަސީމާ ރުޅިވެރި މޫނަކާއިއެކު މަންހާ އާއި ދުރަށް ނަޒަރުހުއްޓައިލައިގެން ހުއްޓެވެ. ދެލޯފޮހެލަމުން މަންހާ އަވަސް ފިޔަވަޅުގައި އެކޮޓަރިން ނުކުތެވެ.

ސޯފާގައި އިން ދާއިންއަށް މަންހާ ފެނުމާއިއެކު ތެދުވެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. އޭނައަށް މަންހާގެ ރޮވިފައިވާ މޫނު ފެނުނީ އޭގެ ފަހުންނެވެ. ގޭގެ އެހެން ކުދިންނަށްވެސް އެމަންޒަރު ފެނިގެންދިޔައެވެ. އެހެންނަމަވެސް މަންހާ އޭނަގެ ލޮލުގައި ގިނަވަމުން އައި ކަރުނަތައް ހިންދާލުމަށް މަސައްކަތްކުރަމުން ހިނިތުންވެލިއެވެ.

"ބައްޕާ.......މާފުކުރައްވާ އަޅުގަނޑުމެންނަށް، ވަރަށް އަވަހަށް ދާން އެބަޖެހޭ، އަދި ކޮންމެވެސް ދުވަހަކުން އަންނާނަން، މިވަގުތު އަޅުގަނޑުމެން ގޮސްލުމުގެ ހުއްދަދެއްވާ، އެކުން މި އާދެވުނީވެސް މަންމައަށް އަޅުގަނޑުގެ ދަރިފުޅު ދައްކާލަންވެގެން......." ހިނިތުންވެލައިގެން ހުރެ މަންހާ ބުނެލިއެވެ. ސަޢީދު އާއި ދެންތިބި ކުދިންނަށްވެސް ހައިރާންކަމާއިއެކު އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ކުއްލިއަކަށް މަންހާއަށް ބަދަލުތަކެއް އަތުވެއްޖެކަން އެނގުނެވެ.

(ނުނިމޭ)