އިރާނުން 2015 ވަނަ އަހަރު ވެފައިވާ ނިއުކުލިއާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޔޫރޭނިއަމް ފައްކާ ކުރާނެ ކަމަށް މިހާރު އަޅައިފައިވާ ދަތިތަކަށްވުރެ އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު އިރާނުން ބުނެފައިވަނީ ދުނިޔޭގެ ބާރުގަދަ ގައުމަކަށް އިރާން ހެދުމަށް ޔުރޭނިއަމް ބޭނުން ވަރަކަށް އުފައްދަމުން ދާނެ ކަމަށެވެ. އަދި އެކަން ކުރުމުގައި އެމެރިކާގެ ބަހަކަށް ނުވަތަ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކަށް ނުބަލާނެ ކަމަށެވެ.
އިރާނުން ނިއުކުލިއާ އަދި ޔޫރޭނިއަމް ބޭނުންކުރާ މިންވަރު މަދު ކުރުމުގެ ބޭނުމުގައި 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއި އެކު ހެދި އެއްބަސްވުމުން އެމެރިކާ ވަނީ 2018 ވަނަ އަހަރު ވަކިވެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕޭއޯ އިރާނަށް އިންޒާރު ދެއްވަމުން އިތުރަށް ވިދާޅުވީ، މިހާރު އިރާނުގެ އަމަލުތައް އެ ހުންނަ ގޮތުން ދުނިޔޭގެ ގައުމުތަކުން ބޮޑު ބިރަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް އިރާނުން ޔޫރޭނިއަމް ބޭނުން ކުރަމުންދާ ކަމަށް އދ. ގެ ނިއުކުލިއާ ކަންތައް ބަލަހައްޓާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ވެސް ވަނީ ބުނެފަ އެވެ. އެއްބަސްވުމުގައިވާ ގޮތުން އިރާނަށް ޔޫރޭނިއަމް ބޭނުން ކުރެވެނީ 300 ކިލޯގްރާމަށެވެ.