މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ދެ ޕާޓީން ބޭއްވި އެއްވުމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ކާނިވާ ސަރަހައްދުގައި ޕީޕީއެމާއި ޕީއެންސީން ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބޭ ދުވަހަކުން ދައުލަތުގެ ހަރު މުދާ ވިއްކާ ގޮތަށް މި ސަރުކާރުން ވެފައިވާ އެއްބަސްވުންތައް "އެފުށުން މިފުށަށް" ޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރާއި މަޖިލީހުގެ ގިނަ ނިންމުންތަކަށް ޔާމީން ފާޑުވިދާޅުވެފައިވެ އެވެ.
ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދެވެ. އެ މައްސަލަ ބަލައިގަންނަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ 54 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ފޭދޫ ދާއިރާގެ މެންބަރު ނިހާދު ވިދާޅުވީ ރައީސް ޔާމީން ނިސްބަތްވާ ޕާޓީތަކުން ބޭއްވި އެއްްވުމެއްގައި އެމަނިކުފާނަށް ބާރެއް ލިބިވަޑައިގަންނަވާ ދުވަހަކުން ސަރުކާރުގެ އެއްބަސްވުންތައް "އެފުށުން މިފުށަށް" ޖަހާނެ ކަމަށް ވިދާޅުވުމަކީ ދައުލަތަށް އިންޒާރު ދެއްވުން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އެތައް އެއްބަސްވުމެއް ގާއިމުކޮށްފައިވާ ފަރާތަކުން މިފަދަ ވާހަކަތައް ދެއްކުމަކީ ނުރައްކަލެއް ކަމަށެވެ.
ރައީސް ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސްް ވަނީ ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން އެއްބަސްވުންތައް "އެފުށުން މިފުށަށް" ޖެހުމަކީ ރައްޔިތުން ޔާމީނަށް ވެރިކަން ނުދޭނެ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޔާމީންގެ ސަރުކާރުން ދައުލަތުގެ މާލިއްޔަތަށް ގެއްލުން ވާނެ ގޮތަށް އެތައް އެއްބަސްވުމެއް ގާއިމު ކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.