ދުނިޔެ

ބޮޑު އަގުލަބިއްޔަތަކުން ގްރީސްގެ އިންތިހާބު އިދިކޮޅުން ކާމިޔާބު ކޮށްފި

ގްރީސްގައި ކުރިއަށް ދިޔަ އާންމު އިންތިހާބު އިދިކޮޅު ޕާޓީ ކަމަށްވާ ނިއު ޑިމްކޮރްސީން ކާމިޔާބުކޮށްފި އެވެ.

ވޯޓުލުން ކުރިއަށް ގެންދިޔަ ގިނަ ހިސާބުތަކުގައި މިހާރު ވޯޓު ގުނުން ނިމިފައިވާއިރު ނަތީޖާ ދައްކާގޮތުން، ގްރީސްގެ މިހާރުގެ ޕްރައިމް މިނިސްޓަރު އެލެކްސް ޓްސިޕިރާސް އަށް ކާމިޔާބު ވެފައިވަނީ މަޖިލިސްގެ 31.53 ޕަސަންޓެވެ. އަދި އިދިކޮޅު ނިއު ޑިމްކޮރްސީއަށް ކަމީޔާބުވީ 39.85 ޕަސަންޓެވެ. އެއީ މަޖިލިސްގެ 158 ގޮނޑި އެވެ.

ނަތީޖާތަކަށް ބެލުމަށްފަހު އެލެކްސް ޓްސިޕިރާސީ ވަނީ ބަލި ގަބޫލުކުރައްވައި ކިރިޔާކުޝް އަށް މަރުހަބާ ދަންނަވާފަ އެވެ.

"ގައުމުގެ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރަން، ގްރީސް މިހާރު މިއޮތް ހާލަތަށް ގެނައުމަށް ބުރަ މަސައްކަތެއް ކުރަން ޖެހުނު" ބަލި ގަބޫލު ކުރައްވަމުން އެލެކްސް ޓްސިޕިރާސީ ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބު ކުރި ނިއު ޑިމްކޮރްސީގެ ލީޑަރު ކިރިޔާކުޝް މިޓްސޮޓާކިސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާ އަށް ރައްޔިތުން ހަވާލުކުރި ޒިންމާއަކީ ބޮޑު ޒިންމާއެއް ކަމަށެވެ.

"ރައްޔިތުން ފަހްރުވެރިކަމާއި އެކު ވޯޓު ލައި ގައުމުގެ ޝަރަފު މަތިކޮށްފި، ގްރީސް ބައިބައި ވެފައި އޮތުމަށް ރައްޔިތުން ބޭނުން ނުވާކަން ހާމަކޮށްފި" ކިރިޔާކުޝް ވިދާޅުވި އެވެ.

މިއީ ގްރީސްގެ ދައުލަތް ބަނގުރޫޓު ވުމަށްފަހު ދުނިޔޭގެ ގައުމުތަކުގެ އެހީގައި މަލީ ދަތިކަމުން އަރައިގަތުމަށްފަހު ބޭއްވި ފުރަތަމަ އާންމު އިންތިހާބެވެ. ފާއިތުވި 10 އަހަރު ގްރީސްއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ވަނީ ގިނަ ބައެއްގެ ވަޒީފާ ގެއްލި އިގްތިސާދު މުޅިން ހެން ބަނގުރޫޓްވެފަ އެވެ. އަދި ފަގީރުންގެ ނިސްބަތްވާ ވަނީ ހީވެސް ނުކުރަހާ މައްޗަށް ގޮސްފަ އެވެ.