ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.
ބީއެމްއެލްގެ 36 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 30 ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެން ގައެވެ.
ޖަލްސާގެ އެޖެންޑާ
- ކީރިތި ގުރްއާނުގެ ބަރަކާތުން ޖަލްސާ ފެށުން
- 35 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
- 1 ޑިސެމްބަރު 2018 ގައި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުން
- ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުން
- ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުން
- 2019 ވަނަ އަހަރަށް އައްޔަންކުރާ އޮޑިޓަރުން ހޮވާ އުޖޫރަ ކަނޑައެޅުން
- ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބުކުރުން
- ހިއްސާދާރުންގެ ހިޔާލު ފާޅުކުރުން
- ޖަލްސާ ނިންމުން
ބީއެމްއެލް އަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ހަ ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ބީއެމްއެލް އިން އާއްމުކުރި މި އަހަރު ފުރަތަމަ ތިން މަހުގެ މާލީ ރިޕޯޓްގައިވާ ގޮތުން މި ކްއާޓގައި ޓެކްސް އަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 379 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެ ބޭންކުން ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާ ހޯދައިފި އެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު ވުމެކެވެ. އަދި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެ އިން 129.16 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ވަނީ ނިންމާފަ އެވެ. އެއީ ހިއްސާ އަކަށް 24 ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.