ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނުކުޅެދުންތެރިކަން ހުންނަ މީހުން ވިޔަފާރި ފަށަން ލޯނެއް ތައާރަފް ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ފަހި ކުރުމުގެ ގޮތުން އިންޓްރެސްޓް ކުޑަ ލޯނެއް ތައާރަފްކުރާނެ ކަމަަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރަން ދޭ ރިވެލި އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ދޫކުރާ ލޯނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފެށުމަށް ދޫކުރާނެ އިންޓްރެސްޓް ކުޑަ ލޯނެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ބަލައި އެފަރާތެއް އެއްކިބާ ނުކޮށްލާނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ އެފަދަ ފަރާތްތަކަށް ހާއްސަ އަޅާލުންދީ ރައްކާތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް، އިންޓްރެސްޓް ކުޑަ ލޯނު ލިބޭނެ މަގު، ސަރުކާރުން މިއަންނަނީ ތަނަވަސްކޮށްދެމުން، މީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ބަލައި، އެމީހަކު ހަވާސާ ކޮށްލުމަކީ، އަޅުގަނޑުމެންގެ މުޖްތަމަޢު ގަބޫލުކުރާ އުސޫލެއް ނޫން. މި ސަރުކާރުގެ ސިޔާސަތަކީ، އެފަދަ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި އަޅާލުން ދިނުން" ރައީސް ވިދާޅުވި އެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަމަކީ ބަދުނަސީބެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ މީހުންގެ ކިބައިގައި ހުރި ހުނަރާއި، ގާބިލްކަމުގެ ބޭނުން ހިފޭނެ ގޮތުގެ މަގު ފަހިކޮށްދީ އެމީހުންނަކީ ނަސީބުވެރިންނަށް ހަދައިދިނުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ނުކުޅެދުންތެރިކަމަށް ހުންނަ ފަރާތްތަކަށް ވަޒީފާގެ ދާއިރާތަކުން ހާއްސަ ކޯޓާއެއް ހަމަޖަައްސައި ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ. އަދި އެކޯޓާގެ ދަށުން ފަސޭހައިން ވަޒީފާ ލިބޭނެ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަމެއް ހުރުމަކީ، އެމީހެއްގެ ބަދުނަސީބު ކަމުގައި ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި މުޅި މުޖްތަމައު މަސައްކަތް ކުރަންވީ، އެ މީހުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލްކަމުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދީ، އެމީހުންނަކީ ނަސީބުވެރިން ކަމުގައި ހަދައިދޭން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ދާއިރާތަކުން ވެސް ހާއްސަ ކޯޓާއެއް ހަމަޖައްސައި، ފަސޭހައިން ވަޒީފާ ލިބޭނެ އުސޫލެއް ކަނޑައެޅުމަށް ވެސް މި އަންނަނީ މަސައްކަތް ކުރަމުން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ސަރުކާރު ހިންގުމާއި ހަވާލުވީ ވަރަށް ގިނަ ވައުދުތަކާއި އެކުގައި ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ވައުދަކީ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުން ކަމަށެވެ. އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.