ޝިދާތާ ޝަރީފު

"ރާއްޖެ ތަރައްގީ ކުރަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބެލުމެއް ނެތި"

އުމްރާނީ ގޮތުން ރާއްޖެ ތަރައްގީ ކޮށްފައިވަނީ ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބަލައިގެން ނޫންކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ،

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރަން ދޭ ރިވެލި އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ، ފާއިތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ ބިޔަ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔައީ ކުޑަ ކުދިންނަށާއި މުޖްތަމައުގައި ދިރި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރިއާޔަތް ކޮށްގެން ނޫން ކަމަށްވުމުން އެކަމުގެ ނަތިއްޖާ މިއަދު ފެންނަމުންދާ ކަމަށެވެ.

"ފާއިތުވެ ދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ބިނާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ދިރިއުޅޭ ކަން ރިއާޔަތްކުރެވިގެނެއް ނޫން " ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ، 2020 ވަނަ އަހަރަށް ރާއްޖެ މަރުހަބާ ކިޔަން ތައްޔާރުވެފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އެހެން މީހެއްގެ އެހީތެރިކަމެއް ނެތި މަގުމަތީގައި ހިނގާބިނގާވެ އުޅުމަށާއި ދަތުރުކުރުވޭނެ ގޮތްތަށް ހަމަޖެހިފައި ނެތުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ މިފަދަ ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ފަސް އަހަރު ނިމިގެންދާއިރު ސަރުކާރުން ގެނެސްދޭ ތަރައްގީގެ ނަތީޖާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުން ފެނިގެންދާނެ ކަމަށެވެ.