ހަބަރު

އަޅުގަނޑަށް ނޭނގި ކޮމިޝަނުން މުވައްޒަފުން ވަކިކޮށްފައިވޭ: ޝަމީމް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިދިޔަ ދެ އަހަރުގެ ތެރޭގައި މުވައްޒަފުން ވަކިކުރިއިރު ބައެއް މުވައްޒަފުން ވަކިކުރިކަން ވެސް ފުރަތަމަ އެނގިވަޑައިގެންފައިނުވާ ކަމަށް އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

ސީއެސްސީގެ މެންބަރުންނާއި އިސް މުވައްޒަފުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއެސްސީގެ ރައީސް ޝަމީމް ވިދާޅުވީ އެތެރޭގެ ބައެއް މައުލޫމާތުތައް ހާމަކުރެވެން އޮތީ ސިއްރު ބައްދަލުވުމެއްގައި ކަމަށެވެ.

ޝަމީމް އެ ގޮތަށް އެދިވަޑައިގަތުމުން ކޮމިޓީގެ ރިޔާސަތުގައި އިންނެވި އެ ކޮމިޓީގެ ނައިބު މުގައްރިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުން ދޮޅު ގަޑިއިރުގެ ބައްދަލުވުމެއް ކޮމިޓީގައި މިއަދު ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން މެންބަރުން ކުރައްވާ ސުވާލުތަކަށް މީޑިއާއަށް ހާމަކޮށް ދެވެން އޮތް މިންވަރަށް ޖަވާބު ދެއްވާ ގޮތަށް ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔަ އެވެ.

މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ކޮމިޝަނުން ވަކިކުރި ކަމަށް މައުލޫމާތު ލިބުނީ ހަ މުވައްޒަފުން ކަމަށެވެ. ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި 25،300 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، އެ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށް ކޮމިޝަނާ މެދު މުވައްޒަފުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮމިޝަންގެ މެންބަރުންގެ ނިންމުންތައް ނިންމަނީ އަގުލަބިއްޔަތުން ކަމަށްވާތީ ބައެއް މުވައްޒަފުން ވަކިކޮށްފައިވަނީ އޭނާގެ ތާއީދު ނެތި ކަމަށާއި ބައެއް މުވައްޒަފުން ވަކިކުރިކަން އެނގިވަޑައިގަތީ ވެސް ވަކިކުރި ފަހުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ސީއެސްސީގެ އޮނިގަނޑާއި އުސޫލުތައް ބައްޓަން ކުރެވިފައި އޮންނަ ގޮތުން ބައެއް ފަހަރު އަޅުގަނޑަށް ވެސް ނޭނގި ބައެއް މުވައްޒަފުން ވަކިކޮށްފައިވޭ. އަޅުގަނޑު އާންމުކޮށް މެންބަރުންގެ ކިބައިންނާއި އެކަން ކުރަމުންދާ ފަރާތްތަކުގެ ކިބައިން އެދެން އަޅުގަނޑަށް އަންގަން. މުވައްޒަފަކު ވަކިކުރަންޏާ އެއީ ބޮޑު ކަމެކޭ. އެ ކަން ކުރާނަމަ އަޅުގަނޑަށް އެނގެން ޖެހެޔޭ. ނަމަވެސް ގަވާއިދު ތަން ދޭ އެކަން ކުރަން." ޝަމީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް މުވައްޒަފަކު ވަކިކުރިކަން އެނގިވަޑައިގަންނަވާ ހިސާބުން އެ މުވައްޒަފުންގެ މައްސަލަ އަލުން އޭނާ ހުށަހަޅުއްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ހުށަހެޅި ނަމަވެސް "އެއް އުރައެއްގައި ތެރޭގައި ފަސް ކަނޑި" އޮންނާތީ ކުރިއެރުން ނުލިބި މެންބަރުންގެ އަގުލަބިއްޔަތުން އޭނާ ހުށަހެޅި ހުށަހެޅުން ނުނިންމޭ ކަމަށެވެ.

"އެއް އުރައެއްގެ ތެރޭގައި ފަސް ކަނޑި" އޮތް ކަމަށް ޝަމީމް ވިދާޅުވުމުން ސީއެސްސީގެ މެންބަރުންގެ މެދުގައި ގުޅުން ރަނގަޅުތޯ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބެއް ޝަމީމް ނުދެއްވި އެވެ. ވިދާޅުވީ އެ ސުވާލުގެ ޖަވާބު ދެއްވެން އޮތީ މީޑިއާއަށް ސިއްރުން ކުރިއަށް ގެންދާ ބައްދަލުވުމުގައި ކަމަށެވެ.

ސީއެސްސީގެ މެންބަރުންގެ މައްޗަށް މިދިޔަ ތަނުގައި ސިޔާސީ ނުވަތަ އެއްވެސް ކަހަލަ ނުފޫޒެއް އައިސްފައިވޭތޯ ސުވާލު ކުރުމުން ހުރިހާ މެންބަރުން ވެސް ވިދާޅުވީ އެ މެންބަރެއްގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް އައިސްފައި ނުވާ ކަމަށެވެ. އަދި ސިޔާސީ ނުފޫޒެއް އަޔަސް އެ ނުފޫޒުގައި ޖެހި ކޮމިޝަނުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް ކޮމިޝަންގެ ރައީސް ޝަމީމް ވިދާޅުވި އެވެ.