ކުޅިވަރު

ލިޔުން ނުލިބުމުން ގްރީންގެ ފޯވަޑު ދޫކޮށްލައިފި

ކުލަބު ގުރީން ސްޓްރީޓަށް ގެނައި ޔޫކްރޭންގެ ސްޓައިކަރު އެލެކްޒެންޑާ މައިބޮރާޑާއަށް އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް، އައިޓީސީ ނުލިބުމުން އޭނާ ދޫކޮށްލަން ގުރީން ސްޓްރީޓުން ނިންމައިފި އެވެ.

ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނީ މައިބޮރާޑާ އަށް އައިޓީސީ ހޯދައިދިނުމަށް އެފްއޭއެމުން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. އަދި އޭނާ އަށް އައިޓީސީ ނުލިބުނީ ރީޖަނަލް ލީގެއްގައި ކުރިން އޭނާ ކުޅެފައި ވުމުން ލިޔެކިޔުންތައް ލިބޭގޮތް ނުވުމުން ކަމަށެވެ.

ގްރީންގެ ޓީމުގައި މިވަގުތު ހުރީ ބިދޭސީ އެންމެ ކުޅުންތެރިޔެކެވެ. އެއީ އެ ޓީމުގެ ޑިފެންސަށް ކުޅެމުންގެންދާ މިސްރުގެ މަހްމޫދު ސައީދު އެވެ. އޭނާ އަށް އައިޓީސީ ލިބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު މެންދުރު ފަހު އެވެ. އެ ރޭ އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ކުޅެން ނުކުތެވެ. ގުރީންގެ ޑިފެންސްގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ގުރީން އިން ބުނީ މައިބޮރޯޑާގެ ބަދަލުގައި ބިދޭސީ އެހެން ފޯވަޑެއް ގެންނާނެ ކަމަށެވެ. އެ ކުލަބުގެ އޮފީޝަލަކު ބުނީ އިޓަލީގެ މިޑްފީލްޑަރެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ. އަދި ރިޒާވް ކީޕަރުގެ ގޮތުގައި ބިދޭސީ ކީޕަރެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޯޗް ސުޒޭން ބުންޏެވެ.

"ބިދޭސީ ކީޕަރު ގެންނަނީ ފުރަތަމަ 11 އަކަށް ނޫން،" ސުޒޭން ބުންޏެވެ. "އެއީ އެއް ވަނަ ކީޕަރު ލަބާން [ޝަރީފް] އަށް އަނިޔާގެ މައްސަލައެއް ކުރިމަތި ވެއްޖެނަމަ އެހެންނޫނީ ނުކުޅެވޭ ހާލަތެއްގައި ބޭނުން ކުރަން."