ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލާގެ ތަފްސީލްތަކާއެކު މިއަދު ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން މ.އުޖާލާގެ ބަލާފާސްކުރިއިރު އެ ގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ވަނީ މަސްތުވާތަކެއްޗާއިއެކު
ހައްޔަރުކޮށްފަ ކަމަށެވެ. އަދި އެގޭގައި ދިރިއުޅޭ 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާގެ ފަހަތުން ދުވެފައިގޮސް މަގުމަތިން އޭނާ ހައްޔަރުކޮށްފަ ކަމަށެވެ.
މި އޮޕަރޭޝަންގައި މ.އުޖާލާގެއިން ވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި އަތުލައިގަންފަ ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަން ހިންގުމުގެ ތެރޭގައި ތުހުމަތުކުރެވޭ ބަންގްލަދޭޝް މީހާ ގައިގަ ތަޅާ އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެފައިވާތީ، އެފަދަ އަމަލުތަކަކީ ދިވެހި ފުލުހުންގެ ކޯޑް އޮފް އެތިކްސް' އަދި 'ކޯޑް އޮފް ކޮންޑަކްޓް' އާއި ހިލާފު އަމަލުތަކެއްކަމުން، ހާދިސާ ހިނގި ރޭ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަން ތަހުގީގުކުރުމަށް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް އަންގަވާފަ ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ އެ ތަހުގީގާ ގުޅިގެން ހަތް މުވައްޒަފަކު މިހާރުވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ކޮމިޝަނާ އޮފް ޕޮލިސް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ވެސް މި މައްސަލަ ބައްލަވައިދެއްވުން އެދި ދަންނަވާފަ ކަމަށެވެ. އަދި މިމައްސަލައިގައި ޖިނާއީ ތަހުގީގެއް ހިނގުމަށް މިހާރުވަނީ ހާއްސަ ޓީމްއެއް އެކުލަވާލާ އެ މަސައްކަތް ހަވާލު ކުރެވިފަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އާއި މިނިވަން މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް، އެ އަމަލުތައް ހިންގީ ވަކި ބައެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯޖަހާ، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ، ބިރުދައްކަމުންދާތީ، ސައްހަ ނޫން މައުލޫމާތު މިފަދަ ގޮތްގޮތަށް ދައުރު ނުކުރެއްވުމަށް ފުލުހުން އެދުނެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުން ޑޮކްޓަރަށް ދައްކައި އެމީހުންނަށް ފަރުވާ ދީފައިވާނެ ކަމަށާއި ނަމަވެސް، މި އޮޕަރޭޝަންގައި ފުލުހުން ކޮށްފައިވާ އަނިޔާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ މިހާދިސާއާ ގުޅުންހުރީ ފޮޓޯތަކެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދިވެހި ފުލުހުންގެ ފަރާތުން، ފުލުހުންގެ ކޯޑް އޮފް އެތިކްސް އާއި ކޯޑް އޮފް ކޮންޑަކްޓް' އަދި ނޫނުތަކާއި ގަވާއިދުތަކާއި ހިލާފުވާފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަފަޅުތައް އަޅަމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅު ކުރުމަށްޓަކައި ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިންވެސް ގިނަގުނަ މަސައްކަތްތައް ހިންގަމުންދާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި ދިވެހި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންދާނެކަމުގެ ޔަގީންކަންވެސް އަރުވާ ކަމަށް ފުލުހުން ބުންޏެވެ.