ނޭމާ

ޕީއެސްޖީން ނޭމާގެ މައްސަލަ ބަލަންފަށައިފި

ޕީއެސްޖީގެ ޕްރީ ސީޒަން ޕްރޮގްރާމްގައި ބައިވެރިވުމަށް، ބްރެޒިލްގެ ފޯވަޑް ނޭމާ ޖުނިއާ ހާޒރު ނުވުމުން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ޕީއެސްޖީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޕީއެސްޖީގެ ސީނިއާ ސްކޮޑުގެ ކުޅުންތެރިން ޕްރީ ސީޒަނަށް ހާޒިރުވާން ހަމަޖެހިފައި ވަނީ އިއްޔެ ކަމަށާއި، އެހެންނަމަވެސް ހާޒިރުވި ކުޅުންތެރިންގެ ތެރޭގައި ނޭމާ ހިމެނިފައި ނުވާކަމަށެވެ.

އެ ކުލަބުން ބުނީ، ކުލަބުގެ އުސޫލުތަކުގައި ވާ ގޮތުގެ މަތިން ނޭމާ އާ މެދު އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ. ކޮޕާ އެމެރިކާގައި ބައިވެރި ނުވާ އެހެން ކުޅުންތެރިން ވަނީ ޕްރީ ސީޒަނަށް ރިޕޯޓް ކޮށްފަ އެވެ.

ޕީއެސްޖީގެ ސްޕޯޓީން ޑިރެކްޓާ ލިއޮނާޑޯ ބުނީ، ނޭމާ ކުލަބު ދޫކޮށް ދާން ބޭނުންނަމަ އެކަށީގެންވާ އަގެއް ދެއްކުމަށް ފަހު ކުލަބު ދޫކޮށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޕީއެސްޖީގެ ބަޔާނާ ގުޅިގެން ނޭމާގެ ބައްޕަ، ނޭމާ ސީނިއާ ބުނީ، ނޭމާ ހާޒިރު ނުވީ އޭނާގެ އިންސްޓްޓިޔުޝަނުން ހިންގަން ހަމަޖެހިފައިވާ ހަރަކާތަކަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށެވެ. އެކަން ޕީއެސްޖީގެ ވެރިންނަށްވެސް އެނގޭނެ ކަމަށެވެ. އަދި އޭނާ ބުނީ ޕީއެސްޖީން އެގޮތަށް ބަޔާން ނެރުމުން ހިތްހަމަނުޖެހޭ ކަމަށެވެ.