ޕްރޮސެސްކޮށް ޕެކެޓުގައްޔާއި ދަޅު ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާގައި ލޮނު ހިމަނަނީ ޕްރިޒަވޭޓިވްއެއް ގޮތުގައި ގިނަދުވަހު މި ތަކެތި ސުޕަ މާކެޓް ހަރުތަކުގައި ބެހެއްޓުމަށާއި މިފަދަ ބަންދުކުރި ތައްޔާރީ ކާނާއަށް ފްލޭވާ އިތުރުކުރުމުގެ ގޮތުންނެވެ. އެހެންކަމުން ސުޕަ މާކެޓް ޝެލްފްތަކުގައި ހުންނަ ޗިޕްސްދަޅާއި، ނަޓްސް މިހެންގޮސް ވަރަށް ގިނަ ބާވަތްތަކަކީ ލޮނު އޭގައި ވަރަށް ގިނައިން ހިމެނޭ ކާނާއެވެ.
ތައްޔާރީ ކާނާގެ އިތުރުން އިތުރުން ގޭގައި ކައްކާ ކޮންމެއެއްޗެއްކަށްވެސް ލޮނުލާ ހެޔޮވަރުކުރެއެވެ. ތަރުކާރީގެ ބާވަތްތަކަށް ލޮނު ލުމުން އޭގައި ހުންނަ ހިތިކަން ފިލައިގެން ދެއެވެ. އަހަރުމެންގެ ޓޭސްޓްބަޑްސްއަށް ލޮނާއި ވަރަށް ރައްޓެހިއެވެ. ބަތްކެއްކިއަސް، ރޮށިފިހުނަސް ލޮނުހެޔޮވަރުކޮށްލައެވެ. ލޮނާއި ނުލައި މިތަކެތި ކަމުނުދެއެވެ. އިންސާނެއްގެ ހަށިގަނޑަށް ރަނގަޅަށް ފަންކްޝަން ކުރުމަށް ލޮނު ބޭނުންވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނަޑަކަށް ¼ ސައިސަމުސާ ލޮނެވެ. އެހެންނަމަވެސް އަހަރުމެން ހީނުކުރާހާ ގިނަ މިންވަރަކަށް ދުވާލެއްގެ މައްޗަށް ލޮނު އެކި އެކި ކާނާގައި ބޭނުންކުރެވެއެވެ. އަދި ލޮނު ހުންނަ ކާނާ ކާއިރު މީގައި ކިހާވަރެއްގެ ލޮނުއެބަހުރިކަމާއި ދުވާލެއްގައި ބޭނުން ކުރެވެނީ ކިހާވަރަކަށްވެސް ބުނަން ދައްޗެވެ.
އެމެރިކާގެ ހާޓް އެސޯސިއޭޝަން އިން ބުނާ ގޮތުގައި ދުވާލެއްގެ މައްޗަށް މީހަކު އެންމެ ގިނަވެގެން ބޭނުންކުރަންވަނީ 2،300 މިލިގްރާމް ލޮނެވެ. އަދި އެންމެ ރަނގަޅުވަރެއްކަމެއް ކަމުގައި ބުނަނީ ބޮޑު މީހަކަށް 1500 މިލިގްރާމްގެ ލޮނެވެ. ލޮނަކީ މީހާގެ ލޭގެ ޕްރެޝަރާއި ގުޅިފައިވާ އެއްޗެއްކެވެ. ލޮނު ކެއުމުން ހަށިގަނޑުގައި ފެން ހިފަހައްޓައެވެ. މާ ގިނައިން ލޮނު ކާނަމަ ހަށިގަނޑުގައި އިތުރަށް ފެން ހިފަހައްޓާ ލޭގެ ޕްރެޝަރު މައްޗަށް ފޮނުވައެވެ.
ވިސްނުމަކާ ނުލާ ކާލާ އެއްޗެހީގައި މިހާގިނައިން ލޮނު ހިމެނޭއިރު ދުވާލެއްގެ މައްޗަށް 1000 މިލިގްރާމް ލޮނު މަދުކޮށްލުމުންވެސް މީހާގެ ލޭގެ ޕްރެޝަރު އެތަށް ގުނައަކަށް ތިރިވެއެވެ. މީހާ ގެ ޕްރެޝަރު މަތިވުމުން އެންމެ ބޮޑު އަސަރެއް ކުރަނީ ހިތަށާއި، ލޭހޮޅިތަކާއި، ކިޑްނީ އަދި ސިކުނޑިއަށެވެ. މީގެ ސަބަބުން ހާޓް އެޓޭކް ޖެހެންމެދުވެރިވެ، ސްޓްރޯކް ޖެހި އަދި ޑިމެންޝިއާ އާއި ކިޑްނީ ބަލިތަކަށް މަގުފަހި ކުރެއެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަކުރަށް ބަލާ ފަދައިން ލޮނު ހެޔޮވަރުކުރުމުގައިވެސް ވިސްނަންވެއެވެ. މިގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުމަށް އެންމެ ރަނގަޅީ ތަރުކާރީ މޭވާ، ހޯލްގްރެއިންސް އަދި މުގާއި، ލީން މީޓް ކަމުގައިވާ ކުކުޅާއި މަހެވެ. ޕްރޮސެސެކޮށްފައިވާ ތަކެތި ހާއްސަކޮށް ރިފައިންޑް ކާބޯހައިޑްރޭސްޓްސް އާއި ފޮނިބުއިންތަކުން ދުރުވުމުން ލޮނާއި ދުރުވެވޭނެއެވެ. ލޭގެ ޕްރެޝަރު މައްޗަށް ދާ ކަމަގައިވާނަމަ ހަމައެކަނި ލޮނު ހެޔޮވަރުކުރުމުގެ ބަދަލުގައި ގަވާއިދުން ކަސްރަތު ކުރަންވެސް ތަޖުރިބާކާރުން ލަފާދެއެވެ.