ކުޅިވަރު

ގައުމީ ބާސްކެޓް ޓީމުގެ މެނޭޖަރު މަގާމުން ވަކިކޮށްފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ މެނޭޖަރު ކަމުން، މުހައްމަދު ޝިހާން ވަކި ކޮށްފި އެވެ.

ގޭމްސް ފެށެން ގާތްގަނޑަކަށް މިހާރު އޮތީ އަށް ވަރަކަށް ދުވަހެވެ. ގޭމްސްއަށް މިހާ ކުޑަތަންވެފައި ވަނިކޮށް، ޝިހާން މަގާމުން ވަކި ކުރީ، ކުލަބެއްގެ މެނޭޖަރު ކަމާ ހަވާލުވާން އެއްބަސް ވުމުން ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން ބުނެ އެވެ.

އެމްބީއޭގެ ޖެނަރަލް ސެކެޓްރީ، ވިޝާމް ރަޝީދު ވިދާޅުވީ، ޝިހާން މަގާމުން ވަކި ކުރީ، އެހެން ކުލަބެއްގެ މެނޭޖަރު ކަމަށް ދާން އޭނާ އެއްބަސްވިކަމަށް އެންގުމުން ކަމަށެވެ. ޝިހާން އަކީ އެމްބީއޭގެ އެކްސްކޯ މެންބަރެއް ކަމަށްވެސް ވިޝާމް ފާހަގަ ކުރި އެވެ. އޭނާ ވިދާޅުވީ، ޓީމުގެ މެނޭޖަރަކަށް ހުންނަ މީހަކަށް އެހެން ކުލަބެއްގެ މަގާމެއް އަދާ ނުކުރެވޭނެ ކަމަށް އެކްސްކޯއިން ފާސްކޮށްފައިވާ ކަމަށެވެ.

"[އެހެން ކުލަބެއްގެ] މަގާމު ގަބޫލު ކުރުމަށް ފަހު އުސޫލެއްގެ ގޮތުން އޮޓަމެޓިކުން މަގާމު ގެއްލޭނެ، އެއީ އެކްސްކޯއިން ފާސްކޮށްފައިވާ ނިންމުމެއް އޮންނާނެ ގައުމީ ޓީމުގެ މެނޭޖަރަކަށް ހުންނަ މީހަކަށް އެހެން ކުލަބެއްގައި ނުހުރެވޭނެ ކަމަށް،" ވިޝާމް ވިދާޅުވި އެވެ.

"އެގޮތަށް ނިންމާފައި އޮއްވާ، ޝިހާން އަޅުގަނޑުމެންނަށް އެންގި އެހެން ކުލަބެއްގެ މެނޭޖަރު ކަމާ ހަވާލުވާން ތިމަންނަ އެއްބަސް ވެއްޖެއީމޭ، އެގޮތަށް އެއްބަސްވީމަ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އޭގެ ތެރެއަށް ވަންނާނެތީ އޭނާ މާގަމުން ވަކި ކުރީ، އަނެއްކާ އެކްސްކޯއިން އެ ނިންމުން ނިންމާފައި ވަނީ ޝިހާންވެސް ހާޒިރުވެ ހުންނެވި ބައްދަލު ވުމެއްގައި."

މިކަމާ ބެހޭގޮތުން، ޝިހާން އަށް ގުޅާލުމުން އޭނާ ބުނީ، ގޭމްސް އަށް ފަހު އެހެން ޓީމެއްގެ މެނޭޖަރު ކަމާ ހަވާލުވާން އޭނާ އަނގަބަހުން އާނ ބާސް ބުނެފައިވާނެ ކަމަށާއި ރަސްމީކޮށް އެގްރިމެންޓް ހެދި އެއްވެސް ކުލަބަކާ ހަވާލު ނުވާ ކަމަށެވެ.

އޭނާ ބުނީ، އޭނާ އެއްބަސްވީ އަންހެން ޓީމަކާ ހަވާލުވުމަށް ކަމަށާއި އެކަމުން ފިރިހެން ޓީމެއްގެ މެނޭޖަރުގެ މަސްއޫލިއްޔަތުތަކަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"ބައެއް އެހެން ކުލަބުތަކުން ވާހަކަ ދެއްކި، އެގޮތުން ވާހަކަ ދެއްކި ކުލަބަކަށް އަޅުގަނޑު ބުނިން ދާ ނަމޭ، އަނގަބަހުން އެކަނި އެއްބަސްވީ،" ޝިހާން ވާހަކަ ދެއްކި އެވެ. "އަންގަ ބަހުން އެއްބަސްވުމަކީ ކުލަބަކާ ހަވާލުވުމެއް ނޫން، އެއްވެސް ކުލަބެއްގެ މެނޭޖަރު ކަމާ އަދި ހަވާލެއް ނުވަން."

އޭނާ ބުނީ، ފިރިހެން ގައުމީ ޓީމުގެ ކޯޗިން ޓީމުގައި ތިބީ އެހެން ޓީމުތަކުގެ ހެޑް ކޯޗުން ކަމަށެވެ. މަސްލަހަތު ފުށުއަރާނަމަ އެކަމުން މާބޮޑަށް އަސަރު ކުރާނެ ކަމަށެވެ. އެގޮތުން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ކަމަށްވާ މުހައްމަދު ނަސީރު އާއި އަލީ އިޝާމް އަކީ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޓީމުތަކުގެ ހެޑް ކޯޗުން ކަމަށް އޭނާ ފާހަގަ ކުރި އެވެ. ނަސީރު އަކީ ސްޓްރިންގާސް ބޭސްކެޓް ބޯޅަ ކުލަބުގެ ކޯޗެވެ. އިޝާމްއަކީ ކިންގްސް ބާސްކެޓްބޯޅަ ކުލަބުގެ ކޯޗެވެ.

އެމްބީއޭއިން ބުނީ ގޭމްސްގައި މެނޭޖަރުގެ މަސްއޫލއިްޔަތު އަދާ ކުރާނީ އެސޯސިއޭޝަންގެ ބޭފުޅެއް ކަމަށާއި އާ މެނޭޖަރެއް އައްޔަން ކުރާނީ ގޭމްސްއަށް ފަހުގައި ކަމަށެވެ. ޝިހާން ވަނީ 2016 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމު އަދާ ކޮށްފަ އެވެ.