ރެއާލް މެޑްރިޑްގެ ތިން ވަނަ ގޯލްކީޕަރު އަދި އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާންގެ ދެ ވަނަ ދަރިފުޅު ލުކަ ޒިދާން، ސްޕެއިންގެ ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާ ކުލަބު ރޭސިން ސަންޓަންޑާއަށް ލޯން އުސޫލުން ދޫކޮށްލައިފި އެވެ.
މިދިޔަ ސީޒަންގައި ތިން ވަނަ ޑިވިޝަނުން ދެ ވަނަ ޑިވިޝަނަށް ޕްރަމޯޓްވި ސަންޓަންޑާއިން ދަނީ އަންނަ ސީޒަންގައި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމަށް ޓާގެޓް ކަނޑައަޅައި ޓީމު ވަރުގަދަ ކުރަމުންނެވެ.
ޕްރީ ސީޒަން ކޭމްޕްގައި ކެނަޑާ އާއި އެމެރިކާއަށް ދިއުމަށް ހަމަޖެހިފައިވާ ރެއާލްގެ ސްކޮޑުގައި ލުކަ ޒިދާންގެ ނަންވެސް ހިމެނި އެވެ. އެހެންނަމަވެސް ލޯން އެއްބަސްވުން ހަމަޖެހުމާއެކު އޭނާގެ ބައްޕަގެ ޓީމާއެކު ލުކަ ދަތުރު ނުކުރާނެ އެވެ.
މިދިޔަ ދެ ސީޒަންގައި، ރެއާލްގެ ތިން ވަނަ ކީޕަރެއްގެ ގޮތުގައި ޒިދާން ބޭނުން ކުރީ އޭނާގެ ދަރިފުޅެވެ. މިދިޔަ ސީޒަންގެ ފަހު ކޮޅުގައި އެއް މެޗުން އޭނާ އަށް ފުރުސަތު ދިނެވެ. ތިން ވަނަ ކީޕަރެއްގެ ގޮތުގައި އޭނާގެ ދަރިފުޅަށް ރެއާލްގެ ސްކޮޑުން ފުރުސަތު ދޭތީ ޒިދާންއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ވެއެވެ.
ކުރިން ރެއާލްއަށް ކުޅުނު ޒިދާންގެ ދޮށީ ދަރިފުޅު އެންޒޯ ޒިދާން މިހާރު ކުޅެމުން ދަނީ ސްޕެއިންގެ ދެ ވަނަ ޑިވިޝަނަށެވެ. އޭނާ ވެސް ވަނީ އޭނާގެ ބައްޕަގެ ކޯޗު ކަމުގައި ރެއާލްގެ ސީނިއާ ޓީމަށް ކުޅެފަ އެވެ.