ކުޅިވަރު

ހަމޭސްގެ ޓްރާންސްފާގައި ނަޕޯލީ ފަހު މަރުހަލާއަށް

ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމުގެ ދަށުން މިދިޔަ ދެ އަހަރު ބަޔާން މިޔުނިކަށް ކުޅުނު، ހަމޭސް ރޮޑްރިގޭޒް ގެންދިއުމަށް ނަޕޯލީން ކުރާ މަސައްކަތުގައި އެންމެ ފަހު މަރުހަލާއަށް ވާސިލު ވެއްޖެ އެވެ.

ނަޕޯލީގެ ސްޕޯޓިން ޑައިރެކްޓާ ކްރިސްޓިއާނޯ ޖޫންޓޮލީ އާއި ހަމޭސްގެ އެޖެންޓް، ޖޯޖް މެންޑެސް ވަނީ މެޑްރިޑަށް ގޮސް ރެއާލްގެ އޮފިޝަލުންނާއެކު ޓްރާންސްފާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ހާމެސް ދޫކޮށްލަން ރެއާލްއިން އެއްބަސް ވަނީ 42 މިލިއަން ޔޫރޯ އަށެވެ. ދިމާވެފައި އޮތްހަމަ އެކަނި މައްސަލައަކީ ލޯން އުސޫލުން ދޫކޮށްލާނަމަ ނަޕޯލީއަށް ހަމޭސްގެ އެއްބަސްވުން ދާއިމީ ކުރުމަށް އޮތް އިހްތިޔާރާ މެދުގަ އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ހަމޭސްގެ ސޮއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ނަޕޯލީއަށް ހަމަޖެހޭނެ ކަމަށެވެ. ނަމަވެސް އެތުލެޓިކޯ މެޑްރިޑުންވެސް ވަނީ ހަމޭސްއާ މެދު ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭނާގެ ޓްރާންސްފާ ރޭސް ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ނަޕޯލީ އެވެ.

ނަޕޯލީގެ ކޯޗް، ކާލޯ އަންޗެލޯޓީ އާއެކު ރެއާލް އަދި ބަޔާންގައި މަސައްކަތް ކުރި ހަމޭސް އާ މެދު ޝައުގުވެރިވާކަން އަންޗެލޯޓީ ވަނީ ފާހަގަ ކޮށްފަ އެވެ.

"އަހަރެމެން ޓާގެޓަކީ ކޮލިޓީ ފުޓްބޯޅައެއް ކުޅުން، ހާމޭސް އަކީ ކޮލިޓީ ގެނެސްދޭނެ ކުޅުންތެރިޔެއް، އަންޗެލޯޓީ ބުންޏެވެ. "ފަހަރެއްގައި އަހަރެމެން ޓީމުގެ ކުޅުންތެރިޔަކަށް އޭނާ ނުވެސް ވެދާނެ ނުވަތަ އަހަރެމެންގެ ކުޅުންތެރިޔަކަށް އޭނާ ވެދާނެ، އަދި ހަމަގައިމުވެސް އެއީ އަހަރެމެންގެ ކުޅުންތެރިޔެއް ނޫން، އެހެން ޓީމެއްގެ ކުޅުންތެރިޔަކާ ބެހޭގޮތުން އަހަރެން ވާހަކަ ދައްކާކަށް ބޭނުމެއް ނޫން."