ހަބަރު

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރާ ބިލް ބަލައިގެންފި

Jul 9, 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމަށް، ކޯޓުތަކާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން މެދު ހެންވެއިރު ދާއިރާގެ މެނބަރު އަލީ އާޒިމް ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގެންފައިވަނީ މިއަދު ނެގި ވޯޓުގައި ބައިވެރިވި 72 މެންބަރުން އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓު އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު ނަމަވެސް، 2014 ވަނަ އަހަރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް މަދުކޮށްފަ އެވެ.

އެ ބަދަލާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ.

ސުޕްރީމް ކޯޓު ބެންޗު ހަތަކަށް އިތުރުކުރުން ސަރުކާރުން އާންމުކޮށްފައިވާ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނެ އެވެ.

އެގޮތުން، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނައުމުގެ އިތުރުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބޮޑެތި ބަދަލުތަކެއް ގެންނަ ބިލެއްވެސް އެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.