ވާހަކަ

އީޝަލް

(7 ޖުލައި 2019 އާ ގުޅޭ)

"ލުގަލް... ލުގަލްބަންދާ... ތީ އަރްޒަފާދުގެ ކުޑަކުޑަ ލުގަލްތަ؟ އެއީ ދޯ އަހަރެންނަށް އޮޅުންއެރި ކަމަކީ" އީޝަލް އޭނާގެ ބައްޕަމެން ތިބި ދިމާއަށް ހިނގައިގަތުމުން ވައިސިންނީ އެއްސެވެ.

އީޝަލް ދިޔަ ދިމާއަށް ބަލަން ހުރެފައި ލުގަލްބަންދާ އެނބުރިލީ ވައިސިންނީއާ ދިމާއަށެވެ. އޭނާގެ ގާތުގައި ޔޫރާ ހުއްޓެވެ. ވައިސިންނީއާ ބަލާފައި ޔޫރާ ފެންނަނީ ބަސްމަދު މަޑުމައިތިރި ޖިންނިއެއްގެ ގޮތުގައެވެ. އޭނާގެ މޫނުން ވެސް އެއްވެސް ކަހަލަ އަސަރެއް ފާޅެއްނުވެއެވެ.

"ތިބުނާ ޤަލްބީއަށްވީ ކިހިނެއް؟ އަރްފަޒާދުގެ ބޭނުން ކެނޑުމުން އޭނާ އެހެންޖިންނިއަކަށް ވިއްކާލީތަ؟" ލުގަލްބަންދާ ހުރީ އޭނާގެ ބައްޕައަށް ވީގޮތެއް އެނގެން ބޭނުންވެފައެވެ.

"ޤަލްބީއަކީ ހަރުކަށި ޖިންނިއެއް، އޭނާއަށް އަހަރެމެންގެ ބާރު ލިބުމުން ބޮޑާވެގަތީ... އޭނާގެ ނިމުން އެހާ އަވަހަށް އައީ އެހެންވެ، އަހަރެމެންނާ އަރްފަޒާދު ތަފާތު، ވެރިމީހާއާ ނުލައި އަހަރެމެންނަށް ފައުޅުގާ ނޫޅެވޭނެ، ޤަލްބީގެ މައްޗަށް އޮތް އަހަރެމެން ހިފެހެއްޓުމުގެ ބާރު ގެއްލުމުން އޭނާއަށް އަހަރެމެން ކިޔަމަންވާކަށް ނުޖެހުނު، އަހަރެމެން ޣައިބުވީ އެހެންވެ، އެނގޭ ދެން ގޮވާލާ ސާހިބެއްގެ ގާތުން އަހަރެމެން ތިންމީހުން އެއްތަންވާންޖެހޭނެކަން، އަރްފަޒާދަށް ވަދާޢު ކިޔުމަށްފަހު އަހަރެމެން ވަކިވީ، އޭނާ މީހަކާ އިންކަމެއް ދަރިއަކު ލިބުނުކަމެއް ވެސް ނުދެނަހުރިން... އަރްފަޒާދަކީ މިނިވަނެއް، އޭނާ ފައުޅުވެ އުޅޭކަށް ވެރިއަކު ބޭނުމެއްނުވޭ" ވައިސިންނީ ކިޔާދިނެވެ.

"ކަލޭމެން އީޝަލްއަށް ދޮގުނުހައްދައްޗޭ" ލުގަލްބަންދާ ބުނެލިއެވެ. އޭނާގެ ބައްޕައާ ބެހޭ ގޮތުން ވައިސިންނީއަށް ވެސް އެނގެނީ ވަރަށް ކުޑަ މިންވަރެއްކަން އެނގޭތީ އެކަމާ ލުގަލްބަންދާ ވާހަކަދައްކަން ބޭނުންނުވީއެވެ. އަނެއްކޮޅުން މިވަގުތު އޭނާއަށް އެންމެ މުހިންމީ އީޝަލްއެވެ.

"އަހަރެމެންގެ ވެރިމީހާގެ ކުރިމަތީ ދޮގުހަދާ އޮޅުވާލުމުގެ ބާރެއް ލިބިފައެއްނުވޭ، އަހަރެން އަދިވެސް މިހުރީ ޤަބޫލުނުކުރެވިފައި، އަންހެނަކަށްވީމަ... އޭނާ އަދި ވަރަށް ޅަ... އެކަމަކު އޭނާގެ ބާރު... އަހަރެމެންނަށް އަންހެނުންގެ ތެރެއިންވާ ޅަކުއްޖަކު ގޮވާލި މީ ފުރަތަމަފަހަރު... ޔޫރާ، ކަލޭ އަޖައިބެއްނުވޭތަ؟ މީގެ ކުރިން އަހަރެމެންނަށް ގޮވާލި ދެ ސާހިބުންނަކީ ވެސް ހަރު ފިރިހެނުން" ވައިސިންނީ އެއްސެވެ. އެހިނދު ޔޫރާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލީއެވެ.

"ކަލެއަށް މިކަން އޮތީ އެނގިފަތަ؟" ވައިސިންނީ އެހީ ޔޫރާއަށް ބަލަން ހުރެއެވެ. ޔޫރާ ވަކިއެއްޗެއް ނުބުނުމުން ވައިސިންނީ ހިނިގަނޑެއް ޖަހާލިއެވެ.

"ކަލޭމެން ތިޔައީ ހަޤީޤަތަށް ވެސް އީޝަލް ގޮވައިލައިގެންތަ؟" ތިންމީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ބަލްޤިސް ވާހަކަދެއްކިއެވެ.

"އައިޒަންގެ ތަޚުތުގެ ވެރިޔާއަށް ސަލާމް، އަހަރެމެންގެ ސާހިބާގެ މަންމައަށް ސަލާމް" ޔޫރާ ކުރުނީސް ކުރިއެވެ.

"ނޫން!...ނޫން!... އަހަރެން... އަހަރެންމީ ތިބުނާ ފަދަ މީހެއްނޫން، ބައްޕަގެ ތަޚުތެއް އެއީ... އީޝަލް އުފަންކުރީ އަހަރެންނެއްނޫން" ބަލްޤިސް ނިކަން އަވަހަށް ދެ ފަރާތަށް ބޯހޫރާލަމުން ބުންޏެވެ. ހިނިއައިސްފައި ހުރި ވައިސިންނީ ކުރިއަށް އަންނަން ފެށުމުން ލުގަލްބަންދާ އައިސް ބަލްޤިސްގެ ކުރިމަތީ ހުއްޓުނެވެ. ބަލްޤިސްއާ ވައިސިންނީ ގާތްވިޔަ ނުދިނުމަށެވެ. ޒާތެއްގެ ހިނިގަނޑެއް ޖަހާލަފައި ވައިސިންނީ ހުއްޓުނީ ބަލްޤިސްގެ ކުރިމަތީއެވެ.

"އަހަރެމެންގެ ސާހިބާ ކަމަނާއަށް ދީފައިވާ މަޤާމްއެއީ... އައިޒަންގެ ތަޚުތުގައި ކަމަނާ ވަޑުވާނެ އަދި ކަމަނާގެ ފަހަތުގައި އަހަރެމެންގެ ސާހިބާ ހުންނާނެ، އެއީ ސިއްރުތަކުގެ ރާނީ، އޭނާއަށް ބޯލަނބާ ޖިންނީން ކަނބުލޭނގެ ރަސްކަމުގެ ދަރުބާރަށް އަންނާނެ... ޖިންނީންގެ މެދުގައި ޖެހިލުންވާ ފަދަ ރަންޏެއްކަމުގައި ބަލްޤިސްގެ ނަން ކިޔޭނެ، އަނިޔާވެރީން ބިރުން ފިލަންދުވާނެ، ހިމާޔަތް ބޭނުންވެ ދުރުން އެކުވެރިކަމުގެ ދަޢުވަތު އަންނާނެ... ކަމަނާގެ ބަނޑުގައިވާ ދަރިފުޅު، އަހަރެމެންގެ ސާހިބާގެ އުނގުން ޢިލްމު އުނގުނޭނެ، ތުއްތު އިރުން ފެށިގެން ކަމަނާއަށްވުރެ އެކުއްޖާފުޅު އަހަރެމެންގެ ސާހިބާ އިސްކުރާނެ" ވައިސިންނީ ހުރިހާ ވާހަކައެއް ދެއްކިއިރު އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ބަލްޤިސްއާ ކަސިޔާރުވެ ނުދެއެވެ.

"އީޝަލް..." ވައިއަޑުން ބަލްޤިސްއަށް ކިޔާލެވުނެވެ. އިވުނު ވާހަކަތަކުން ޖަޒުބާތުގެ އޮއެވަރެއްގައި ބަލްޤިސް ބަނދެވުނީއެވެ. އޭނާގެ ދެ ލޯ ފެންކަޅިވެ ރޮވެންފެށުނެވެ. އޭނާގެ އީޝަލް ހަމަ އެހާ ބާރުގަދަވީ ބާއޭ ހިތަށް އަރަމުންނެވެ. އެހެންވިޔަސް ވައިސިންނީ ދިނީ އުފާވެރި ޚަބަރެކެވެ. ﷲގެ ރަޙުމަތުން އެފަދަ ދުވަހެއް ދެއްކެވުމަކީ އެތައްބައެއްގެ މައްޗަށް ރައްކާތެރިކަން ފޯރުކޮށްދެވޭނޭ ކަމެކެވެ.

"އަހަރެންގެ އީޝަލްއަށް އޭނާގެ ފިރިމީހާ ރައުލް ހޯދާދީ، ބަޚުރުގެ އަޑިން އެ ނުބައި ބޭރީތާއި ޒަގަންގެ ކިބައިން އޭނާ ސަލާމަތްކޮށްދީ، އީޝަލްގެ ހުރިހާ އުފަލެއްވަނީ ރައުލްއާ ގުޅިފައި، އޭނާ އުފަލުގައި ހުރެގެންނޫނީ ތިބުނާ ފަދަ ދުވަހެއް ދުށުމުގެ ނަސީބު ނުލިބޭނެ" ރޮވިފައިވާ ހާލު ބަލްޤިސް އެދުނީ ކުރިމަތީ ތިބި ވައިސިންނީއާއި ޔޫރާގެ ގާތުންނެވެ. ވައިސިންނީއާއި ޔޫރާ އެކުއެކީ ބޯޖަހާލީ ބަލްޤިސްއަށް ޔަގީންކަން ދޭފަދައިންނެވެ. އުންމީދު އާވި ބަލްޤިސް ހަލުވި ފިޔަވަޅުގައި އެނބުރި ބަހީރާގެ ގާތަށް އައެވެ. އަޖައިބުން ފުރިގެންވީ އުފާވެރިކަމުގެ ޚަބަރު މަންމައަށް ދިނުމަށެވެ.

* * * * *

މީކާޢިލްގެ ގާތުން އީޝަލް އެދުނީ ޢާއިލާގެ މެންބަރުން ގޮވައިގެން ގޭތެރެއަށް އައުމަށެވެ. އެއާއެކު ފޭލިގެތަކަށް ސިފައިން އެނބުރި ދިއުމަށް އައިޒަން ގޮވާލިއެވެ. ބިންޏާމީނާއި އައިޒަން ކުރިއަށް ހުރެ ހިނގައިގަތެވެ. މީކާޢިލް ހުރީ ދަރިފުޅުގެ އަތުގައި ހިފާލައިގެންނެވެ. އެމީހުންގެ ދެފަރާތުން ޖޫދާއާއި ޒިޔަޒެލްއާއި އާރަމް ތިއްބެވެ. އެ އެންމެންގެ ފަހަތުން އައީ ޒަލަފްއާއި ހަތޯރާއި ދާރިއުސްއާއި ސޭމެސްއާއި ރާވިންގެ އިތުރުން މިޒަރެންނެވެ. އެންމެން އެކުގައި އައިސް ބެރެބެދިގަހުގެ ތެރެއަށް ވަދެއްޖެއެވެ. އެގަހުގައިވާ ޒިޔަޒެލްގެ ގޭގެ ފެންޑާގައި ހުރި ގޮނޑިތަކުގައި އިސް މީހުން އިށީނދެއްޖެއެވެ. ޒަލަފްއާއެކު ތިބި މެންބަރުން ފެންޑާގެ އެއްދިމާއެއްގައި މަޑުކޮށްލައިގެން ތިއްބެވެ.

"ބައްޕާ، ކާފާ، ޒިޔަޒެލް... އެ އައީ އަޅުގަނޑަށް މިކަމުގައި އެހީތެރިވާނޭ ބައެއް، ވައިސިންނީއަކީ ބުއްދިވެރި ކުޅަދާނަ ޖިންނިއެއް، އޭނާއަށް ދަތުރުނުކުރެވޭނެ ތަނެއްނެތް، ޔޫރާއަށް ލިބިފައިވާ ޢިލްމާ ގާތްކުރެވޭނެ ޝޭހަކުނުވޭ، ހުރިހާ ސިހުރެއް ބާތިލުކުރުމުގެ ބާރު އޭނާއަށް ލިބިފައިވާ، ދުރުން ޚަބަރުތައް ބެލުމަކީ އޭނާއަށް އުނދަގޫކަމެއްނޫން، ލުގަލްއަކީ އަޅުގަނޑުގެ ހަށިފާރަވެރިޔާ، އޭނާގެ ކުޅަދާނަކަން މިހާރު އެނގޭނެ... އެ ތިން މީހުން ވަނީ އަޅުގަނޑާ ގުޅިފައި، އުފަންވީ ދުވަހުން ފެށިގެން... އަޅުގަނޑު ރައުލް ބަލާ ދާން މިއުޅެނީ، ޔޫރާ އިރުވަރުބަލާނެ، އަޅުގަނޑާއެކު ސިފައިންތަކެއް ބޭނުމެއްނުވޭ، ބަޚުރަކީ އަޅުގަނޑާ ބީރަށްޓެހި އެއްޗެއްނޫން... އެތަނުގައި އަޅުގަނޑުގެ ގޮވާލުމަށް އިޖާބަދޭނޭ ބަޔަކުވޭ" އީޝަލް ބުންޏެވެ. އޭރު އެ ގޭތެރެއަށް ލުގަލްބަންދާއާއެކު ވައިސިންނީއާއި ޔޫރާ އައިސް ވަދެއްޖެއެވެ.

"ކުއްލިއަކަށް ފާޅުވި ބަޔަކަށް އިތުބާރުކުރާނީ ކިހިނެއް؟ ބައްޕައަށް އެނގޭ އެމީހުންނަކީ ބާރުގެ ގޮތުން މިތަނުގައި ތިބި އެކަކަށްވުރެ ވެސް ކުޅަދާނަބައެއްކަން، އެކަމަކު އީޝަލް... ތީ ބައްޕަގެ ދަރިފުޅު... ބައްޕަގެ ހުރިހާ ވެސް މީހަކީ، ދަރިފުޅު އެކަނި ރައުލް ސަލާމަތްކުރާށޭ ކިޔާ ފޮނުވާލަން ކެރޭނީ ކިހިނެއް؟، އެންމެ ހިނދުކޮޅަކު ވެސް އެހެންވެއްޖެނަމަ ހަމަޖެހުމެއްނުލިބޭނެ.... އީޝަލްއާއެކު ބައްޕަ ހުންނާނަން" މީކާޢިލް ކަންބޮޑުވުމާއެކު ވާހަކަދެއްކިއެވެ.

"އީޝަލް..." ޔޫރާ ގޮވާލިއެވެ. އެއާއެކު މީކާޢިލް ވެސް ދައްކަމުންދިޔަ ވާހަކަ ހުއްޓާލައިފިއެވެ. އީޝަލްއާއި ޔޫރާއާ ދެ މީހުންގެ ނަޒަރު ސީދާވީ ހިނދު އެ ދެ މީހުން ކޮންމެވެސް ވާހަކައެއް ސިއްރުން ދައްކައިފިކަން އެންމެންނަށް ވެސް އެނގުނެވެ. ފެންނަ ކަންކަމާމެދު އެންމެބޮޑަށް އަޖައިބުވެފައި އިނީ އައިޒަންއެވެ.

"ބުނޭ ޔޫރާ... އެންމެންނަށް އަޑުއިވޭނޭހެން... އަހަރެންގެ ހިތް ވެސް އެކަމާ އެއްބަސްވި، އެކަމަކު އޭރު ޔަގީންނުކުރެވުނީ" އީޝަލް ބުނެލިއެވެ.

"ރައުލްއަކީ ކަލޭމެންގެ ތެރެއިންވާ ޖިންނިއެއް" އީޝަލްގެ ބަހަށް ކިޔަމަންތެރިކަން އަދާކުރަމުން ޔޫރާ ބުނެލިއެވެ. ކޮންމެ މީހަކަށް އެކަކުއަނެކަކަށް ބަލާލެވުނީ އެ ބުނި އެއްޗެއް ޤަބޫލުނުކުރެވިގެން ކަމެއް ނޫނީ އިވުނު ގޮތް ފަހުމްނުވެގެން ކަހަލައެވެ. އީޝަލް އަނެއްކާ ވެސް ޔޫރާއަށް ބަލާލާފައި ބޯޖަހާލިއެވެ. އެއާއެކު ޔޫރާ އެނބުރިލީ އައިޒަންގެ ގާތުގައި އިން ބިންޏާމީންއާ ދިމާއަށެވެ.

"ރައުލްއަކީ ޖިލައްޔާގެ ދަރިއެއް" ޔޫރާ ބުންޏެވެ. ބިންޏާމީންގެ ދެ ލޯ ބޮޑުވިއެވެ. މޭގައި އޭނާ އަތްޖައްސާލައި އިންތަނުން ވަގުތުން ތެދުވިއެވެ.

"އަހަރެމެންގެ ތެރެއަށް އައިސް ދޮގު ވާހަކަ ފަތުރަންތަ ތިއުޅެނީ" ބިންޔާމީންއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އެހިނދު ފަހަތުގައި ތިބި މީހުންގެ ތެރެއިން ރާވިން ކުރިއަށް ނުކުތެވެ.

"އެއީ ތެދެއް... އަހަރެންގެ ބައްޕަ ލާވީގެ ފުށުން އަޑުއެހީ، ޖިލައްޔާ ކިޔާ ނިކަން ރީތި އަންހެނަކު ގަނޑުވަރަށް ގެނެވުނުކަން، އޭނާ އައުމުން ގަނޑުވަރު ދެބައިވިކަން... އޭނާއަށް ލިބިފައިވާ ރީތިކަމުގެ ލޮލުގައިވަނީ ފެހިކުލައިގެ ކަޅިއެއްކަން... އެބުނި ފަދަ ރީތިކަމެއް އަހަރެންނާއި ރައުލް ދުށީ އީޝަލްއާ ބައްދަލުވުމުން... ރައުލްގެ މަންމައަށް ކިޔަނީ ޖިލައްޔާ... ބޭރީތަކީ އެހެން ނަސްލުތަކުން ރީތި އަންހެނުންނާ ކައިވެނިކޮށް ދަރީން ހޯދުމަށް ޝައުގުވެރިވާ ރަސްކަލެއް" ރާވިން ބުންޏެވެ. އޭނާގެ ގާތުގައި ހުއްޓިލި ހަތޯރު ވާހަކަދެއްކީ ދެނެވެ.

"އަހަރެންނާއި ރައުލް އުފަންވީ އެކުއެކީގައި، އަހަރެމެންގެ ތެރޭގައިވަނީ އެކި ހިސާބުން ގެނެވުނު އަންހެނުންގެ ދަރީން، އެކަމަކު އެ އެންމެންގެ ތެރެއިން ވެސް އަހަރެންގެ މަންމަ، ކަސްދިޔާ އެންމެ ރުޅިއަރާ ދަރިއަކީ ރައުލް... އެއީ ޖިލައްޔާގެ މައްޗަށް އޮތް ރުޅިވެރިކަމެއް، އެކަމަކު އަހަރެމެން އެކަކު ވެސް ޖިލައްޔާއެއް ނުދެކެން... މަރުވީކަމަށްވަނީ، އެހެންވިޔަސް އޭނާގެ ހަނދާން ބައްޕަ ކުރާކަން އެނގޭ، ރައުލްއަށް މަންމަ ކުރާ ނަފުރަތު ފިލައިގެން ނުދަނީ އެހެންވެ" ހަތޯރު އިތުރަށް ޔަގީންކޮށްދޭން ބުނެލިއެވެ.

"ސުބްޙާނަﷲ" ބިންޏާމީނަށް ބުނެވުނެވެ. އަދި ހުރި ދިމާއަށް އޭނާ ވެއްޓެން ދިޔައެވެ.

"ބިންޏާމީން" އައިޒަން ގޮވާލިއެވެ. ހުސިޔާރުކަމާއެކު އެކުވެރިޔާގެ ގައިގާ ހިފެހެއްޓިއެވެ. އެހިނދު ބައްޕާއޭ ގޮވާލި ޖޫދާ ވަގުތުން އައިސް ބިންޏާމީންގެ ވައަތްފަރާތުން ހިފަހައްޓާލައިފިއެވެ.

"އެމީހުން... އެމީހުން އޭނާގެ ވަރަ ބުރިކޮށްލީ" ކުރެހިފައިވާ އަޑުން އިސްޖެހިފައި ހުރެ އީޝަލް ބުނެލިއެވެ. އެހިނދު ބިރުވެރިކަމުގެ އަސަރު އެތަނުގައިވި ކޮންމެ މީހެއްގެ މޫނުން ފައުޅުވިއެވެ.

"ރައުލް... ޖިލައްޔާ... އަހަރެންގެ ލޯބިވާ ކޮއްކޮ... އައިޒަން... އެއީ އަހަރެންގެ ހުރި ހަމައެކަނި އަންހެންކޮއްކޮ، އަހަރެންނާއި އެންމެން ވަކިވެގެން ދިޔައީ... އެ ނާމާން ދުވަހު އަހަރެންނާ ހަމައަށް ޖޫދާ ގެނެސްދިނީ ޖިލައްޔާ، އަހަރެންގެ ކުރިމަތީ ހުރިހާ ފުރާނައެއް ގެއްލުނީ... އެ އަނިޔާވެރި ނުލަފާ ޖައްބާރު ޝައިތާނާގެ އަތްދަށު އަހަރެންގެ ޖިލައްޔާވީ، ﷲގެ ކުޅަދުންވަންތަކަން... އައިޒަން... އެ ކޮއްކޮގެ ދަރިފުޅު އަހަރެމެންނާ ހަމައަށް ފޮނުއްވީ އެކަލާނގެ"

ބިންޏާމީނަށް ގިސްލާ ރޮވެނީއެވެ. މިއީ ދުވަހަކުވެސް ޖޫދާ އާއި އައިޒަން ދުށް މަންޒަރެއްނޫނެވެ. އޭނާއަށް ޖަޒުބާތުތައް ނުހިފެއްޓިގެން އުޅޭ ކަހަލައެވެ. ދެނޭވާ ދޭތެރެއިން ޖިލައްޔާގެ ނަން ބިންޏާމީން ގޮވާލައެވެ. ހިތި މާޒީގެ ސަފުޙާތައް އޭނާގެ ލޯ ކުރިމަތިން ތަކުރާރުވަމުން ދާ ކަހަލައެވެ. އަނބިދަރީންގެ ފުށުން އިވުނު ބިރުވެރިކަމުގެ ހަޅޭކާއި ރުއިމުގެ އަޑުތައް ކަންފަތުގައި ގުގުމަމުން ދާ ފަދައެވެ. އެ މަންޒަރު ބަލަން ކުޅަދާނަ ނުވި އީޝަލްއަށް ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލެވުނެވެ. އެހިނދު ދާދި އަވަހަށް މީކާޢިލް އައިސް އޭނާގެ ދެއަތުގެ ހިމާޔަތަށް ދަރިފުޅު ލައިފިއެވެ. އެންމެން ވެސް ތިބީ ހައިރާންކަމެއްގެ ތެރޭ ބުނާނޭ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ.

"ރައުލްއަކީ ބަލިކަށި ޖިންނިއެއްނޫން، އެއީ އީޝަލް ޚިޔާރުކުރި އޭނާއާ އެންމެ އެކަށޭނެ ބައިވެރިޔާ، މިއީ ތަޤުދީރުގައި މިކަންވާން އޮތްގޮތްކަން ޔަގީން" މާޙައުލަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލުވައިލުމުގެ ގަސްދުގައި ވައިސިންނީ ބުންޏެވެ.

"އަހަރެންގެ ކުރިމަތީގައި ހުރިއިރު ވެސް އެއީ ޖިލައްޔާގެ ދަރިފުޅުކަން އަހަރެންނަށް ނޭނގުނު" ކުށްވެރި އިޙްސާސަކާއެކު ބިންޏާމީން ބުންޏެވެ.

"އަހަރެމެން އެކަކަށް ވެސް ނޭނގޭ އެއީ އަހަރެމެންގެ ތެރެއިންވާ ޒުވާނެއްކަމެއް" އައިޒަން ބުންޏެވެ.

"މިހެންވަގުތު ބޭކާރުކުރަން ތިބެގެންވާކަށްނެތް، މިހުރި ކުއްޖާފުޅާއެކު އަހަރެންގެ ރައުލް ސަލާމަތްކުރަން ދާންޖެހޭ، ޖޫދާ، ކަލޭ އެންމެ ލޯބިވި ބޮޑުދައިތަގެ ދަރިފުޅު ބަލާދާން ތައްޔާރުވޭ، އޭނާގެ ގާތަށް ދިއުން އަހަރެމެންނަށް ވާޖިބުވެއްޖެ" ބިންޏާމީންއަށް އިތުރު ހިތްވަރެއް ލިބުނެވެ.

"އަހަރެމެން ދާނަން" ރާވިންއާއެކު ދާރިއުސް ބުނެލިއެވެ.

"މިކަން ނިމިގެންދާނޭ ގޮތެއް ނޭނގެ، އެއީ ކަލޭމެންގެ ބައްޕަ، ޒަގަންއަކީ ކަލޭމެންގެ އެއްބައްޕާ އަޙެއް، ހަތޯރު... ކަލޭގެ މަންމައާ ކުރިމަތިލާން ޖެހިއްޖެނަމަ ވާނެގޮތެއް ވިސްނާލަބަލަ، އެމީހުން ނެތިގެންދާތަން ބަލަން ކެތްކުރެވޭނެތަ؟" މީކާޢިލްއާ ދުރަށް ޖެހިލައި އީޝަލް ބުންޏެވެ.

"އެނގޭ... މިފަހަކަށް އައިސް އަބަދު ވިސްނޭ ކަމަކީ ތީ، އެކަމަކު އެމީހުން އެދަރަޖައަށް އަނިޔާވެރިނުވިނަމަ، ކުށެއްނެތް ބައެއްގެ ތެރެއަށް ނުވަންނަމަ، ޒަގަންއަކީ އަހަރެންގެ އެއްބަނޑުއެއްބަފާ ބޭބެ، އެކަމަކު އޭނާއަށްވުރެ އަހަރެން ރައުލްދެކެ ލޯބިވޭ، ރައުލްއަށް ބަޔަކު އަނިޔާވެރިވާތަން ދުށުމަށް ކެތްކުރަން މާއުނދަގޫ" ހަތޯރުގެ އަޑުގައިވާ މަޑުމޮޅިކަން އީޝަލް ދެނެގަތެވެ.

"ތިޔައީ ރައުލްގެ މަރުދުވަހާ ޖެހެންދެން އޭނާދެކެ ލޯބިވާނޭ އެކުވެރީންތަކެއްކަން ޔަގީން" ވައިސިންނީ ބުންޏެވެ. އެ ބަހަށް އީޝަލް ވެސް ބޯޖަހާލިއެވެ.

"މިތަނުގައި މިތިބީ އަޅުގަނޑުގެ ޢާއިލާ، އެ އެންމެންގެ ހާޟިރުގައި ހުރިހާކަމެއް ހިނގާނީ، ކާފާ... ހުރިހާ ސިފައިން ގާތުގައި މިރަށުގައި މަޑުކުރުމަށް ބުނޭ، އަޅުގަނޑުމެން އެނބުރި އަންނަންދެން މިރަށް ހިމާޔަތްކުރަން އެމީހުންނަށް އަންގާ، ބޮޑުދައިތައާއި މާމަ އެނބުރި ގަނޑުވަރަށް ދާންވީ، އެމީހުންނާއެކު ޔާފިއާ ގެންދޭ، އެތަނުގައި އަޅުގަނޑުމެން އަންނަންދެން އިންތިޒާރުކުރޭ" އީޝަލް ވާހަކަދެއްކިއެވެ.

"އީޝަލް..." ކަންބޮޑުވުމާއެކު ބަލްޤިސްއަށް ގޮވާލެވުނެވެ. އެހިނދު އޭނާގެ ގާތުގައި އީޝަލް އައިސް މަޑުކޮށްލިއެވެ. ބަލްޤިސްގެ ދެއަތުގައި އޭނާ ހިފާލިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ދެން ފަހަތަކަށް ނުޖެހޭނަން، އެނބުރި އަންނާނީ ރައުލް ގޮވައިގެން... އަޅުގަނޑަށް ހިތްވަރުދީ، އަޅުގަނޑުގެ މައްޗަށް ހެޔޮ ދުޢާކުރޭ، އަޅުގަނޑަށް ކާމިޔާބު ލިބި އެމީހުންގެ މައްޗަށް ނަސްރުދެއްވުމަށް އެދި ދުޢާކުރޭ... ބޮޑުދައިތަގެ ދުޢާއިން އަޅުގަނޑަށް ނުހަނު ފައިދާކުރާނެ، ރައްކާތެރިކަމާއެކު ގަނޑުވަރުގައި މަޑުކުރޭ... ބަނޑުގައިވާ ދަރިފުޅަށް ރައްކާތެރިކަން މުހިންމު... ބޮޑުދައިތަގެ އަމާނާތެއްކަމުގައި ޖޫދާނުވޭ، ކޮންމެ ހާލެއްގައިވިޔަސް އެ އަމާނާތް ރައްކާތެރިކަމާއެކު ރައްދުކޮށްދޭނަން... ކަންބޮޑުނުވޭ... ބޮޑުދައިތަގެ އުނގުން ބޮޑުވި މި ދަރިފުޅަށް އިތުބާރުކުރޭ" އީޝަލްގެ ގައިގާ ބަލްޤިސްއަށް އޮޅުލައިގަނެވުނެވެ.

"ތީ މިޝަލްގެ ދަރިއެއްކަން ޔަގީން، އަމިއްލަ ނަފްސަށްވުރެ އެހެންމީހުން އޭނާ އިސްކުރި، ބިރުގަނޭ... ﷲއާ ވަކީލުކުރަން، ނަސްރުވަނީ އީޝަލްއާއެކު... ދޭ... އަނިޔާވެރީން ބަލިކޮށް ފިރިމީހާ ގޮވައިގެން އާދޭ، ތި ދެކުދީންގެ އިންތިޒާރުގައި ހުންނާނަން، ތި ދެކުދީން ސަލާމަތުން އެނބުރި އަންނަންދެން ﷲއަށް ދެންނެވުންމަތީ ދެމިހުންނާނަން" އީޝަލްގެ ނިތްކުރީގައި ބަލްޤިސް ބޮސްދިނެވެ. ހިތްބިރުގެންފައިވިޔަސް ބަލްޤިސް ހިތްވަރުގެ ސިފަ ޚިޔާރުކުރިއެވެ. ސާބިތުކަމާއެކު އީޝަލްއާ ވާހަކަދެއްކިއެވެ.

"ރާހިޤް... ސަވާރީ ގެނޭ" ހަރުއަޑުން އީޝަލް ގޮވާލިއެވެ. އެ ގޮވާލުން އައިޒަންގެ ސަމާލުކަން ހޯދިއެވެ. އޭނާ ނޫން މީހަކަށް ރާހިޤަކަށް ގޮވައެއްނުލެވެނޭއެވެ. އޭނާ އަޖައިބުވެ ބަލަން ހުއްޓާ ކުއްލިއަކަށް ގޭގެ ބިއްދޮށަށް ބަޔަކު ފައިބައިފިކަމުގެ ހިލަންވިއެވެ. ދެން އެގޭ ތެރެއިން އީޝަލްގެ ކުރިމަތިން ފާޅުވީ ރާހިޤެވެ. އިސްޖެހިފައި ހުރި ރާހިޤު ކުރުނީސްކޮށް އިސްއުފުލައިލި ހިނދު ކުރިމަތިން އީޝަލް ފެނުމުން އޭނާއަށް ވެސް ލިބުނީ ހައިރާންކަމެވެ. އެތަނުގައި ހުރި އައިޒަންއާ ދިމާއަށް އޭނާ އެނބުރިލިއެވެ.

"ސާހިބު" ހައިރާންކަމާއެކު ރާހިޤަށް ބުނެލެވުނެވެ. އެހިނދު ފަނޑު ހިނިތުންވުމެއް އައިޒަންގެ ތުންފަތުގައި ދުވެލިއެވެ.

"ކަލެއަށް ގޮވާލީ އަހަރެންނެއްނޫން، އެކަމަކު އޭނާ ކަލޭ އައުމަށް މަޖުބޫރުކުރުވައިފި" އައިޒަން ބުނެލިއެވެ. އެހިނދު އީޝަލް ގޮވާލިއެވެ.

"ރާހިޤު، މާމައާއި ބޮޑުދައިތަ ގޮވައިގެން އެނބުރި ގަނޑުވަރަށް ދޭ... އަދި ކަލެއަށް ގޮވާލެވެންދެން އެމީހުންގެ ގާތުގައި މަޑުކުރޭ" އީޝަލް ބުންޏެވެ. ބާރުހުރި ވެރިއެއްގެ ސިފަ އީޝަލްގެ ފުށުން އެންމެންވެސް ދުށްޓެވެ. އެމަންޒަރުވީ ޒިޔަޒެލްއަށް ހިތްގައިމު މަންޒަރަކަށެވެ. އޭނާ ފެންނަނި އާދަޔާ ޚިލާފަށް އުފާވެފައި ހުރިތަނެވެ.

"ލައްބަ" ރާހިޤު ބުންޏެވެ. އޭނާއަށް އީޝަލްގެ ބަހާ ޚިލާފުވުމުގެ ބާރު ލިބިފައި ނެތެވެ. އޭނާއަށް އަމުރުކުރެވުނު ކަންތައް ކުރަން އަވަސްވެގަތެވެ.

ބަހީރާއާއި ބަލްޤިސްއާއެކު އީޝަލް ހިނގައިގަތެވެ. އެމީހުންނާއެކު އައިޒަންއާއި މީކާޢިލްގެ އިތުރުން ޒިޔަޒެލްއާއި ޖޫދާ އައެވެ. ބަހީރާގެ ގާތުގައި އައިޒަން ހުއްޓިލިއެވެ. ވަގުތީ ވަދާޢުގެ ސަލާމް އަނބިމީހާއާ ކުރުމަށެވެ. ހަމައެފަދައިން ޖޫދާ އައިސް ބަލްޤިސްގެ ދެއަތުގައި ހިފާލިއެވެ.

"އެއީ އަހަރެންގެ ކޮއްކޮ... ބަލްޤިސް އެންމެ ލޯބިވާ އީޝަލްގެ ފިރިމީހާއަކީ އަހަރެންގެ ކޮއްކޮއެއް... ބަލްޤިސް، އަހަރެންގެ ލޯބިވާ އަނބިމީހާ، ކަލޭ ތިހާލުގައި އިންދާ މިފަދަ ކުރިމަތިލުމަކަށްދާން ނިންމީތީ މަޢާފުކުރޭ" ޖޫދާ އިސްޖަހާލިއެވެ.

"އީޝަލްއާއެކު ސާބިތުވެހުރޭ... އަހަރެމެން ދެން ބައްދަލުވާނީ ރައުލްއާއެކު، ޖޫދާ... ދުޝްމަނުންނަށް ފުރުޞަތެއްނުދޭތި، އަހަރެންގެ އީޝަލް ރައްކާތެރިކުރާތި، އަހަރެންނާއި މިދަރިފުޅު ކަލޭގެ އިންތިޒާރުގައި އިންނާނަން" ޖޫދާގެ މޫނުގައި ދެއަތުން ހިފާލައި ހަތަރުކަޅި ބައްދަލުކޮށް ބަލްޤިސް ބުންޏެވެ. ޖޫދާ ވަގުތުން ބޯޖަހާލިއެވެ. އަދި އަނބިމީހާގެ ގައިގާ ބައްދާލައި ނިތްކުރީގައި ބޮސްދިނެވެ.

ސަވާރީގެ ދެކޮޅުން އައިޒަންއާއި ޖޫދާ ކައިރިވެލީ އެމީހުންގެ އަނބީން އެ ސަވާރީއަށް އެރުވުމަށެވެ. އަދި އަނބީންނާ ސަލާމްކޮށް ދެމީހުން ސަވާރީއާ ދުރަށް ޖެހިލުމުން ރާހިޤުގެ އިޒުނައާއެކު އޭތި މައްޗަށް އަރަންފެށިއެވެ. ލޮލަށް ޣައިބުވަންދެން އެންމެން ތިއްބެވެ. އެއަށްފަހު އަނެއްކާ ވެސް އެނބުރި ގޭތެރެއަށް ވަނީއެވެ. އީޝަލް އިސްވެ ހުރި ވައިސިންނީގެ ގާތުގައި މަޑުކޮށްލިއެވެ. ޔޫރާއާއި ވައިސިންނީއާއި ލުގަލްބަންދާގެ މެދުގައި މަޝްވަރާ އޭނާ ފެށިއެވެ. ބަޚުރުގެ އަޑިއަށް ދާނޭ ގޮތަކާއި ޢާއިލާގެ މެންބަރުން ރައްކާތެރިކުރާނޭ ގޮތަކާމެދުއެވެ.

(ނުނިމޭ)