ތަރިކަ

މުޅި ރާއްޖޭގެ ތަރިކަ ދިރާސާ ކުރަން ސާވޭއެއް ހަދަނީ

މުޅި ރާއްޖޭގެ ތަރިކައިގެ ދިރާސާ ސާވޭއެއް ހެދުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން މި ސާވޭ ކުރުމުގެ ބޭނުމަކީ ރާއްޖޭގައި މިހާރު ފެންނަން ހުރި މިސްކިތްތަކާއި ގަބުރުސްތާނުތަކާއި އިހުގެ ބިނާތަށް ފަދަ ހުރިހާ އާސާރީ ތަރިކައެއް ޒަމާނީ ވަސީލާތްތަށް ބޭނުންކޮށްގެން ލިޔެ ރައްކާ ކުރުމެވެ. ސާވޭ ކޮށް ތަރިކައިގެ މައުލޫމާތު އޮންލައިންކޮށް ލިބެން ހުންނަ ގޮތަށް ހެރިޓޭޖް މިނިސްޓްރީން ހަމަޖައްސާނެ އެވެ.

ސާވޭ ކުރުމުގެ މަޝްރޫއުގައި އިސްކޮށް ހަރަކާތްރިވާނީ އިގިރޭސީވިލާތުގެ އޮކްސްފޯޑް ސެންޓާ ފޯ އިސްލާމިކް އިސްޓަޑީސް ގެ ޑރ. މައިކަލް ފީނާގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫއަށް މަލީ އެހީތެރިކަން ފޯރުކޮށް ދޭނީ އޭކޭޑިއާ ޗެރިޓަބަލް ޓްރަސްޓް އިންނެވެ.

މި މަޝްރޫއުގެ މައުލޫމާތު ދެމުން ޑރ. މައިކަލް ފީނާ ވިދާޅުވީ، ސާވޭ ކުރަނީ ރާއްޖޭގެ ފަޅު ރަށްތަށްވެސް ހިމަނައިގެން ކަމަށެވެ. އަދި ސާވޭގެ ތެރެއިން އިތުރު އާސާރީ ސަރަހައްދުތައް ފެންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ތަރިކަތަކުގެ ތްރީ ޑީ ވީޑިއޯ ހެދުމަށްފަހު ވާޗުއަލް ލައިބްރަރީއެއް ގާއިމްކުރާނެ ކަމަށް ވެސް ޑރ.މައިކަލް ފިނާ ވިދާޅުވި އެވެ.

އިތުރަށް މައުލޫމާތު ދެމުން އޭނާ ވިދާޅުވީ، ސާވޭ ކުރުމަށް ރަށްރަށަށް ދާއިރު، އެރަށުގެ ތަރިކައާ ބެހޭ ގޮތުން މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވަކިން ފާހަގަކުރެވޭ އާސާރީ ތަކެތި އިތުރަށް ދިރާސާ ކުރުމަށްފަހު ދާރުލް އާސާރުގައި ބަހައްޓާނެ ކަމަށެވެ.

މި ސާވޭގެ އިންޓަނޭޝަނަލް އެޑްވައިޒަރީ ބޯޑުގައި އިތުރު ފަސް ބޭފުޅެއްވެސް ހިމެނެ އެވެ. އެ ބޭފުޅުންނަކީ ޑރ. މައުރޫފް ޖަމީލް، ޑރ. އެލިޒަބަތް ލަމްބޮމް، ޑރ. އެންޑްރިއު ޕީކުކް، ޑރ. ޒަވިއާ ރޯމިރާ އަދި ޕްރެފެސާ އެރިއޯ ގްރިފްތްސް އެވެ.