ނޮވެމްބަރު 3، 1988 ގައި ސްރީލަންކާއިން ކުލީ ސިފައިން ގޮވައިގެން ރާއްޖެ އައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، އަށް އަހަރާއި ދުވަސްތަކެއް ވަންދެއް އެ ގައުމުގައި ފިލައިގެން އުޅުމަށް ފަހު ރޭ އެނބުރި ރާއްޖެ ގެނެސްފި އެވެ. ނަވާރަ ދިވެހިންގެ ލޭ އޮހޮރުވާލައި ޝަހީދުކޮށްލުމުގެ ޒިންމާ ނަގަން ޖެހޭ އެކަކު އެއާޕޯޓުގެ އެރައިވަލް ޓާމިނަލް އިން ނިކުމެގެން އައި އެ ވަގުތުކޮޅު ވަރަށް ތަފާތު އިހުސާސްތަކެއް ކުރި އެވެ. އެތައް ބައެއްގެ ލޭ ކެކި ހިތުގައި ހުރި ރުޅިވެރިކަމާއި އުދާސްތައް އޭނާއަށް ބާލުވައިލި ވަގުތުކޮޅެކެވެ.
އެމިރޭޓްސްގެ ފްލައިޓަކުން 9:30 ހާއިރު ލުތުފީ ގެންނާނެކަން ފުލުހުން އޮތީ ކުރީ ބައިގައި އިއުލާންކޮށްފަ އެވެ. އެ ހަބަރު ފެތުރުމާއެކު އެއާޕޯޓު ޓާމިނަލްގައި މާ ބޮޑު ހަލަބޮލި ކަމަކާއި އިހުތިޖާޖު ކުރާ ގްރޫޕުތަކެއް އައި ހެނެއް ހީނުވެ އެވެ. ހަމަ އާދައިގެ މަތިން މީހުން ގިނަ އެވެ. ރިސޯޓުތަކުން ޓޫރިސްޓުން ބަލާ އައިސް ތިބޭ މީހުންނާއި ލަންކާ އިން އަންނަ ދިވެހިން ބަލާ އާއިލާތައް ތިއްބެވެ.
ނަމަވެސް ރޭ ތަފާތު ވަނީ އެންމެންގެ ދުލު ކުރީގައި އޮތީ ލުތުފީގެ ވާހަކަ އެވެ. މަޑުކޮށްގެން ތިބީ ލުތުފީ ނިކުންނަ ތަން ބަލާށެވެ. ޓޫރިސްޓުން ބަލާ އައިސް ތިބޭ މުވައްޒަފުންގެ އަތުގައި ރިސޯޓުގެ ބޯޑު އޮތަސް އަނެއް އަތުން ހުރީ ފޮޓޯ ނަގަން ފޯނު ތައްޔާރުކޮށްލައިގެންނެވެ. ރާއްޖޭގެ ހުރިހާ މީޑިއާއެއް ކެމެރާ ރެޑީކޮށްގެން އެރައިވަލް ޓާމިނަލްގެ މީހުން ނިކުންނަ ދިމާލަށް ސެޓުކޮށްގެން ތިއްބެވެ.
ފްލައިޓު ލޭންޑު ކުރިތާ 15 މިނެޓު ފަހުން ކުއްލިއަކަށް ކުލަ ހެދުމުގައި ހުރި ހަތަރު ފުލުހެއްގެ ފަހަތުން ކޮނޑުގައި ދަބަހެއް އަޅުވައިގެން، ތޮއްޕެއް އަޅައިގެން ވަރަށް ހަމަޖެހިލައިގެން މީހަކު ހިނގާފައި ނިކުތެވެ. ކުޑަ އިރުކޮޅަކަށް އެންމެން ތިބީ ޝައްކެއްގެ މަތީގަ އެވެ. އެހާ ވެސް "މިނިވަންކަމާއެކު" ކައިރީ ހުރި ފުލުހަކާ ވާހަކަދައްކާ ހެމުން ހެމުން ގައުމުގެ "ބޮޑު ހާއިނު" ނިކުމެގެން ބާރު ބާރަށް ހިނގާފައި ދިޔަ އެވެ. ޓެރަރިސްޓަކު އެއް ގައުމުން އަނެއް ގައުމަށް ޓްރާންސްފާ ކުރި އިރު އަތުގައި ބިޑިއެއް އަޅުވާފައި ނެތެވެ.
ސްރީލަންކާގައި އޭނާ ދިރިއުޅެމުން ދިޔައީ އެ ގައުމުގެ ފުލުހުންނަށް ވެސް ފިލައިގެނެވެ. ޒާންގެ ނަމުގައި އާ އައިޑެންޓިޓީއެއް ހަދައިގެނެވެ. އެ ގައުމުގެ ކްރިސްޓިއަން ދީނުގެ މީހަކަށް ވެގެން, އާންމުކޮށް ދިވެހިން އުޅޭ ހިސާބަށް ބައެއް ފަހަރު ދެ އެވެ. ނަމަވެސް އެއްވެސް މީހަކަށް އޭނާ ވަކި ކުރަން ނޭނގުނީ ކީއްވެކަން މިހާރު އެނގިއްޖެ އެވެ.
ގްރޭ ކުލައިގެން ޓީޝާޓަކާއި މަޑު ނޫ ކުލައިގެ ޖިންސެއް ލައިގެން ހުރި ލުތުފީގެ ކަންފަތުން ދަތްދޮޅީގެ ތިރިޔަށް އޮތީ އޭނާ އަޅާފައިވާ އައިނު ވައްޓާލާފަ އެވެ. އުމުރުން 70 އެއްހާ އަހަރު ވިޔަސް މީހާގެ ގައިގައި ބަލި ކަށިކަމާއި ވަރުދެރަ ސިފައެއް ނުޖަހަ އެވެ. ބޮލުގައި ތޮތްޕެއް އަޅައި، ތުނބުޅިއެއް ވެސް ލާފަ އެވެ. މީގެ އަށް ވަރަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު މޫނު މައްޗާއި މީހާގެ ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ހުރީ ގެނެސްފަ އެވެ. ފިލައިގެން އުޅެން ސިފަ ބަދަލުކޮށްފަ ކަމަށް ބެލެވެ އެވެ. އޭނާ އިންޑިޔާއަށް ފުރުވާލި އިރު ހުރި ގޮތާ ވަރަށް ތަފާތެވެ.
އެރައިވަލްއަށް އިން ހިނގާފައި ވަކި ހިސާބަކަށް ދެވުނު ތަނާހެން އެތަނުގައި ތިބި އެންމެންގެ ލުތުފީއަށް ހުއްޓުނެވެ. ގިނަ މީހުން މީޑިއާތަކާއެކު ލުތުފީ ފަހަތުން ހިނގައިގަތެވެ. ފޮޓޯ ނަގަން ފޯނުތައް މައްޗަށް ނެގީ "ބާގީގެ ފޮޓޯ ނަގަން ބޭނުމޭ" ކިޔާފަ އެވެ. މުޅި އެއާޕޯޓުގެ އޮތް މާހައުލު ބަދަލުވެ އަޑު ގަދަވާން ފެށި އެވެ. ބާގީއަށް ގޮވާ ހަޅޭއްލަވަން ފެށި އެވެ. ލުތުފީ ހިނގާފައި ކުރިޔަށް ދާން ޖެހުނީ ދިވެހިންގެ ރުޅިވެރިކަމާއި ނަފްރަތާއި ހަޅޭކުގެ އަޑުގެ އަހަމުންނެވެ.
"ބާގީ ޖަލަށް ލާ،"... " ގޮޅިއަށް ގޮޅިއަށް ގޮޅިއަށް،" އެއާޕޯޓުގައި ތިބި މީހުން އެކި ދިމަ ދިމާލުން ގޮވަން ފެށި އެވެ.
ލުތުފީ ނިކުމެގެން އައިއިރު އޭނާގެ މޫނު މަތިން ފެންނަން ހުރި ހިނިގަނޑު މަޑު މަޑުން އޮއްސެން ފެށި އެވެ. ކުލަވަރު އެއްކޮށް ބަދަލުވި އެވެ. އެ ލެވިހާ ހަޅޭކުގެ އަޑު އަހަމުން ގޮސް ކާރާ ހަމަޔަށް ދިޔައީ އެހެން އެއްވެސް ދިމާލަކަށް ބަލައިނުލައި މީހަކާ އަނގައިން ނުބުނެ އެވެ. އެއްވެސް އެއްޗެއް ނުބުނެ ކާރަށް އެރި ގޮތަށް އިސް ޖެހި އެވެ. ކާރުގައި އޭނާ ފުލުސް އޮފީހަށް ގެންދިޔަ އެވެ.
ހާލު ދެރަވެގެން ބޭސްފަރުވާއަށް ލުތުފީ އިންޑިޔާއަށް ފުރުވާލީ 2010 ވަނަ އަހަރެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް އައިއިރު ލުތުފީއަށް އިއްވި ހުކުމުގެ ތަންފީޒު ކުރަން ބާކީ އޮތީ ހަތަރު ވަރަކަށް އަހަރާއި ދުވަސްކޮޅެކެވެ. ނަމަވެސް އޭނާ ފިލި މައްސަލަ ފުލުހުން ވަނީ އަލުން ތަހުގީގު ކުރަން ފަށައިފަ އެވެ. އެހެންވެ އެ މައްސަލައާ ގުޅިގެން ވެސް އޭނާއަށް ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.