އަބްދުﷲ ލުތުފީ

ލުތުފީ ލަންކާ އެމްބަސީގައި: އަހަރުގެ ޑްރާމާ

Jun 25, 2019
55

ނޮވެމްބަރު 3، 1988 ގެ ފަތިހުގެ ހިމޭންކަން ފޫއަޅުވައިލި ބަޑީގެ ގަދަ އަޑުފައްގަނޑު ދިވެހީންގެ ކަންފަތުން އަދިވެސް ނުފިލަ އެވެ. ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ހަތިޔާރު އެޅި 80 އަށްވުރެ ގިނަ ތަމަޅަ ހަނގުރާމަވެރިން ގޮވައިގެން ދިވެހިންގެ ބަޔަކު ރާއްޖެ އަރާ 19 ދިވެހިން މަރައި ޝަހީދުކޮށްލި ދުވަހެވެ. އެ ބަޣާވާތް ރާވައި ހިންގުމުގެ ފަހަތުގައިވާ ނުރައްކާތެރި ސިކުނޑީގެ ވެރިޔަކީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން މަސައްކަތް ކުރި ލުތުފީ މިހާރު ފިލައިގެން އުޅުނަސް އޭނާއަކީ ދިވެހިިންގެ ހަނދާންތަކުން ފިލައިގެން ދާނެ ނަމެއް ނޫނެވެ. އަނބުރާ އިއާދަ ނުކުރެވޭނެ ގެއްލުން ދައުލަތަށާއި އެތައް ރައްޔިތަކަށް ދީފައިވާ އިރު އެ މީހުންގެ ނަފްރަތާއި ރުޅިވެރިކަމުގެ ހުޅު ވަކި ކުޑައެއް ވެސް ނުވާނެ އެވެ.

ރައީސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ލުތުފީ ހިންގި ބަޣާވާތުގެ މައްޗަށް ނަސްރު ހޯދައި، ލުތުފީ އާއި އޭނާގެ ބައިވެރިން ހިފާ ހައްޔަރުކޮށް އެ މީހުން މަރަން ހުކުމް ކުރީ އޮގަސްޓު 12، 1989 ގައެވެ. އޭގެ ފަހުން ހަމަ އެ ދުވަސްކޮޅުގައި ލުތުފީ ހުކުމް އުމުރު ދުވަހަށް ޖަލަށް ބަދަލު ކުރި އެވެ.

ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެންނަން އެންމެ ގަދައަށް މަސައްކަތް ކުރީ އެމްޑީޕީ އެވެ. އެ މަސައްކަތް ގާނޫނީ އިމުގެ ތެރެއިން ކާމިޔާބު ކުރައްވާ ރައީސް މުހައްމަދު ނަޝީދު ސަރުކާރާ ހަވާލުވެވަޑައިގަތް ގޮތަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެޅުއްވި ފިޔަވަޅަކީ ލުތުފީ ޖަލުން ނެރެ ގެއަށް ބަދަލު ކުރުމުގެ ލުއި ދިނުމެވެ.

ފާޑު ކިޔުންތައް އޮތްތާ އޮއްވާ ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ކަމަށް ބުނެ، ލުތުފީ އެންމެ ފަރިތަ އަދި ބަޣާވާތް ރޭވި ގައުމަށް އަނބުރާ ފޮނުވައިލި އެވެ. އެއީ ދިވެހިން ދުށް އެންމެ ބިރުވެރި ދުވަހަށް 22 އަހަރު ވެސް ނުވަނީސް، އެ ދުވަހުގެ "ސަސްޕެކްޓް 1" މިނިވަން ވި ދުވަހެވެ. ލުތުފީ އަނބުރި ގެނެވޭނެ ކަމުގެ އުންމީދެއް ވެސް ނުވަތަ ފުރުވާލި މައްސަލާގައި ޒިންމާ ނަގާނެ ފަރާތެއް ވެސް ނުވި އެވެ.

ލުތުފީގެ މައްސަލަ އަލުން ހިނގައިގަތީ ރައީސް ނަޝީދުގެ ވެރިކަމަށް އައި ލޮޅުންތަކާއި އެކު އެމަނިކުފާނު އިސްތިއުފާ ދެއްވައި އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައުމުންނެވެ. ފެބްރުއަރީ 7، 2012 ވަނަ ދުވަހު ނަޝީދު އިސްތިއުފާ ދެއްވުމުން މާޗު 26، 2012 ގައި ލުތުފީ ހޯދަން އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީ ހެބިލިޓޭޝަން ސާވިސްގެ ފަރާތުން ފުލުސް އޮފީހުގައި އެދުނެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ލުތުފީގެ ހުކުމް މަޑުޖައްސާލައި ބޭރަށް ފޮނުވާލީ، ވަގު ލިޔުންތަކެއް ބޭނުން ކޮށްގެން ކަމަށް ތުހުމަތު ކުރެވި، އެ މައްސަލައުގެ ތަހުގީގެއް ކުރި ވެސް އެވެ.

މިނިވަނެއް ގޮތުގައި 9 އަހަރު | ލުތުފީ އަތެއް ނުވި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކި ފަހަރުގެ މަތިން ލުތުފީ ގެނައުމުގެ ވާހަކަތައް ދެކެވިފައި ވެއެވެ. އެކަން އެންމެ ގަދައަށް ފެނިގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުގައި އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރެވެ. އެގޮތުން ލުތުފީ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެ ސްރީލަންކާއާއެކު މަޝްވަރާތަކެއް ކުރި އެވެ. އޭނާއާ ހައްޔަރުކޮށްގެން ގެނެވޭނެ މައުލޫމާތެއް ހޯދި މީހަކަށް 10،000 ޑޮލަަރު (154،200 ދިވެހި ރުފިޔާ) ހުށަހެޅި އެވެ.

ކުރީގެ މިނިސްޓަރު އުމަރު ވިދާޅުވި ގޮތުގައި އޭނާ ހޯދަން އެކި ފަހަރުގެ މަތިންް ދިވެހި ފުލުހުންގެ ޓީމުތައް އޭރު ލަންކާގައި ހަރަކާތްތެރިވި އެވެ. އޭނާއާ ބެހޭ މައުލޫމާތު އެއްކޮށް ލޮކޭޓު ކުރަން އެތައް މަހެއް އެ ގައުމުގައި ހޭދަ ކުރި އެވެ. އެކަމުގައި ލަންކާ ސަލާމަތީ ބާރުތަކުގެ އެހީ ވެސް ލިބުނެވެ.

"އަޅުގަނޑުމެންނަށް އެއް ފަހަރު ލުތުފީ ލޮކޭޓް ކުރެވުނު ލަންކާގެ ނިގެމްބޯ ސަރަހައްދުން. އެ މައުލޫމާތު ލިބުމުން އެ ގައުމުގެ ސަލާމަތީ ބާރުތަކާއެކު އެ ސަރަހައްދުގައި ދިވެހި ފުލުހުންގެ ޓީމްތަކުން ވެސް ހަރަކާތްތެރިވި، އޭރު ހަމަޖެހި އަަދި އަންގާފައި އޮތީ އޭނާ ހޯދި ލަންކާ ފުލުހަކަށް ވިޔަސް 10،000 ޑޮލަރު ދޭނެ ކަމަށް. އެއީ އެ ގައުމުގެ ފުލުހެއްގެ އަހަރު ދުވަހުގެ މުސާރަ. އެހެންވެ ވަރަށް ގަދައަށް ސާޗް އޮޕަރޭޝަންތައް ކުރިޔަށް ދިޔަ، އެކަމަކު އޭރު ވެސް އަތުވާ ގޮތެއް ނުވި،" އުމަރު ވިދާޅުވި އެވެ.

އެކަމަކު ލުތުފީ ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ކޮލޮމްބޯ ސަރަހައްދަށް ވެސް އަންނަ ކަން ވަނީ އެނގިފަ އެވެ. ދިވެހިން އާންމުކޮށް ގޮސް އުޅޭ ތަންތަނަށް ވެސް ދެ އެވެ. ސްރީލަންކާގައި ކުރިން ވެސް ގިނަ ދުވަހު ދިރިއުޅުނު ލުތުފީ މިހާރު އެތަނުގައި އުޅެމުން އަންނަނީ އެ ގައުމުގެ ރައްޔިތެއް ކަމަށް ހެދިގެނެވެ. ވާހަކަ ދައްކަނީ ސިންހަލަ ބަހުންނެވެ. އަމިއްލަ މީހާއަށް ކިޔައި އުޅެނީ "ޒާން" އެވެ.

ލުތުފީ ރާއްޖެ އަންނަ ވަގުތު ޖެހިއްޖެ!

ރައީސް ނަޝީދުގެ ވެރިކަމުގައި ލުތުފީ "ފިލުވައިދިން" ފަހުން ނުވަ އަހަރު ވެއްޖެ އެވެ. މިއަދު އަނެއްކާ ވެސް ވެރިކަަމާ ހަވާލުވެ އޮތީ އެމްޑީޕީ އެވެ. ކުރިއާ ހިލާފަށް ރައްޔިތުން މަޖިލީހުގެ ފުރިހަމަ ބާރު ވެސް އޮތީ އެ ޕާޓީ އަތުގަ އެވެ. އާ ސަރުކާރަށް އެެންމެ ހަތް މަސް ފުރުނު އިރު ކުއްލިއަކަށް ފެންމަތި މިވީ ލުތުފީ ދެ މަސް ވަންދެއް ދައުލަތުގެ ފުރިހަމަ ބާރު އޮތް ބިމެއްގައި ދިރިއުޅެމުންދާ ކަމެވެ. އޭނާ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް "އަމިއްލައަށް ވަނީ" އެވެ.

ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ ތެރޭގައި ދިރި އުޅެމުންދާކަން "ފަޅާ އަރުވާލީ" ކުރީގެ ހޯމް މިނިސްޓަރު އުމަރެވެ.

އެކަމާ ބެހޭ ގޮތުން ބަހެއް ނުބުނެ 24 ގަޑިއިރު ތިބުމަށް ފަހު ފުލުހުން ރޭ ކުއްލި ގޮތަކަށް ނެރުނު ބަޔާނުގައި އެކަމަށް އެއްބަސްވި އެވެ. ސުވާލު އުފެދޭ އެތައް ކަމެއް އޮތް އެ ބަޔާނުގައިވާ ވާހަކަތަކަށް ބަލާއިރު، މިދިޔަ މެއި މަހު 1 ވަނަ ދުވަހު. ދިވެހިރާއްޖޭގެ "އެންމެ ބޮޑު ޣައްދާރު" ލުތުފީ އަމިއްލައަށް އެމްބަސީއަށް ވަދެއްޖެ އެވެ. އަދި އޭގައި ވާ ގޮތުންނަމަ އޭނަ ހުރީ ހައްޔަރަކު ނޫނެވެ. ފުލުހުންގެ "ބެލުމުގެ ދަށުގަ" އެވެ. އަދި އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާތެރި މީހަކު ދައުލަތުގެ ބިމެއްގައި މިދިޔަ އެއް މަހާއި 24 ދުވަސް ދިރިއުޅެމުން ދިޔަ އިރު އެކަން ފޮރުވައިގެން އުޅުނީ ކީއްވެ ކަން ފުލުހުން ނުބުނެ އެވެ. ކޮންމެހެން ވެސް ބަންދު ކުރަން ޖެހޭ މީހަކު ދެ މަސްވީ އިރު ވެސް ފުރުވާ ނުލެވިގެން އުޅެނީ ކީއްވެ ކަމެއް ވެސް ނޭނގެ އެވެ.

ގާނޫނުތަކުގައި ވަނީ ކުށްވެރިއަކު ބަންދު ކުރެވޭނެ ވަކި ހާއްސަ ތަންތަނެއް ކަނޑައަޅައިފަ އެވެ. އެ ލިސްޓުގައި ހަމަގައިމު ވެސް ބޭރު ގައުމުތަކުގެ އެމްބަސީއެއް ނުހިމެނެ އެވެ. އެހެންވެއްޖެއާ އެމްބަސީއެއްގައި ކުށްވެރިއަކު ހައްޔަރުކޮށްފިއްޔާ އެއީ ކުރެވޭ ގާނޫނީ ކުށެކެވެ. އެ ނޫން ނަމަ ލުތުފީ ބަލަހައްޓައި ދެނީ ކިހިނެތް އަދި ކޮން ކަހަލަ މަޝްވަރާއެއްގެ ދަށުން ހެއްޔެވެ؟

"ލުތުފީ ހުރީ ހައްޔަރުކޮށްފައެއް ނޫން. މިވަގުތު ލުތުފީ ބަލަހައްޓަމުން ދަނީ ފުލުހުން،" އެ އިދާރާގެ ތަރުޖާމާނު ވިދާޅުވި އެވެ.

ދެން ހުރީ ލަންކާ އެމްބަސީ އެވެ. ނޮވެމްބަރު 3 ގެ ބާޣީއަކު އެމްބަސީ ތެރޭގައި އުޅޭ އިރު ލަންކާގައި ހުންނަ ދިވެހި ސަފީރަކަށް މިހާރު ހަމަޖައްސާފައި ލަންކާއާ ގުޅުންތަކެއް އޮތް، އެ ގައުމަށް ފަރިތަ އަދި ނޮވެމްބަރު 3 ގެ ހާދިސާގައި އަރިއަރިއަށް ދުވާ ރޮނގުތަކާ ގުޅިގައިވާ އަދި ތުހުމަތުތަކެއް ކުރެވުނު މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމްގެ އާއިލީ ބޭފުޅެކެވެ. އެހެންކަމުން މީހަކަށް ނާނގާ ލުތުފީ "ރައްކާކޮށްގެން" ގެންގުޅުނު މި މައްސަލާގައި އޭނާ ސަފީރު ދާރީވާކަށް ނުޖެހޭ ހެއްޔެވެ؟ ފޮރިން މިނިސްޓްރީ އާއި ސަރުކާރު ކޮބައި ހެއްޔެވެ؟

ފުލުހުންގެ ބަޔާނާއި އެހެން ދިމަ ދިމާލުން ލިބިފައިވާ މައުލޫމާތުތަކުން އެނގެނީ ލުތުފީ އެމްބަސީއަށް ދިޔައީ އަމިއްލައަށެވެ. އޭގެ މާނައަކީ އޭނާ ކުއްލިއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ބޭނުންވީ ހެއްޔެވެ؟ ނުވަތަ އޭނާއަށް އެހެން ޔަގީން ކަމެއް އޮތީ ހެއްޔެވެ؟

ލުތުފީ އަމިއްލައަށް އެމްބަސީއަށް ހާޒިރުވި އިރު މިދިއަ އަށް އަހަރުތެރޭ ސްރީލަންކާގެ "ދަ އައިލެންޑް" ނޫހަށް ސިލްސިލާކޮށް ދެ އިންޓަވިއުއެއް ދީފައި ވެއެވެ. އޭގައި ބުނަނީ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އަލުން އެ މަނިކުފާނުގެ ވެރި ކަމެއް އަތުވެއްޖެ ނަމަ ރާއްޖެ އައުމަށް އައުމަށް އުންމީދު ކުރަމޭ އެވެ.

މިވަގުތު ރާއްޖޭގައި އޮތީ އެމްޑީޕީގެ ވެރިކަމެކެވެ. ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.

މިހިރީ ހުސް ސުވާލުތަކެވެ. ނަމަވެސް މިވަގުތު ކޮންމެ ދިވެއްސަކު ވެސް އެނގެން ބޭނުމީ އެންމެ ސުވާލެއްގެ ޖަވާބެވެ. ލުތުފީ އެނބުރި އަތުވެއްޖެ ނަމަ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟