އަބްދުﷲ ލުތުފީ

10،000 ޑޮލަރު، އެއް އަހަރު، އެންމެ މީހެއް!

Nov 3, 2015
10

މިއީވެސް ދައްކާ ވާހަކައެކެވެ؛ ނޮވެމްވަރު 3، ގެ ހަމަލާގައި އިސްކޮށް ހުރި އަބްދުﷲ ލުތުފީ ފިލައިގެން އުޅެނީ "ޒާން" ގެ ނަމުގަ އެވެ. މިހާރު ވެސް އުޅެނީ އަބަދުވެސް އޭނާގެ "ހޮހޮޅަ" ކަމަށްވާ ސްރީލަންކާގަ އެވެ. އަދި އޭނާ އުޅެނީ ހަތިޔާރު އެޅި ބޮޑީގާޑުންނާއެކު ސިފައަށް ވެސް ބަދަލު ގެނެސްގެނެވެ. އޭނާ ދާތަންތަނަށް އާމާޑް ވެހިކަލެއް ދަތުރު ކުރެ އެވެ. ގައިމުވެސް އޭނާ ވަނީ ފިލާފަ އެވެ. ނޫނީ ފިލުވާފައެވެ

މިދިއަ އަހަރުގެ މި ދުވަހު ތ. ދިޔަމިގިލީގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަރަށް ބޮޑު ވާހަކައެއް އިއުލާން ކުރެއްވި އެވެ: "މިރޭ އަޅުގަނޑު އިއުލާންކުރަން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކުރުމަށް މަގުފަހުކޮށްދޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްދޭ ފަރާތަކަށް 10،000 ޑޮލަރުގެ އިނާމެއް އަޅުގަނޑުމެންގެ ސަރުކާރުން ދޭނަން،"

ސްރީލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅި ޒަމާނީ ހަތިޔާރާއި ތަމްރީނުވެފައިވާ ހަނގުރާމަވެރިންނާއެކު ރާއްޖެ އައިސް ނޮވެމްބަރު 3، ގައި ދިން ހަމަލާގައި އިސްކޮށް ހުރި ލުތުފީ އެވެ. އެއީ ދިވެއްސެއްގެ ގޮތުގައި ހުރި އެންމެ ނުރައްކާތެރި ކުށްވެރިޔާ އެވެ.

އޭނާއަށް ކަންތައް ކޮންމެވެސް ކޮޅެއްގައި ޖެހެން އެބަޖެހެ އެވެ. އެކަމަކު ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަ އެ ގައިދީ ފިލާފައިވާއިރު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމާއި ހޯދައިގެން ރާއްޖެ ގެންނާނެ ކަމަށް ބުނުމާއި ހޯދިދާނެ ފަދަ މައުލޫމާތެއް ދޭ މީހަކަށް އިނާމު ހުށަހެޅުން ފިޔަވައި މާބޮޑު ކަމެއް ނުވެއެވެ.

ލުތުފީ ހައްޔަރުކުރެވޭ ވަރުގެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރާ މީހަކަށް 10،000 (ގާތްގަނޑަކަށް ދޮޅުލައްކަ އަށްވުރެ ގިނަ ރުފިޔާ) ސަރުކާރުން ހުށަހަޅެޅީ އޭގެ ކުރިން 75،000ރ. ދޭގޮތަށް އިއުލާންކޮށްފައި އޮތުމަށްފަހު އެވެ. އެ މަސައްކަތް އޭރު ގެންދިޔަ ގޮތުން ހީވީ ލަހެއް ނުވެ ލުތުފީ އަނބުރާ މާފުއްޓަށް އަރުވާނެ ހެނެވެ.

މިދިއަ އަހަރެއްހާ ދުވަހުގެ ތެރޭ ލުތީފީގެ މައްސަލާގައި ލިބުނު ކުރިއެރުމަކީ ކޮބައިތޯ ބަލަން ހޯމް މިނިސްޓަރަށް ގުޅި ނަމަވެސް އެމަނިކުފާނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ފަހަރެއްގައި އެމަނިކުފާނު ވިދާޅުވި ގޮތަށް "އިންޖީނު ނިވާލާފައި" ވަނީ އެވެ.

ހޯމް މިނިސްޓަރު އޭރު ވިދާޅުވި ގޮތުގައި ފިލައިހުރި ލުތުފީ ހައްޔަރު ކުރެވޭވަރުގެ މައުލޫމާތު ފުލުހުންނަށް ދިން މީހަކަށް 10،000 ޑޮލަރު ދޭން ނިންމިކަން ސްރީލަންކާ އާއި އިންޑިއާގައި ވެސް އިއުލާނު ކުރާނެ އެވެ. އޭގެ ސަބަބުން އޭނާ ހަޔަރުކުރަން މަގުފަހިވެގެންދާނެ އެވެ.

"އިރާދަކުރެއްވިއްޔާ މި 10،000 ޑޮލަރުގެ އިނާމު އޮތްކަން ސްރީލަންކާގަ އާއި އިންޑިއާގައި އަޅުގަނޑުމެން އިއުލާންކުރާނަން،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ. އިއުލާން ކުރި ކަމެއް ވެސް ނޭނގެ އެވެ. ލުތުފީ ފިލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ރޯލެއް އޮތް ކަމަށާއި 10،000 ޑޮލަރުގެ އިނާމާއެކު އޭނާ ހައްޔަރުކޮށް ހުކުމުގައި ބާކީ އޮތްބައި ތަންފީޒު ކުރަން އަނބުރާ ޖަލަށް ގެންދާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަރުކާރަށް ފަހު އައި ދެ ސަރުކާރުން ވެސް ލުތުފީ ހޯދަނީ އެވެ. އެކަމަށް ވަރަށް ގިނަ ހަރަދުކޮށް، އެކަމަށް ގިނަ ވަސީލަތްތައް ވެސް ބޭނުންކުރެވިފައިވާ ކަމަށް ވެސް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ލުތުފީ އަކީ 19 ދިވެހިން ޝަހީދުކޮށްލި އުދުވާނުގެ އިސް މީހާއަށް ވެފައި އެންމެ ނުރައްކާތެރި މީހުންގެ ކެޓަގަރީގައި ކެޓަގަރައިޒްކުރާ މީހަކަށްވާއިރު އޭނާ މާ ފުޅާ މީހެއްގެ ގޮތުގައި އަތުނުޖެހި، ސްރީލަންކާގެ ނޫސްތަކަށް އިންޓަވިއުދެމުން އުޅެވުމަކ ވަރަށް އައިބު ކަމެކެވެ.

ނުރައްކާތެރި ލުތުފީ ފިލީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާއަކަށް ލަންކާ އަށް ފޮނުވުމުންނެވެ. އެ ފަހަރު ލުތުފީ ދިޔައީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ލުތުފީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔައީ އޭނާ މަރަން ކުރި ހުކުމް ރައީސް މައުމޫން ލުއިކޮށް ދެއްވާ ޖަލު ހުކުމަށް ބަދަލު ކުރުމުންނެވެ. އޭނާ ހޯދައިގެނެ ގެނައުމަށް ހިންގަންޖެހޭ އިންޖީނުތައް އިސްޓާޓް ކުރަން ޖެހެ އެވެ.