ވާހަކަ

ބޭނުންވަނީ ޔާރާ

(8 ޖުލައި 2019 އާ ގުޅޭ)

"ބައްޕާ.......މާފުކުރައްވާ އަޅުގަނޑުމެންނަށް، ވަރަށް އަވަހަށް ދާން އެބަޖެހޭ، އަދި ކޮންމެވެސް ދުވަހަކުން އަންނާނަން، މިވަގުތު އަޅުގަނޑުމެން ގޮސްލުމުގެ ހުއްދަދެއްވާ، އެކުން މި އާދެވުނީވެސް މަންމައަށް އަޅުގަނޑުގެ ދަރިފުޅު ދައްކާލަންވެގެން......." ހިނިތުންވެލައިގެން ހުރެ މަންހާ ބުނެލިއެވެ. ސަޢީދު އާއި ދެންތިބި ކުދިންނަށްވެސް ހައިރާންކަމާއިއެކު އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ކުއްލިއަކަށް މަންހާއަށް ބަދަލުތަކެއް އަތުވެއްޖެކަން އެނގުނެވެ.

"ހިނގާ ދަމާ......" މަންހާ ހިނިތުންވެލަމުން ދާއިންއަށް ބުނެލިއެވެ. ދާއިންއަށްވެސް ކޮންމެވެސް ކަމެއްވެއްޖެކަން ޔަގީންވެއެވެ. އޭނަ އަވަސް އަވަހަށް އައިސް މަންހާގެ އުނަގަނޑުގައި ހިފާލަމުން އެގެއިން ނުކުތުމަށް ހިނގައިގަތެވެ.

"މަންކޮ، އެހަށް މަޑުކޮށްބަލަ، ތިހާ އަވަހަށް ދާން ތިއުޅެނީ މަންމަ އެއްޗެކޭ ބުނީތަ؟" އަވަސް ފިޔަވަޅުގައި އައިސް މަންހާގެ ކޮނޑުގައި ހިފެހެއްޓި ޝަރަފް އަހާލިއެވެ.

"އަޅުގަނޑު އަދި އެހެން ތަނަކަށް ދާންވެސް އެބައޮތް، އެހެންވެ......އިރުއޮއްސެން ވާއިރަށް ނެހާ ގޮވައިގެން ގެއަށް ވަދެވޭނީވެސް އޭރުންނު" މަންހާ ޝަރަފްއަށް ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ މަންހާ ނުކުމެގެން ދަންދެން އެންމެން ބަލަންތިބީ ހައިރާންކަމާއިއެކުގައެވެ. ކުއްލިއަކަށް މަންހާއަށް އައި ބަދަލާއި ގުޅިފައިވަނީ ވަސީމާކަން އެންމެންނަށް ވިސްނުނެވެ. ސައީދު ގޮސް ކޮޓަރިއަށްވަތްއިރު އެނދުގައި ވަސީމާ އޮށޯވެލައިގެން އޮތެވެ. ނިތުގައި އަތްބާއްވާލައިގެން ދެލޯމަރާލައިގެން އޮތްގޮތުން ހީވަނީ ކޮންމެވެސް ފިކުރެއްގައި އޮތްހެނެވެ.

"އާރ ޔޫ އޯކޭ.....ގެއަށް ދާންވީތަ" ކާރު ދުއްވާލަމުން ދާއިން މަންހާގެ ގާތުން އަހާލިއެވެ.

"ހޫމް...." ކާރުގެ ދޮރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަންއިނދެ މަންހާ ހޫން ލައްވާލިއެވެ. އޭނާގެ ހިތުގައި ވަސީމާ އާއިމެދު އެތައް ސުވާލެއް އުފެދެމުންދިޔައެވެ. މަންހާއަކީވެސް މިހާރު މަންމައެކެވެ. އުނގުގައި އޮތް ނެހާ ދެކެ އޭނަ ލޯބިވާވަރު އިޙްސާސްކުރެވެއެވެ. އެދަރިފުޅު ރަނގަޅު ގޮތުގައި ބޮޑުވެ އެދަރިފުޅަށް ހުރިހާ އުފަލެއް ލިބުމަށް މިހާރުވެސް މަންހާއަށް އެދެވެއެވެ. ވީއިރު ވަސީމާއަށް މަންހާގެ އުފާވެރިކަން ގުޅިފައިވަނީ ދާއިން އާއިކަން ނުވިސްނެންވީ ކީއްވެބާއެވެ.

"ޒާ ގުޅި، ބުނީ ކޮންއިރަކުން ހޯ ނެހާ ގޮވައިގެން ގެއަށް އަންނަނީ، އިރުއޮއްސުމުގެ ކުރިން ކޮންމެސް ގެއަށް އަންނައްޗޯ، އެނގޭތަ ދޮންބެއަށް އަހަރެން ނެހާގެ ނަންކީއިރުގެ ފޮޓާތައް ފޮނުވާލައިފިން" ދާއިން ވާހަކަދެއްކިއެވެ. އޭނައަށް މަންހާގެ ހިތަށްކޮއްފައިވާ އަސަރު އެއްވެސް ވަރަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނަ މަސައްކަތްކުރަމުންދިޔައީ މަންހާގެ ގެއިން އޭނައަށް ކުރިމަތިވި ކަންތައްތަކާއި އޭނަގެ ހިޔާލު ދުރުކޮށް ދާއިންގެ ވާހަކަތަކުން އެހިތަށް ފިނިކަމެއް ހޯދަދިނުމަށެވެ. މަގުމައްޗަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަމުން ކާރު ދުއްވަމުންދިޔަ ދާއިން ސިހިގެންދިޔައީ ކުއްލިއަކަށް މަންހާގެ ރުއިމުގެ އަޑުއިވުމުންނެވެ.

"މަންހާ.....ހޭ...މަން.....ކީއްވެ ރޮނީ، ޔޫ ނޯ އައި ޑޯންޓް ލައިކް ޓިއަރސް އިން ޔޯ އައިސް" ދާއިން މަންހާއަށް ބަލާލަމުން ބުނެލިއެވެ. އަދި މަގުގެ އެއްފަރާތުގައި ކާރު މަޑުކޮއްލަމުން މަންހާގެ ކޯތާފަތުގައި ފިރުމާލިއެވެ. އެވަގުތު މަންހާގެ އަތުގެ ތެރޭއޮތް ކުޑަކުޑަ ނެހާގެ ރުއިމުގެ އަޑުވެސް އިވިގެން ދިޔައެވެ.

"ދަރިފުޅުވެސް ރޯންފެށީ، އެހެންނުވާނީ މަންމަ ރޮންޏާ ދަރިފުޅަށްވެސް ރޮވޭނެއެއްނު، ދެން އަވަހަށް ހުއްޓާލާ....." ދާއިން މަންހާ ގާތްކޮއްލަމުން ނިތްކުރީގައި ބޮސްދީފައި ބުނެލިއެވެ. ދާއިން ބުނިއެއްޗަކުން އަދިވަކިން ބޮޑަށް މަންހާއަށް ރޮވުނެވެ.

"އަހަރުމެން ދެން އެގެއަކަށް ނުދާނަން، ދާއިން......އަހަރުމެން ދެން އެގެއަށް ނުދާނަން، މަންމަ ދުވަހަކުވެސް ބޭނުމެއްނުވާނެ އަހަރެން ދެކޭކަށް، އަހަރެން ރުޔަސް މަންމައެއް ނުރޯނެ....." ރޮމުން ރޮމުން މަންހާ ބުނެލިއެވެ. ދާއިން މަންހާގެ ދެލޯ ފޮހެލަދެމުން ހިނިތުންވެލާފައި އާއެކޭ ބުނެލިއެވެ. ދެން މަންހާ ގޮވައިގެން އެގެއަށް ނުދާނަންކަމުގައި ބުނުމުގެ ގޮތުންނެވެ. މަންހާ ބޭނުން ނޫން އެއްވެސް ކަމެއް ކުރާކަށް ދާއިން ދުވަހަކުވެސް މަޖުބޫރެއް ނުކުރާނަންކަމަށް އޭނަ ބުންޏެވެ. މަންހާ ނެހާ ގާތްކޮއްލަމުން ނާނާ ކިޔާލިއެވެ. އޭނަ ދެން ދުވަހަކުވެސް ވަސީމާގެ ގާތަށް ދާކަށް ބޭނުމެއްނޫނެވެ. ދާއިން އަނެއްކާވެސް ކާރު ދުއްވާލިއެވެ. އޭނަ މަންހާއަށް ދޭތެރެއަކުން ބަލާލައެވެ. މަންހާއީ އޭނަގެ ނަސީބު ކަމުގައި އޭނަ ދެކެއެވެ. އޭނަގެ ހުރިހާ އުފަލެއްގެ ހަގީގީ މިލްކުވެރިޔާއެވެ.

"ހެލޯ....ޒާ....މިކައިރި ކުރީ ގެއާ...." ހިޔާލުތަކުގެ ތެރެއިން ފޯނުގެ ރިންގާއިއެކު ސިހިގެން ދިޔަ ދާއިން ފޯނު ނަގާ ޖަވާބު ދިނެވެ. މަންހާ އެފޯންކޯލަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނައަށް ދާއިންއަށް ގުޅީ ޒާރާކަން އެނގޭތީ އާއިއެކުވެސްމެއެވެ.

ކޮމްޕިއުޓަރ ކައިރީ އިށީނދެލައިގެން އިނދެ ވަޒީފާތަކާއިބެހޭ މައުލޫމާތުތައް ބަލަމުން ވިޝާލް ދިޔައެވެ. އޭނަ މިހާރު ބޭނުންވަނީ ވަޒީފާއަކަށް ދާށެވެ. މާހައުލު ތަފާތުކޮށްލާށެވެ. އޭނާގެ ހިތުގައި މަންހާއަށް ދެވިފައިވާ ލޯތްބާ ގަދަރު މުޅި އުމުރަށް އެހިތުގައި ވަގުފްކުރާށެވެ. އެހެނީ އެއިޙްސާސްތަކަކީ އެހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ފިލައިގެން ނުދާނެ އިޙްސާސްއެއްކަން އޭނައަށް އެނގޭތީއެވެ. މަންހާ ފެނުމުން އެހިތަށް ކުރެވޭ ބަޔާންކުރަން ދަތި އިޙްސާސްތަކާއި ހިތުގައި އުފެދޭ ވޭނީ އޮއެވަރު ހުދު މަންހާއަށްވެސް ދައްކަން ބޭނުންނުވަނީއެވެ. މަންހާ ބޭނުންވިފަދަ ގާތް ރަޙުމަތްތެރިއަކަށް ވެވޭތޯ މަސައްކަތްކުރަނީ ހުދު ވިޝާލްވެސް މަންހާ ދެކިލަން ބޭނުންވާތީއެވެ. މަންހާ އުޅެނީ އުފަލުގައިކަން ޔަގީންކުރަން ބޭނުންވާތީއެވެ. ދުވަހަކުވެސް މަންހާއަށް ދެރަގޮތެއް ވާން އޭނަ ނޭދެއެވެ.

ގެއަށްވަތް ދާއިން އެންމެ ފުރަތަމަ ދިޔައީ މަންހާގެ ބަޔަށެވެ. މަންހާ ދަރިފުޅުގެ އެއްޗެހި ބަދަލުކޮށްލުމާއިއެކު ދަރިފުޅު ނިންދެވުމަށްޓަކައި އޭނަވެސް ތައްޔާރުވެލިއެވެ. އެނދުގައި އިށީނދެލައިގެން މަންހާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދާއިން އިނެވެ. ހިމޭންކަމުގެ ތެރޭގައިވެސް މަންހާގެ ހަރަކާތްތަކަށް ބަލަން ފޫހިކަމެއްނެތި އޭނައަށް އޮވެވިދާނެއެވެ. މަންހާ ބަހެއް ނުބުނި ކަމުގައި ވިޔަސް އެއަންހެން ކުއްޖާގެވަނީ އެހެންމީހުންގެ ހިތްއަތުލާފަދަ ޖާދޫއެކެވެ. ދަރިފުޅު ވީހޭއްސުރެން ދާއިން މަންހާ އާއި ލޯތްބާއިއެކު ގާތްވެލާނެ ފުރުޞަތެއް ނުލިބެއެވެ. އެހިތުގައި މަންހާ އާއި ނުލާ ހުސްކަމެއްވާނެކަން އޭނައަށް ގައިމެވެ. ދާއިންއަށް ފޯނެއް އައެވެ. މިފަހަރުވެސް ގުޅީ ޒާރާއެވެ. ނަމަވެސް ދާއިން ވަގުތުން ފޯނު ކަނޑާލިއެވެ. އަދި ފޯނުގެ ރިންގު ކަނޑާލުމަށްފަހު ފޯނު ސައިލެންޓަށް ލިއެވެ.

ނިދިފައި އޮތް ކުޑަދަރިފުޅު ކުޑައެނދުގައި ބާއްވާލުމަށްފަހު މަންހާ އައިސް ދާއިންގެ ފައިކައިރީ ކާޕެޓުމަތީ އިށީނދެލިއެވެ. ދާއިންއަށް މިވަނީ ކިހިނެއްކަން އަދި ނަގައިނުގަނެވިސް މަންހާ އޭނަގެ އުނގުގައި ބޯއަޅާލިއެވެ.

"އައި ލައިވް ޔޫ........" މަންހާ ލޯބިން ފުރިގެންވި ފަދަ ގޮތަކަށް ބުނެލިއެވެ. ދާއިން މަންހާގެ ބޮލުގައި ފިރުމާލިއެވެ. އަދި ލޯތްބާއިއެކު ދެއަތުން މަންހާގެ މޫނުގައި ހިފާލި އެވެ. އެވަގުތު ރީތިވާ މޭޒުމަތީގައި އޮތް މަންހާގެ ފޯނު ވައިބްރޭޓްވާއަޑު އިވިގެންދިޔައެވެ. ބޭނުންނުވިނަމަވެސް މަންހާއަށް ޖެހުނީ ދާއިން އާއި ދުރަށް ޖެހިލުމަށެވެ. ދާއިން ތެދުވެ ރީތިވާ މޭޒުމަތީގައި އޮތް މަންހާގެ ފޯނު ނެގިއެވެ. ގުޅަނީ ޒާރާކަން އެނގި އޭނަ ފޯނު ކަންފަތުގައި ޖައްސާލީ ޖަވާބު ދިނުމަށެވެ.

"ހެލޯ، މަންހާ.......ގެއަށް އައީތަ؟" ފޯނު ނެގިކަމެއް ނޭގެ ޒާރާ އަހާލިއެވެ.

"ޒާ، ގޭގައޭ މިހިރީ، މިދަނީ ތިރިއަށް" މިހެން ބުނެ ދާއިން ފޯނު ކަނޑާލުމަށްފަހު ރީތިވާ މޭޒުމަތީ މަންހާގެ ފޯނު ބޭއްވިއެވެ.

"ޒާރާ ގުޅީ، ހިނގާ އަހަންނާއިއެކު ތިރިއަށް ދަމާ، ބޭބީ މޮނީޓަރުން އެނގޭނެއެއްނު ނެހާ ރޯން ފަށައިފިއްޔާ" ދާއިން މަންހާއަށް ތެދުވުމަށް އަތްދިއްކޮއްލަމުން ބުނެލިއެވެ.

"ނޫނޭ، ކާންހަދަންވާއިރަށް ދާނަން ތިރިއަށް، ޒާރާ ފޫހިވެގެން ކަންނޭގެ އެއުޅެނީ، ދާއިން ދޭ........" މަންހާ ބުނެލިއެވެ. މަންހާ ދާއިން އާއިއެކު އެޕާރޓްމެންޓުގެ ދޮރާއި ހަމައަށް ދިޔައެވެ. ދާއިން ނުކުމެގެން ދަމުން އަދިވެސް އެއްފަހަރު މަންހާގެ ކޯތާފަތުގައި ލޯތްބާއިއެކު ފިރުމާލިއެވެ. މަންހާ ދާއިން ގޮސް ލިފްޓަށް އަރަންދެން ބަލަހައްޓައިގެން ހުއްޓެވެ. އޭގެ ފަހުން ދޮރުލައްޕާލުމާއިއެކު ތަޅުލިއެވެ.

"މިހާރު ކޮންއިރެއް ކާންގޮވާތާ، ސަޢީދު ކީއްވެފަތަ ތިއޮންނަނީ، ހުރިހާ ކުދިން އެތިބީ ކާމޭޒު ދޮށުގަ" އިޝާނަމާދުން ފައިބައިގެން ގެއަށް އައިގޮތަށް އެނދުގައި އޮތް ސަޢީދުއަށް ވަސީމާ ބުނެލިއެވެ.

"އަހަރެން ކާހިތެއްނެއް" އެއްފައިތިލަ އަނެއްފައިތިލާގައި އަޅުވާލައިގެން ތަޅުވާލަ ތަޅުވާލަ އޮތް ސަޢީދު ބުނެލިއެވެ.

"މިހާރު ކިހިނެއްވީ، ބޭރުން ކައިގެންތަ ތިއައީ......އޭރު ޖޫން ކާންގޮވަން އައިއިރުވެސް ނުކާނަމޭ ބުނިނަމަ، މިދަނީ އޭ ކިޔާ ނައިސްގެން ވިއްޔަ އަހަރެން މިއައީ............" ވަސީމާ ރުންކުރުގޮތަކަށް ބުނެލިއެވެ. އެއީ މިހާރު ވަސީމާގެ އާދައެވެ. އަބަދުވެސް ހުންނާނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައެވެ. ގޭގައި އުޅޭ އެކަކަށްވެސް ރަނގަޅަށް ކަމެއް ނުކުރެވޭނެއެވެ. އެކަމާ ހުރެ ހުރިހާ ކުދިންނާއިއެކު ފިރިމީހާ އާއިވެސް އޮންނަ ގުޅުން ކުޑަވެގެންދިޔައެވެ. ވަސީމާ އިތުރަށް ސަޢީދު އާއި ވާހަކަދެއްކުމެއްނެތި ނުކުމެގެން ދިޔައީއެވެ.

"ނެހާއަށް ނިދިފަތަ އޮތީ" އެތެރެއަށް ވަދެގެން އައި މަންހާ ފެނުމުން މޫމިނާ އަހާލިއެވެ. މަންހާ ހިނިތުންވެލަމުން އާއެކޭ ބުނެލިއެވެ. އަދި އިމީ އާއި މޫމިނާއަށް އެހީތެރިވެދޭން ފެށިއެވެ. ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ދާއިން އާއި ޒާރާއަށް ގޮވުމަށް މޫމިނާ ދިޔައެވެ.

"މަން......" މަންހާ ފެންނަ އިރަށް ދާއިން ގޮވާލިއެވެ. އޭރު އޭނާގެ ކޮނޑުގައި އެލިގަނެކަހަލަ ގޮތަކަށް ޒާރާހުއްޓެވެ. އެދެމީހުން އެކަކު އަނެކަކާ ސަމާސާ ކުރަމުން އައިސް ކާމޭޒު ދޮށުގައި އިށީނެވެ.

"ގެނޭ އަހަރެން އަޅާލަ ދޭނަން" މަންހާ ދާއިންގެ ތައްޓަށް ބަތްއަޅާދިނުމަށް ނެގިތަނާހެން ޒާރާ ބުނެލިއެވެ. އެއާއިއެކު މަންހާ ދާއިންގެ ތަށި ޒާރާއަށް ދިއްކޮއްލިއެވެ. އަދި ސިއްރު ސިއްރުން ދާއިންއަށް ބަލާލިއެވެ. ދާއިންގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުން އޭނައަށް އުނދަގޫކުރިއެވެ.

ކައިނިމިގެން މޫމިނާ އާއި މަންހާ އިށީނީ ޓީވީ ބަލާލުމަށް ސޯފާގައެވެ. ދާއިންވެސް ބޭނުންވީ ސޯފާގައި ވާހަކަދައްކާލަން އެމީހުންގެ ގާތުގައި މަޑުކޮއްލުމަށެވެ. އެހެންނަމަވެސް ޒާރާ އޭނަގެ އަތުގައި ހިފާ ދަމަމުން ކޮޓަރިއަށް އައުމަށް ކިޔާވަރުން ޖެހުނީ ކޮޓަރިއަށް ދާށެވެ. މަންހާ މޫމިނާ އާއިއެކު މަޑުކޮއްލީ އޭނަވެސް ކުރާނެ އިތުރު ކަމެއްނޯންނާނެތީ އާއިއެކުވެސްމެއެވެ.

"މިރޭ ވާރޭވެހޭނެހެން ވަރަށް ހީވޭ" މޫމިނާ އިނދެފައި ބުނެލިއެވެ.

"ހަވީރުވެސް އޮތީ ކުޑަކޮށް ވިއްސާރަ ގޮތަކަށް" މަންހާ މޫމިނާ އާއި ބައިވެރިވެލިއެވެ.

"އިމީ، މިރޭ އެއްވެސް ތަނެއްގެ ކުޑަދޮރެއް އެއްޗެއް ހުޅުވާފަ ނުބަހައްޓައްޗޭ........" މޫމިނާ އިމީއަށް ބުނެލިއެވެ. ގާތްގަނޑަކަށް އަށްގަޑި ބައިވަންދެންހެން މަންހާ މޫމިނާ އާއިއެކު އިނެވެ. އެއިން އެއްވެސް އިރަކު ދާއިންގެ ޚަބަރެއް އެމީހުންނަކަށް ނުވެއެވެ. ޒާރާވެސް ކޮޓަރިން ބޭރަށް ނުނިކުމެއެވެ. ވަރުބަލިވާގޮތްވުމުން މަންހާ ތެދުވީ އޭނަގެ ބަޔަށް ދިއުމަށްޓަކައެވެ. އެހިނދު މޫމިނާ ދާއިންއަށް ގޮވާލާފައި ދިއުމަށްއެދުނެވެ. މަންހާ ނުކެރިފަ ހުރެވެސް ގޮސް ދާއިންގެ ކޮޓަރީގައި ޓަކި ޖެހިއެވެ.

"މަންހާ........ކަމަކުތަ" ދޮރުހުޅުވާލި ޒާރާ ބުނެލިއެވެ.

"މަންމަބުނެގެން، ދާއިންއަށް ގޮވާލަދިނުމަށް އެދުނީ" މަންހާ ބުނެލިއެވެ. އަދި އޭނަގެ ލޮލުގައި ކޮޓަރިތެރެއިން ޓީޝާރޓްލަމުން ޒާރާގެ ކައިރިއަށް އައި ދާއިން ފެނުމާއިއެކު ވިންދުއަވަސްވެގެން ދިޔައެވެ. ބޭނުންވީ އިތުރު މަންޒަރެއް ފެނުމުގެ ކުރިން އެތަނުން ދާށެވެ.

"މަންމާ، ދަނީ އެނގޭ" މަންހާ އެޕާރޓްމެންޓުގެ ދޮރާދިމާލަށް ހިނގައިގަންނަމުން ސޯފާގައި އިން މޫމިނާއަށް ބުނެލިއެވެ

"މަންހާ ދަނީތަ" ކޮޓަރިން ނުކުތް ދާއިން ބުނެލިއެވެ. މަންހާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

"ދަރިފުޅު މަންހާ އާއިއެކު މައްޗަށް ނުދާނަންތަ؟" މޫމިނާއަށް ދާއިންގެ އަޑުއިވުމާއިއެކު ދާއިންއަށް ބަލާލާފައި ބުނެލިއެވެ. ހަމައެވަގުތު ޒާރާ ދާއިންއަށް ގޮވާލާފައި ދަނީތޯ އަހާލިއެވެ.

"ނުދަމޭ.........މިއަންނަނީ" ދާއިން ބުނެލިއެވެ.

"އިޓްސް އޯކޭ، އަހަރެން ހިނގައިދާނަން.........ގުޑްނައިޓް" މަންހާ މަޑުމަޑުން ދާއިންއަށް ބުނެލިއެވެ.

"ދާނަން އެނގޭ މިރޭ........." ދާއިން މަންހާ އާއިއެކު އެޕާރޓްމެންޓުން ބޭރަށް ނުކުމެލާފައި ބުނެލިއެވެ. މަންހާ އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވުމެއް ދިނުމަށްފަހު ލިފްޓަށްއެރިއެވެ. އޭރު އެޕާރޓްމެންޓު ދޮރުހުޅުވާލާފައި ޒާރާ ނުކުތީއެވެ. ދާއިން ފަސްއެނބުރި ބަލާލުމަށްފަހު ޒާރާގެ ގާތަށް ދިޔައެވެ.

އުޑުމައްޗަށްވަނީ މަޑުރަތްކުލައެއްވެރިވެފައެވެ. ޖެހެމުންދިޔަ ވައިރޯޅިތައް ބާރުވެފައި ތެތްފިނިކަމެއް ފަޒާގައި ހަރުލައްވަމުންދިޔައެވެ. މަންހާ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ލައްޕާލަމުން ދޮރުފޮތިގަނޑު ދަމާ ނިވާކޮއްލިއެވެ. ކޮޓަރީގައި ދިއްލާފައި ހުރި ނިދާބޮކީގެ އަލި ހުރިވަރަށްވުރެވެސް ފަނޑުކޮއްލުމާއިއެކު މަންހާ އެނުގައި އޮށޯތެވެ. ހެޑްސެޓް ކަންފަތަށް ޖަހާލުމާއިއެކު ރީތި ލަވައެއްޖަހާލިއެވެ. ސިކުނޑި އާއި ހަށިގަނޑަށް ހަމަޖެހުމެއް ހޯދައިދިނުމަށެވެ. މިރެއަކީވެސް އޭނައެކަނި ހޭދަކުރަންޖެހޭނެ ރެއެއްކަން މަންހާއަށް އެނގޭތީއެވެ.

ދަންވަރުގެ ވަގުތެވެ. ވާރޭބޯކޮށްލީ ތިޔަހެނެއްނޫނެވެ. ގަދަވަޔާއިއެކު ވާރޭގެ ތިކިތައް އައިސް ބިއްލޫރުދޮރުގައި ޖެހޭއަޑުއިވެމުންދިޔައެވެ. ވާރޭގެ ތިކިތަކާއިއެއްވަރަށް ބޭރަށް ބަލަހައްޓައިގެން ހުރި ވިޝާލްގެ ގިޓައިން މިއުޒިކުގެ އަޑުއިވެމުންދިޔައެވެ. ހިތްގައިމުކަމެއް ކޮޓަރިއަށް ވެރިވެފައިވެއެވެ. ވިޝާލްގެ ދެލޯ މަރާލައިގެން ހުރެ އޭނަ ގިޓާގެ ނަރުތަކާއި ކުޅެމުންދިޔައެވެ. މިފަދަ ވިއްސާރަ ކޮންމެރެއަކުހެން އޭނަ އެހަނދާންކުރެއެވެ. މަންހާގެ ހަނދާނެވެ.

ވިއްސާރަ ދުވަހަކަށްފަހު ސާފު އަމާން ރީތި ދުވަހެއް އާދެއެވެ. ދިރިއުޅުމުގައިވެސް ވަނީ އެފަދަގޮތެކެވެ. ތަފާތު ރަހަތައް އެކުލެވިފައިވެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އާދެއެވެ. މާޒީވެދާ ދުވަސްތަކާއިމެދު ވިސްނާ ބައެއް ވާއިރު އަނެއްބައި މީހުން ބޭނުންވަނީ އެމާޒީ ހަނދާންނައްތާލުމަށެވެ.

ދާއިން އާއި މަންހާގެ ދިރިއުޅުމަށްވެސް އަނދިރިކަމުން ފުރިގެންވި ހިޔަންޏެއް އެޅިގެން ހިނގައްޖެއެވެ. ދަރިފުޅަށް ހަތްމަސްވިއިރު މަންހާއަށް އެކަނިވެރިކަން އިޙްސާސްކުރެވުނީ ދުވަހަކުވެސް ހީނުކުރާފަދަ މިންވަރަކަށެވެ. ހޭދަވެގެންދާ ކޮންމެރެއެއްމެ ނިމިދަނީ ދާއިންގެ އޯގާތެރި ފިރުމުންތަކާއި ނުލައެވެ. ދަރިފުޅު ނެހާ ލިބުމަށްފަހު ދާއިންގެ އެތަނަވަސް މޭގައި ބޯއަޅާލާނެ ފުރުޞަތެއް ނުލިބުނެވެ. އޭގެ އިތުރުން އަމިއްލަ ދަރިފުޅުވެސް އަތުން ބީވެގެންދަނީއެވެ. ހަދާނެގޮތެއް ނޭގި ސިކުނޑި ހާސްވެފައި މަންހާވެއެވެ. ކުޑަނަމަވެސް ހިތްހަމަ ޖެހުމެއް ލިއްބައިދެނީ ވިޝާލްގެ އެކުވެރިކަމެވެ. މަންހާ އާދޭސް ކުރާވަރުން ކޮންމެ ދުވަހަކުހެން އޭނަ އެގެއަށް އާދެއެވެ. ވިޝާލްއަށް ވަޒީފާ ލިބުމާއިއެކުހެން އޭނަ މަންހާގެ ގާތަށް އަންނަނީ ކޮންމެ ދުވަހެއްގެ އޮފީސް ނިންމާފައެވެ. ދާއިން ނުފެންނާތީ އެކަމާ ވިޝާލް ސުވާލުވެސް ކުރެއެވެ. އެހެންނަމަވެސް ކޮންމެވެސް އެއްޗެކޭ ކިޔާ މަންހާ ހަމަޖައްސާލަނީއެވެ. މިހުރިހާ ބަދަލެއް ގުޅިފައިވަނީ ޒާރާ އާއިއެވެ. މަންހާ އެންމެ ހައިރާންވަނީ އޭނަގެ ފަރާތުން ޒާރާއަށް އެފަދަ ބޮޑު ބަދަލެއް އަންނަވަރުގެ ކަމެއް ނުކުރެވޭކަން ޔަގީންވާތީއެވެ. ޒާރާ ދާއިންގެ ކުރިމަތީ މަންހާއަށް ރަނގަޅުވިޔަސް މިފަހަކަށް އައިސް އެކަކުވެސް ނުހުންނަ އިރުއިރުގައި މަންހާގެ އެޕާޓްމެންޓަށް އައިސް އެއްޗެހި ބުނެހަދައެވެ. ދަރިފުޅާއިއެކުވެސް އެކަނިވެލަން ޒާރާ މަންހާއަށް ފުރުޞަތެއްނުދެއެވެ. ބައެއްފަހަރަށް ޒާރާގެ އެފަދަ ކަންތައްތަކުން މަންހާއަށްވެސް ހިތްހަމަނުޖެހެވެއެވެ. އެހެންނަމަވެސް އަދި އަދަށްވެސް މަންހާ ޝަކުވާއެއް ނުކުރެއެވެ. އެކަކުކައިރީވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ދާއިންއަށް ނުވިސްނެނީ ކީއްވެބާއޭ އޭނަގެ ހިތަށް އެރިޔަސް އެކަމެއް މަންހާ ނުދައްކައެވެ.

އޮފީހުގައި އުޅުމަށްފަހު އެޕާރޓްމެންޓަށް ދާއިން ވަންނައިރު ޒާރާހުންނަނީ ކޮންމެވެސް ކަމެއް ކުރަން ތައްޔާރުވެއެވެ. ކުޑަކުޑަ ވަގުތުކޮޅަކަށް ނޫނީ ދާއިންއަށް މަންހާގެ ގާތަށް ނުދެވޭކަން އޭނައަށްވެސް އެނގެއެވެ. އަދި އެވަގުތުކޮޅުވެސް އޭނައަށް މަންހާ އާއިއެކު އެކަނިވެލާނެ ފުރުޞަތެއް ނުލިބެނީ އެއިން ކޮންމެ ފަހަރަކު އޭނަ އާއިއެކު ޒާރާ ހުންނާތީއެވެ. އެހެންނަމަވެސް މީހުންބުނެއުޅެނީ ތެދެކެވެ. ރުހުމުގެ ލޮލަށް އައިބެއްނުފެންނާނެއެވެ. ދާއިންއަށްވެސް ވަނީ އެހެންނެވެ. އަދިވެސް އޭނަ ޒާރާދެކެ ވަރަށް ލޯބިވެއެވެ. ލޯތްބަކީ ކަނުއެއްޗަކަށްވަނީވެސް އެހެންވެ ކަންނޭގެއެވެ. ޒާރާ ކުޑަކުޑަނެހާ ގޮވައިގެން އުޅޭ މަންޒަރު ފެނި ދާއިންގެ ހިތަށް ފިނިކަމާއި ހަމަޖެހުން ލިއްބައިދެއެވެ. އޭނަ މަންހާއަށް ވަގުތުދޭން މަސައްކަތްކުރެއެވެ. ގަޑިން ގަޑިއަށް މަންހާ ކައިތޯ އާއި އެއްވެސް ކަމަކަށް ބޭނުންވެފައިވޭތޯވެސް ދާއިން ބަލައެވެ. ލޯބީގެ ފިރުމުންތަކާއި ދާނުގެ މީރުކަން ދާއިންއަށް މިހާރު އުންޏެއްނުވެއެވެ. އެކަމަކު އޭނައަށް ވިސްނާނުލެވުނީ އެފަދަ ބީހުންތަކަށް ބޭނުންވެފައިވާ އޭނަގެ ދެވަނަ އަންބެއް އިންކަމެވެ.

"ހަމަ ތެދެއްތަ؟" ސިޓިން ރޫމުގައި ޒާރާ އާއިއެކު އިން ފަލަކް ނިކަން ބާރަށް ބުނެލިއެވެ. ޒާރާ މެންދުރު އޭނަގެ މަންމަމެންގެއަށް އައިގޮތަށް އިނީ ދާއިން އޮފީސް ނިމޭގަޑިއަށް ގެއަށް ދިއުމަށެވެ.

"ހޫމް ހަމަތެދެއް، ދޮންތައަށް ގަބޫލު ނުކުރެވެނީތަ؟ މިހާރު އަހަރެން މިހުރީ އުފަލުން، ހީވަނީ ގިނަދުވަހެއް ނުވެ އަމިއްލައަށްވެސް ވަރިއަށްއަށް އެދިފާނެހެން، އެވަރު ކުރާނަން......އޭނައަށް ޖެހޭނީ އަހަރުމެންގެ ދިރިއުޅުމުން ނުކުމެގެން ދާން، އެވެސް ހުސްއަތާ، ދަރިވެސް އަތުލާނަން...........އެކަމަކު މައްސަލައެއް އެބައޮތް.........." ޒާރާ ސޯފާގައި ކަނަމަދު އަޅާފައިވާ ތައްޓެއް ހިފައިގެން އިނދެ އެކަމުން ވާހަކަދެއްކިއެވެ.

"ކޮބާތަ މައްސަލައަކީ، ހުރިހާ ކަމެއް ތިވަނީ ހަމަ ވާންވީ ގޮތަށްނު" ފަލަކް ހީލާފައި ބުނެލިއެވެ.

"މައްސަލައަކީ އަދިވެސް މަންހާ ނެހާއަށް ގާތުން ދޭތީ.......އެކަމަށް ކުރާނެ ކަމެއް............" ޒާރާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

"އައިއެމް ރިއަލީ ސަޕްރައިޒްޑް، ހިއެއްނުކުރަން ޒާރާ ތިހާ ކުޅަދާނެވާނެ ކަމަކަށް، އަދިވެސް އޭނައަށް އަންގާލާ ދާއިންއަކީ ޒާރާގެ މީހެއްކަން، ދާއިން އޭނަދެކެ ލޯތްބެއްނުވާކަންވެސް އަންގާލާ، އަދި ދަރިފުޅު ދީފައި ދާންޖެހޭ ދުވަސް ގާތްވެއްޖެކަން އަންގާލާ" ފަލަކް ހިނިއައިސްފައި އިނދެ ބުނެލިއެވެ.

(ނުނިމޭ)