ހަބަރު

ޖާބިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން ރިޔާސަތުން އިއްވުމުން އޭނާ މަޖިލިހުގެ ތަޅުމުން ނުކުންނަވައިފި އެވެ.

މިއީ މިދިޔަ މެއި މަހުގެ ފަހުކޮޅު ހުވާ ކުރި 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށި ފަހުން މަޖިލީހުގެ ރިޔާސަތުން މެންބަރެއްގެ ނަން އިއްވައިގެން މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަންނަވަން ޖެހުނު ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ މިއަދުގެ މަސައްކަތްތައް އިއުލާން ކުރައްވަން ފަށްޓަވައިފަ އެވެ. ނަޝީދުގެ ވާހަކަ ނުނިމެނީސް ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. ނިޒާމީ ނުކުތާއަށް ޖާބިރަށް ފުރުސަތު ދެއްވުމުން ޖާބިރު ކުރެއްވީ ސުވާލެކެވެ. އެއީ "މަޖިލީހުގެ ރައީސް ކަމަށް މަނިކުފާނު (ނަޝީދު) އިންތިހާބުވުން ދައުލަތުގެ ހާޒާނާގެ ތަޅުދަނޑި މަނިކުފާނަށް ލިބުނީ ހެއްޔެވެ؟" އެވެ.

ޖާބިރު އެ ސުވާލު ކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށާއި ނުކުތާ ބަލައި ނުގަންނަވާނެ ކަމަށެވެ. ނަޝީދު އެހެން ވިދާޅުވި ނަމަވެސް ޖާބިރު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި އޭނާގެ ވާހަކަ ކުރިއަށް ގެންދެވި އެވެ. ދެން ރައީސް ނަޝީދު، ޖާބިރު ވާހަކަ ހުއްޓުވާލުމަށް އެދިވަޑައިގަތެވެ. ނަޝީދު ތަކުރާރުކޮށް އެ ކަމަށް އެދިވަޑައިގަތުމުން ވެސް ޖާބިރު އިށީނދެވަޑައިނުގެން ވާހަކަ ކުރިއަށް ގެންދެވި އެވެ.

ރިޔާސަތުން އެންގި އެންގުމަށް ޖާބިރު ނުކިޔަމަންތެރިވެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވައިފަ އެވެ. ދެން މަޖިލީހުގެ ސާޖެންޓް އޮފް އާމްސް ޖާބިރުގެ އަރިހަށް ދިޔަ އެވެ. އެއިރު ވެސް ޖާބިރު ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. މަޖިލީހުގެ ރިޔާސަތުގެ މޭޒުގެ ކައިރިއަށް ވަޑައިގެން ވެސް އޭނާ އަޑުގަދަ ކުރެއްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ސާޖެންޓް އޮފް އާމްސްއާއެކު ތަޅުން ދޫކުރައްވައި ވަޑައިގެންފަ އެވެ.