ރައީސް މުހައްމަދު ނަޝީދު

ޓޫރިޒަމްގެ ހިދުމަތްތެރިންނަށް ފާޑު ވިދާޅުނުވުމަށް އެދިވަޑައިގެންފި

Apr 18, 2022

ރާއްޖޭގައި ވިޔަފާރިތައް އުފައްދަވާ، އެ ވިޔަފާރިތަކުގައި ޒަމާންތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ނަމާއެކު ފާޑު ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވާއިރު ސަމާލުވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު ނުސީދާ ގޮތަކަށް އެކަމަށް އެދިވަޑައިގަތީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ވަކިން ހާއްސަކޮށް ރައީސް އިބްރާހީމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ޓޫރިޒަމްގެ ވިޔަފާރިކުރައްވާފައިވާ ކަމަށެވެ. އެކަމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށް ފާހަގަކުރައްވާ ޖާބިރު ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދެވި ޓޫރިޒަމް ކުންފުނި -- އެމްޓީޑީސީ އުވާލައި ސަރުކާރުން އެއްވެސް ވިޔަފާރިއެއް ނުކުރުމަށް ގޮވާލައްވާފަ އެވެ.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފްކޮށް އެ ވިޔަފާރި ފުޅާކުރެއްވި ހިދުމަތްތެރި ބޭފުޅުންތަކެއްގެ ނަން ވިދާޅުވެ އެ ބޭފުޅުންނަށް ޖާބިރު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ ކޮލިގެ އަދި ޗަމްޕާ އާއިލާ އާއި ވިލާ އިން އެ ވިޔަފާރިއަށް ވަނީ ރާއްޖޭގައި ޓޫރިޒަމް ގާނޫނެއް ނެތް ދުވަސްވަރު ކަމަށާއި އެ އާއިލާތަކަށް ރަށްތައް ބެހީ ރައީސް މައުމޫން ކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ.

"ގާނޫނު ނެތި މި ރާއްޖޭގައި ޓޫރިޒަމް ހިންގައިގެން ލާރި ހޯދި މީހުންނޭ މިއަދު ބޯޑާ ކޮންޓްރޯލް ހުރަސްކޮށްފައި އެ މީހުން އެތިބީ. މިއަދު މިތާ ހުރި ޑޮލަރު ހިފައިގެން ގޮސް ރާއްޖެއިން ބޭރަށް އިންވެސްޓްކޮށްގެން. ޔައުނީ އެއީ މިދެންނެވި ހަތަރު ފަސް ބޭފުޅުންނޭ." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި އައްޑޫގެ ވިޔަފާރި ބަނގުރޫޓްކޮށް "ހޭއަރުވާލީ" ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދި އެމްޓީޑީސީންނެވެ. އެ ކުންފުނި އުފެއްދީ ޗަމްޕާއާއި ވިލާ ބައިވެރިކޮށްގެން ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

ޖާބިރުގެ ފާޑުކިޔުންތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޓޫރިޒަމާއި އެހެން ވިޔަފާރިތަކުގައި ޒަމާންތަކެއް ވަންދެން ހިދުމަތް ކުރެއްވެވި ބޭފުޅުންތަކަކަށް ފާޑުވިދާޅުވާއިރު އެ ބޭފުޅުންނަކީ މަޖިލީހުގައި އަމިއްލަ ދިފާއުގައި މިވަގުތު ވަކާލާތު ކުރެއްވޭނެ ބޭފުޅުން ނޫން ކަމަށެވެ.

"އެބޭފުޅުންނެއް މި މަޖިލީހުގައި ވަޑައިގެނެއް ނެތް. އެހެންވީމާ ބޭފުޅުން، ބޭފުޅުންގެ ނަން ހާމަކޮށް މިމަޖިލީހުގައި ބަހުސްކުރާއިރުގައި އަމަލުކުރެއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ތިބޭފުޅުންގެ އަމިއްލަ ހައިބައިތަށް އުނިކަން އަންނަ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.