ކުޅިވަރު

މައްސަލަ ޖެހުނު ވީއޭއާރު ސިސްޓަމް އެފްރިކާ ކަޕުގައި މިރޭ ބޭނުން ކުރަނީ

ދެ މަސް ކުރިން ކުޅުނު އެފްރިކާގެ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ހަލާކުވި، ވީއޭއާރް ޓެކޮނޮލަޖީ ސިސްޓަމް މިރޭ އަލުން ބޭނުން ކުރަން ފަށަން އެފްކޯން އިން ތައްޔާރު ވެއްޖެ އެވެ.

މިސްރުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ސެނެގާލް އާ ބެނިން ކުޅޭ މެޗުގައި ބޭނުން ކުރަން ފަށަން ތައްޔާރުވާއިރު، އެފްކޯންގެ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި އެ ސިސްޓަމަށް ދިމާވި ގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

އެފްކޯން ޗެމްޕިއަންސް ލީގް ފައިނަލުގެ ދެ ވަނަ ލެގުގައި ޓީއުނީޝިއާގެ އެސްޕެރެންސް ތޫނިސް އާއި މޮރޮކޯގެ ވަދާދް ކަސަބްލަންކާ، ޓިއުނީޝިއާގައި ކުޅުނު މެޗަށް ނިކުތުމުގެ ކުރިން ވީއޭއާރު ޓެކްނޮލަޖީއަށް މައްސަލައެއް ދިމާވުމުން އެ މެޗުގައި ވީއޭއާރް ބޭނުން ނުކުރެވުނެވެ.

ވީއޭއާރަށް މައްސަލަ ދިމާވެގެން އެ ސިސްޓަމް ބޭނުން ނުކުރެވޭކަން، މެޗުގެ ކުރިން ދެ ޓީމަށް އަންގާފައި ވަނިކޮށްވެސް މައްސަލަ ހޫނުވީ، ވަދާދުން އެއްވަރު ކުރަން ޖެހި ގޯލް ލަނޑެއް ނޫންކަމަށް ރެފްރީ ނިންމުމުން ވީއޭއާރް ޓެކްނޮލިޖީ އެކަން ރިވިއު ނުކުރުމުން މެޗު އިތުރަށް ކުރިއަށް ގެންދަން ވަދާދުން ބޭނުން ނުވުމުންނެވެ.

މެޗު ނުކުޅެ 90 މިނެޓަށް ދެމިގެން ދިޔަދިއުމުން، އޭރު 2-1 ން ލީޑްގައި އޮތް އެސްޕެރެންސް އަށް މެޗު ދޭން މެޗުގެ އޮފިޝަލުން ނިންމި އެވެ. ފަހުން އެފްކޯންގެ މައި އިދާރާއިން އެހެން ގައުމެއްގައި އެ މެޗު އަލުން ކުޅެން ނިންމި އެވެ. ނަމަވެސް ކުޅޭނެ ތާރީހާއި ދަނޑުވެސް އިއުލާން ނުކުރެ އެވެ. އެކަމާ ގުޅިގެން ދެ ޓީމުންވެސް ބުނީ ގާނޫނީ ގޮތުން މައްސަލަ ހުށަހަޅާނެ ކަމަށެވެ.

މިރޭ، ވީއޭއާރް ބޭނުން ކުރަން ފަށާއިރު އާންމުންގެ ސުވާލުތަކަށް ޖަވާބު ދެމުން އެފްކޯންގެ ޖެނަރަލް ސެކެޓްރީ މޯޒް ހާޖީ ވިދާޅުވީ މައްސަލަތައް ހައްލުކޮށް އަލުން ވީއޭއާރް ބޭނުން ކުރަން ހުރިހާކަމެއްވެސް ތައްޔާރަށް ހުރި ކަމަށެވެ.

"ވީއޭއާރް އަކީ ހަމައެކަނި ވަސީލަތްތަކެއް ނޫން، އެކަމާގުޅުން ހުރި ތަޖުރިބާކާރުންވެސް ބޭނުންވާ ކަމެއް،" މޯޒް ވިދާޅުވި އެވެ. "މިހާރު ހުރިހާ ކަމެއްވެސް އެހުރީ ތައްޔާރުވެފަ."

ސެނެގާލް އާއި ބެނިން ވާދަ ކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9:00 ގަ އެވެ. ކްއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ރާއްޖޭގަޑިން 12:00 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނައިޖީރިއާ އާއި ދެކުނު އެފްރިކާ އެވެ.