ކުލަބު ދޫކޮށްލަން މިޑްފީލްޑަރު ޕައުލް ޕޮގްބާ ބޭނުންވާއިރުވެސް، އޭނާގެ ފަރާތުން މެންޗެސްޓާ ޔުނައިޓަޑަށް އިހްތިރާމް އަދާ ކުރާ ކަމަށާއި އެހެން ނަމަވެސް އޭނާ އަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ޔުނައިޓަޑުން އަޅާނުލާ ކަމަށް ބުނެ ޕޮގްބާގެ އެޖެންޓް މިނޯ ރަޔޯލާ ޔުނައިޓަޑަށް ފާޑު ކިޔުން އަމާޒު ކޮށްފި އެވެ.
ޔުނައިޓަޑް ދޫކޮށް އާ ޗެލެންޖަކާ ކުރިމަތިލުމަށް ޕޮގްބާ ބޭނުންވާކަން، ރަޔޯލާ ވަނީ މިދިޔަ ހަފުތާގައި އިއުލާން ކޮށްފަ އެވެ. ކުލަބު ދޫކޮށްލަން ބޭނުންވާ ކަން ޕޮގްބާގެ ފަރާތުން ހާމަ ކުރުމުން އޭނާ އަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ޕޮގްބާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ، ރެއާލް މެޑްރިޑުންނެވެ. ފްރާންސްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މިޑްފީލްޑަރު ގެންދިއުމަކީ، ރެއާލްގެ ކޯޗް ފްރާންސްގެ ޒައިނުއްދީން ޒިދާންގެ އެންމެ އިސް ޓާގެޓެވެ.
ޔުނައިޓަޑްގެ ސްކޮޑާއެކު، ޕޮގްބާ މިވަގުތު ހުރީ ޕްރީ ސީޒަންގައި އޮސްޓްރޭލިއާގަ އެވެ. ރަޔޯލާ ބުނީ، ޕޮގްބާއަށް ކުރިމަތި ވެފައިވާ ފާޑުކިޔުންތަކަށް ޔުނައިޓަޑުން ޖާވާބުދާރީވެ އޭނާ ހިމާޔަތްކޮށްދޭން ޖެހޭނެ ކަމަށެވެ.
"މިއީ ލަދު ގަންނަން ޖެހޭ ކަމެއް، ބައެއް މީހުން މުޅިހެން ޝައުގުވެރި ވަނީ ފާޑު ކިޔަން އެކަނި، އަދި އެއީވެސް އެކަމުގެ ތެދު މައުލޫމާތު ނެތި، އަހަރެން ވަރަށް އަދަބުވެރިކަމާއެކު ފާހަގަ ކުރަން ކުލަބުން [ޔުނައިޓަޑުން] ވެސް މިކަމާ ދެކޮޅަށްވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅާ، ޓޯކް ސްޕޯޓްސް ގައި ވާހަކަ ދައްކަމުން ރަޔޯލާ ބުންޏެވެ. "އުންމީދު ކުރަނީ ވަރަށް އަވަހަށް ހުރިހާ ފާރާތްތަކަށްވެސް ހިތްހަމަޖެހޭ ހައްލެއް ލިބިގެން ނިމިދާނެ ކަމަށް."
ޕޮގްބާ ޓީމުގައި ބެހެއްޓުމަކީ، ޔުނައިޓަޑްގެ މިވަގުތު އެންމެ ބޮޑު މަސައްކަތެވެ. ރެއާލުން ޕޮގްބާގެ ޓްރާންސްފާ އާ ބެހޭގޮތުން ވާހަކަ ދެއްކަން ބޭނުންވުމުން ފުރަތަމަ ޔުނައިޓަޑުން ވަނީ ވާހަކަ ދައްކަންވެސް ދެކޮޅު ހަދާފަ އެވެ. ފަހުން ވާހަކަ ދެއްކިނަމަވެސް ޔުނައިޓަޑުން ޕޮގްބާއަށް ކިޔަނީ 180 މިލިއަން ޔޫރޯގެ ބޮޑު އަގެކެވެ. އެ އަގުގައި ގެންނަން ރެއާލްއިން ބޭނުމެއް ނުވެ އެވެ.