އާސެނަލް

ކުރީގެ މިޑްފީލްޑާ އެޑޫ އެނބުރި އާސެނަލްއަށް

އާސެނަލްގެ އެންމެ ތާރީހީ ސީޒަންގައި އެ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރި މިޑްފީލްޑަރު، ބްރެޒިލްގެ އެޑޫ ގެސްޕާ އާސެނަލްގެ ޓެކްނިކަލް ޑައިރެކްޓަރު މަގާމާ ހަވާލުވާން އެއްބަސްވެއްޖެ އެވެ.

އެޑޫ ވަނީ، ނިމިދިޔަ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ޖެނަރަލް ކޯޑިނޭޓަރުގެ މަގާމު އަދާކޮށްފަ އެވެ. އެ މުބާރާތަށް ފަހު އޭނާ އެ މަގާމު ދޫކޮށްލުމުން، ބްރެޒިލްގެ ކޮންފެޑްރޭޝަނުން ވަނީ ކުރީގެ މިޑްފީލްޑަރު ޖުނީނޯ އާ މަގާމު ހަވާލު ކޮށްފަ އެވެ.

އާސެނަލްއިން ބުނީ، އެޑޫގެ މަސްއޫލިއްޔަތަކަށް ވަނީ، ސީނިއާ ޓީމުގެ ކޯޗުންގެ މަސައްކަތް ކޯޑިނޭޓް ކޮށް ބެލެހެއްޓުމުގެ އިތުރަށް ކުލަބުގެ އެކެޑެމީ އާއި ސްކޮޑްގެ މަސައްކަތްތައް ބެލެހެއްޓުން ކަމަށެވެ. ޕްރީ ސީޒަނަށް އެމެރިކާއަށް ދިއުމަށް ހަމަޖެހިފައިވާ ދަތުރުގައި، އާސެނަލްގެ ޑެލިގޭޝަންގައި އެޑޫ ވަނީ ހިމަނާފަ އެވެ.

އޭނާ ވަނީ، 2001 އިން 2005 އަށް އާސެނަލްއަށް ކުޅެފަ އެވެ. ޕްރިމިއާ ލީގްގައި އެއް ވެސް މެޗަކުން ބަލިނުވެ އާސެނަލް ލީގް ޗެމްޕިއަންކަން ހޯދި ސީޒަންގައި، އެޑޫ އަކީ މިޑްފީލްޑްގައި މުހިންމު ކުޅުންތެރިޔެކެވެ. އޭނާ ވަނީ އެ އަހަރު ލީގްގައި 30 މެޗު ކުޅެފަ އެވެ.