ބެނިންގެ މައްޗަށް، 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެފްރިކަން ކަޕް އޮފް ނޭޝަންގެ ފައިނަލަށް ސެނެގާލް ދަތުރު ކޮށްފި އެވެ. ދެކުނު އެފްރިކާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ނައިޖީރިއާ ވެސް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ.
ވަރުގަދަ ޑިފެންސިވް ސްޓެރެޓެޖީއާއެކު ކުޅުނު ބެނިންގެ ޑިފެންސް ފޫއަޅުވާލުމުގައި، ސެނެގާލްގެ އެންމެ ބޮޑު ހަތިޔާރަކަށްވީ، ލިވަޕޫލްގެ ފޯވަޑް ސެޑިއޯ މާނޭ އާއި އެވަޓަންގެ އިދުރީސަ ގަޔޭގެ ކޮމްބިނޭޝަނެވެ. މެޗުގެ 69 ވަނަ މިނެޓްގައި، ސެނެގާލްގެ ލަނޑު އިދުރީސަ ގަޔޭ ކާމިޔާބު ކުރީ، މާނޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ބެނިންގެ ފިލޯސަފީއަކަށްވީ ވަރުގަދަ އަށް ޑިފެންސް ކުރުމަށް ފަހު، ކައުންޓަ އެޓޭކު ފުރުސަތުގައި ހަމަލާ އުފެއްދުމެވެ. އެ ވިސްނުމުގައި އެ ޓީމުން ކުޅުނީ އެންމެ ފޯވަޑަކާ އެކު އެވެ. އެހެންނަމަވެސް އެ ޓީމަށް އިތުރަށް މައްސަލަ ކުރިމަތިވީ، ޓީމުގެ ސެންޓްރަލް ޑިފެންޑާ އޮލިވާ ވާޑަން އަށް މެޗުގެ 82 ވަނަ މިނެޓްގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
ދެކުނު އެފްރިކާ އާ ދެކޮޅަށް ކުޅުނު ނައިޖީރިއާ އަށް ފުރުތަމަ ލީޑް ނަގައިދިނީ، ސެމިއުލް ޗުކުވޭޒޭ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ މެޗުގެ 27 ވަނަ މިނެޓްގަ އެވެ. ދެކުނު އެފްރިކާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ، ބޮންގާނީ ޒެންގުޔޫ މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗު އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހިދާނެ ކަމަށް ހީކުރެވުނު ނަމަވެސް، ނައިޖީރިއާ އިން ވަނީ މެޗުގެ ފުރިހަމަ ވާގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ލީޑް ނަގާފަ އެވެ. އެ ޓީމު މޮޅު ކޮށްދިން ލަނޑު 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ވިލިއަމް ޓްރޫސްޓް އެވެ.
ސެމީ ފައިނަލުގައި، ސެނެގާލް އާ ދެކޮޅަށް ކުޅެން ޖެހޭ ޓީމެއް އެނގިގެން ދާނީ، ރާއްޖޭގަޑިން މިރޭ 9:00 ގައި އައިވަރީ ކޯސްޓާއި އަލްޖީރިއާ ކުޅޭ މެޗުންނެވެ. ނައިޖީރިއާ ދެކޮޅަށް ކުޅެން ޖެހޭ ޓީމެއް އެނގިގެން ދާނީ، މަޑަގަސްކަރަ އާއި ޓިއުނީޝިއާ މިރޭ 12:00 ގައި ކުޅޭ މެޗުންނެވެ.