ކުޅިވަރު

ލުކާކޫ ހޯދަން އިންޓައިން މަސައްކަތް ފަށައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ރޮމެލޫ ލުކާކޫ، ގެންދަން އިންޓަ މިލާނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑްގެ އޮފިޝަލުންނާ ވާހަކަ ދައްކަން އިންޓައިން މެންޗެސްޓާ ހިނގައްޖެ އެވެ.

ލުކާކޫ މިވަގުތު ހުރީ އޮސްޓްރޭލިއާގަ އެވެ. ޔުނައިޓެޑުން ވަނީ އެ ޓީމުގެ ޕްރީ ސީޒަނަށް އޮސްޓްރޭލިއާގައި ކޭމްޕް ކޮށްފަ އެވެ.

މެންޗެސްޓާއަށް ދިޔަ، އިންޓަގެ ޑައިރެކްޓާ އޮފް ސްޕޯޓްސް ޕިއޭރޯ އައުޒީލިއޯ ވަނީ، ލުކާކޫގެ ޓްރާންސްފާ ޕްރޮޕޯސަލް ޔުނައިޓެޑަށް ހުށަހަޅާފަ އެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލުކާކޫގެ ޓްރާންސްފާ އަށް 70 މިލިއަން ޔޫރޯ ދިނުމަށް އިންޓައިން ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ ސީޒަން ނިމުނު ތަނުން ލުކާކޫ އާ އިންޓައާ ގުޅުވައި ޓްރާންސްފާގެ ޚަބަރުތައް ފަތުރަން ފެށި އެވެ. އެ ވާހަކަތައް އިތުރަށް ގަދަ ވެގެން ދިޔައީ، އިންޓަގެ ކޯޗް ކަމާ، ޗެލްސީގެ ކުރީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ހަވާލު ވުމުންނެވެ.

ޗެލްސީއަށް ކޮންޓޭ ކޯޗް ކޮށްދިންއިރު އޭނާ ވަނީ އޭރު އެވަޓަންއަށް ކުޅެމުން ގެންދިޔަ ލުކާކޫ ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް، އޭނާގެ ސޮއި ހޯދީ ޔުނައިޓެޑުންނެވެ. ނަމަވެސް ލުކާކޫއަށް އޭނާގެ އަސްލު ކުޅުން އެއްގޮތަކަށް ވެސް ދެއްކޭ ގޮތެއް ނުވި އެވެ.

އިންޓައިން އާ ފޯވަޑެއް ހޯދަނީ، އެ ޓީމުގެ ކުރީގެ ކެޕްޓަން މައުރޯ އިކާޑީ ދޫކޮށްލުމަށް ކޯޗް ކޮންޓޭ ނިންމުމުންނެވެ. އަންނަ ސީޒަންގައި އިންޓަގެ ޕްލޭންގައި އިކާޑީ ނުހިމެނޭނެ ކަމަށް އިންޓައިން ވަނީ އޭނާއަށް އަންގާފަ އެވެ.