ވިޔަފާރި

މައްސަލައަކީ ޗެކް އެންޑޯސް ޕްރޮސެސްއެއް ނޫން!

Jul 11, 2019
14

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ގައުމީ ބޭންކުގެ މުވައްޒަފުންތަކެއް ބައިވެރިވި ކަމަށް ވަނީ ތުހުމަތުވެފަ އެވެ. މި ވާހަކަ އެންމެ ފަހުން ތިލަ ކުރީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި އިއްޔެ ހިއްސާކުރި މައުލޫމާތުތަކުންނެވެ. އޭސީސީން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ ގެ ބޯޑުން ނެރެފައިވާ ރިޒޮލޫޝަންގައި ޗެކެއް އެންޑޯސް ކުރުމުގައި ދެ ފަރާތުން ސޮއި ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮވެއެވެ ނަމަވެސް އެސްއޯއެފް އެކައުންޓަށް ޖަމާވި ޗެކްތައް އެންޑޯސްކޮށްފައިވަނީ އެންމެ ފަރާތެއްގެ ސޮޔާއެކު އެވެ. އެހެން ކަމުން އެ ޗެކުތައް އެސްއޯއެފް އެކައުންޓަށް ޖަމާ ކުރުމުގައި އެންޑޯސް ޕްރޯސެސް ފުރިހަމަ ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އޭސީސީގެ ތުހުމަތުތައް ބޭންކުން ވަނީ ދޮގު ކޮށްފަ އެވެ. ޗެކްތައް ޖަމާ ކުރުމުގައި ބޭންކުން އަމަލު ކޮށްފައިވަނީ ގާނޫނާ އެއްގޮތަށެވެ.

ޗެކް އެންޑޯސް ކުރުމަކީ ކޮބައި ހެއްޔެވެ؟ ޗެކް އެންޑޯސް ކުރެވޭނެ ޕްރޮސެސް އަކީ ކޮބައި ހެއްޔެވެ؟

ޗެކް އެންޑޯސް ޕްރޮސެސް

ޗެކް އެންޑޯސް ކުރުން ނުވަތަ ކްރޮސް ކުރުމަކީ އެއް ފަރާތުން އަނެއް ފަރާތަށް ދިނުމެވެ. މިފަދަ މުއާމަލާތްތައް ބަޔާން ކުރަނީ ފައިސާ އަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުންތަކާބެހޭ ގާނޫނުގަ އެވެ.

އެ ގާނޫނުގައިވާ ގޮތުން ޗެކަކީ ފައިސާގެ ގޮތުގައި ބަދަލު ކުރެވޭ އެއްޗެކެވެ. ޗެކް ލިބޭ ފަރާތުން ބޭންކަށް އެ ޗެކް ހުށަހެޅުމަކާ ނުލައި އެހެން ފަރާތަކަށް ދެވެއެވެ. އަދި އެ ފަރާތުން އެހެން ފަރާތަކަށްދީ ބޭންކަށް ހުށަހެޅުމުގެ ކުރިން ކިތަންމެ ވަރަކަށް ވެސް ދައުރު ކުރެވިދާނެ އެވެ.

އެހެން ކަމުން އެމްއެމްޕީއާރްސީގެ ނަމުގައި ލިބިފައިވާ ޗެކެއް އެންޑޯސް ކުރެވިގެން އެސްއޯއެފް އެކައުންޓަށް ޖަމާ ކުރެވޭއިރު ކޮންމެހެން އެމްއެމްޕީއާރްސީ ގެ އެކައުންޓެއް ބޭންކުގައި އޮންނާކަށް ނުޖެހެ އެވެ. އަދި އެމްއެމްޕީއާރްސީގެ ބޯޑް ރިޒޮލޫޝަންއެއް ވެސް ބޭންކަށް ބޭނުމެއްނުވެ އެވެ.

މި ގާނޫނަށް އަމަލު ކުރަން ފެށިފަހުން ބަލައިގަތް ހުރިހާ ޗެކަކަށް ވެސް އަމަލުކޮށްފައި ވަނީ އެއް އުސޫލެއްގެ ދަށުންނެވެ. އެމްއެމްޕީއާރްސީގެ ޗެކްތައް ވެސް ވަކި ތަފާތު ކުރުމެއް ނެތި ޖަމާ ކޮށްފައި ވަނީ ހަމަ މި ގާނޫނުގެ އެތެރެއިން ކަމަށް ބޭންކުން ބުނެ އެވެ. މިއީ ރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް އެންޑޯސްކޮށްފައިވާ ޗެކްތައް ބަލައިގަތުމުގައި އަމަލު ކުރަމުން އައި އުސޫލެވެ.

ޗެކް އެންޑޯސް ނުކުރެވޭ ހާލަތު

ޗެކެއް އެންޑޯސް ނުކުރެވޭނެ ހާލަތަކީ ކޮބައި ހެއްޔެވެ؟ މި ގޮތަށް ޗެކް އެންޑޯސްކުރުމުގެ ފުރުސަތު ކުންފުންޏަކަށް ނުލިބޭނެ ގޮތަކީ ކޮބައިތޯ އެވެ؟

ޗެކް އެންޑޯސް ނުކުރެވޭނެ ގޮތް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. ފައިސާ އަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ޗެކް ކްރޮސް ކުރުމާ ބެހޭ އުސޫލުތައް ބަޔާން ކޮށްފައިވާއިރު، ޗެކް އެއް ފަރާތުން އަނެއް ފަރާތަށް ނުދެވޭނެ ނުވަތަ އެންޑޯސް ނުކުރެވޭނެ ގޮތަކީ ކްރޮސް ކުރާއިރު "Not Negotiable" މިގޮތަށް ބަޔާންކޮށްފައި އޮތުމެވެ. ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ނަމުގައި ދޫކޮށްފައިވާ، އެންޑޯސް ކުރެވިގެން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރެވިފައިވާ ޗެކްތަކަކީ "Not Negotiable" މިގޮތަށް ބަޔާން ކޮށްފައިވާ ޗެކް ތަކެއް ނޫނެވެ.

އޮޑިޓުން ދައްކަނީ މުވައްޒަފުންގެ މައްސަލައެއް ނެތްކަަމަށް

ބީއެމްއެލް އިން ބުނާ ގޮތުގައި އެމްއެމްޕީއާރްސީގެ މައްސަލަ ފެންމަތިވުމާއެކު ބޭންކާއި އެމްއެމްއޭއިން ވަނީ ބޭންކުގެ އެތެރޭގެ އޮޑިޓުތަކެއް ހަދާފަ އެވެ. އޮގަސްޓް 2016 ގައި ފަށައިގެން ގާތްގަނޑަކަށް ފަސް މަސް ވަންދެން އެމްއެމްއޭ އިން ބީއެމްއެލްގެ ލޯން ދޫކުރުން ފިޔަވާ އެހެން ހުރިހާ ޙަރަކާތްތަކާ ބެހޭ އޮޕަރޭޝަނަލް ރިސްކް އޮޑިޓެއް ކުރި އެވެ.

ބޭންކު ހިންގުމުގައި ގެންގުޅޭ އިންޓާނަލް ކޮންޓްރޯލްސް ފުރިހަމަވޭތޯ ބަލަން ކުރި އެ އޮޑިޓްގައި އެމްއެމްޕީއާރްސީ ގެ މުއާމަލާތްތައް ވެސް ބެލި އެވެ. އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އޮކްޓޫބަރު 2017 ގައި ފަށައިގެން ގާތްގަނޑަކަށް ނުވަ މަސް ވަންދެން މަނީލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކުގައި އަމަލު ކުރާ ގޮތް ބެލުމަށް ވެސް އޮޑިޓެއް ކޮށްފައިވެ އެވެ. އެއިން އެއްވެސް އޮޑިޓަކުން ބޭންކުން އެ މުއާމަލާތްތައް ހިންގުމުގައި ގާނޫނާއި ގަވާއިދާއި ޚިލާފުވެފައިވާކަމަށް ބުނެފައެއް ނުވެ އެވެ.

މައްސަލަ ނުނިމޭތީ ބޮޑު ގެއްލުމެއް

އޭސީސީގެ ތުހުމަތުތަކައި ބީއެމްއެލްގެ ވާހަކަތަކުގެ ސަބަބުން ގައުމީ ބޭންކްއާ މެދު އާއްމުންގެ މެދުގައި އޮތް އިތުބާރު ގެއްލުމުގެ ބިރު އެބައޮތް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

"މި ފަދަ ހަގީގަތާ ހިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅި، ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލްއަގުވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުއާމަލާތްތައް ކުރައްވާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެ ވާހަކަ ވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ،" ބޭންކުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ އަވަހަށް ނިމެން ޖެހެ އެވެ. މި މައްސަލަ ނުނިމި ދިގުލާކޮށްމެ ދުވަހަކީ ގެއްލުން ވަމުންދާނެ ދުވަހެވެ. މައްސަލަ ދިގު ލާނަމަ 1000 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރާ ގައުމީ ބޭންކާ މެދު ތަފާތު ވާހަކަތައް ދެކެވެމުންދާނެ އެވެ. އޭގެ ދެރަވެސް އޮންނާނެ އެވެ.