ވާހަކަ

އީޝަލް

( 9 ޖުލައި 2019 އާ ގުޅޭ)

އީޝަލް އައިސް ވައިސިންނީގެ ގާތުގައި މަޑުކޮށްލިއެވެ. ޔޫރާއާއި ވައިސިންނީއާއި ލުގަލްބަންދާގެ މެދުގައި މަޝްވަރާ އޭނާ ފެށިއެވެ. ބަޚުރުގެ އަޑިއަށް ދާނޭ ގޮތަކާއި ޢާއިލާގެ މެންބަރުން ރައްކާތެރިކުރާނޭ ގޮތަކާމެދުއެވެ.

އެ ހަތަރު މީހުންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަތަކުގައި އިތުރު މީހެއްގެ ޚިޔާލަކަށް ބޭނުންނުވާ ފަދައެވެ. އައިޒަންއާއި ޒިޔަޒެލްގެ އިތުރުން މީކާޢިލް ވެސް އެއްޗެއް ނުބުނެ ދެކެވޭ ވާހަކަ އަޑުއަހަން ތިބީއެވެ. ވައިސިންނީއާއި ޔޫރާ ދައްކާ ވާހަކަ އަޑުއިވުނެއްކަމަކު ލުގަލްބަންދާ ދައްކާ ވާހަކަ އިވެނީ ހަމައެކަނި އެ ތިން މީހުންނަށް އެކަންޏެވެ. އެމީހުންގެ ވިސްނުމުގެ ތަނަވަސްކަން ފެނި އައިޒަންއާއި ޒިޔަޒެލް ތިބީ ޝޯޚުވެފައެވެ. ޚާއްޞަކޮށް އީޝަލް ކަންކަން ނިންމާތީ ފެނުނު މީ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އޭނާގެ ފުށުން ހަރުދަނާ ވެރިއެއްގެ ސިފަ ފާޅުވާތީ ދުށްޓެވެ. އީޝަލްއަކީ އާދައިގެ ކުއްޖެއްނޫނޭ ޒިޔަޒެލް ބުނަނީ މިހެންވެކަން އޭނާ އައިޒަންއަށް ހަނދާންކޮށްދިނީ ފަޚުރުވެރިވެފައި އިނދެއެވެ.

މަޝްވަރާތައް ނިމި ގޮތެއްވަނީ ނިމިފައެވެ. އައިޒަންގެ ގާތުން އީޝަލް އެދުނީ އިތުރު ބަޔަކަށް އިތުބާރުކުރަން އަދި އަވަސްކަމެވެ. ރައުލް ދިރިހުރިއިރު އޭނާ ސަލާމަތުން ގެނައުމަށް ޚުދު އީޝަލް ފުދޭ ކަމެވެ. އެހެންނަމަވެސް އެ ނިންމުން މީކާޢިލްއާއި އައިޒަންގެ އިތުރުން ޒިޔަޒެލްއަށް ކަމުނުދާނޭތީ އޭނާއާއެކު އެހެން މެންބަރުން ބައިވެރިކުރަން ނިންމީ ކަމެވެ. އެމީހުންގެ ވަރަތައް ރައްކާތެރިކުރާނޭ ޚާއްޞަ މަޢުދަނީ ހެދުމެއް ގެނައުމަށް ޔޫރާ ދިޔައެވެ. އަދި ބަޚުރަށް ފައިބާނީ ޔޫރާ ކަނޑައަޅާ ވަގުތެއްގައިކަން އީޝަލް އިޢުލާން ކުރިއެވެ.

އެންމެންނާ އެކަހެރިވެލި އީޝަލްގެ ގާތުގައި ޔާފިއާ އައިސް ހުއްޓިލިއެވެ. އޭނާގެ އަތުގައި ޔާފިއާ ހިފާލައި ވާހަކަދެއްކީ ހާސްވެފައި ހުރެއެވެ.

"އަހަރެން އެމީހުންނާއެކު ދާން އިންކާރުކުރީތީ އެކަމާ އީޝަލް ހިތްހަމަނުޖެހިފަތަ؟" ޔާފިއާ ނުދިއުމުން އިތުރު އެއްވެސް ސުވާލެއް އޭނާއާ އީޝަލް ނުކުރާތީ އެކަމުން އޭނާއަށް ވަނީ ނުތަނަވަސްކަމެއް ލިބިފައެވެ. އީޝަލްއާ ވާހަކަދައްކާލަން ފުރުޞަތަކަށް އޭނާހުރީ ބަލަބަލައެވެ.

"ކީއްވެ ހިތްހަމަނުޖެހެންވީ... އެނގޭ ކީއްވެކަން ޔާފިއާ ނުދިޔައީ، ރާވިންއާ ދުރަށްދާން ބޭނުންނުވާތީކަން އެނގޭ ނުދިޔައީ، އެއްފަހަރު އެމީހުންގެ އަތްދަށުވެއްޖެ، އެހެންއެވީ އަހަރެންގެ ބަލިކަށިކަމުން، އަހަރެންނަށް ތަންދޮރުއޮޅުންނުފިލާ ހުރީމަ... ﷲ އިރާދަކުރެއްވިއްޔާ ދެން އެހެނެއްނުވާނެ، އަހަރެން ކަލޭމެން ދެމީހުން ވެސް ރައްކާތެރިކުރާނަން، އަހަރެން ލޯބިވާ އެކަކަށް ވެސް އެމީހުންގެ ފަރާތުން ގެއްލުމެއްނުލިބޭނެ... ޔާފިއާ، ކަލޭތީ ރާވިންގެ ހިތްވަރު، ރައުލްގެ މަރުގެ ޚަބަރު ހިފައިގެން އޭނާ އަހަރެންގެ ކުރިމައްޗަށް އެރި ވަގުތު އޭނާގެ ފުށުން ފެނުނު މާޔޫސްކަމާއި ހިތްދަތިކަން އަހަރެން ހަނދާނެއްނުނެތޭ، ކަލޭމެން ދެ މީހުން ވެސް ތައްޔާރުވޭ، އަހަރެންނާއެކު އެމީހުންގެ ތެރެއަށް ދާން، އެކަމަކު ބުނަން... އަހަރެމެން ބަޚުރުގެ އަޑިއަށް ފޭބުމުން ވާނޭގޮތެއް ބުނާކަށް އަހަރެންނަކަށް ވެސް ނޭނގޭ، ކޮންމެ ގޮތަކަށް ކަންތައްވިޔަސް ޔާފިއާ އަމިއްލައަށް ފިޔަވަޅެއް ނުނަގާތި، އެވަގުތު ރާވިންއާއެކު ހުރުމަށްވުރެ އަހަރެން ބޭނުންވަނީ ކަލޭ ލާމިއާގެ ގާތުގައި ހުރުން... ރާވިންގެ ކަނޑީގެ ހުރަހަކަށް އެވަގުތު ޔާފިއާ ވެގެންނުވާނެ، އެހެންކަންތައް ކުރެވިދާނެތަ؟" އީޝަލްގެ ނަޒަރު ހުރީ ޔާފިއާ އަމާޒުވެފައެވެ. އެ ދެލޮލަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ޔާފިއާ ބޯޖަހާލައި އެއްބަސްވިއެވެ. ރާވިން ފެންނަ ހިސާބުގައި ހުރުމަކީ ޔާފިއާ އެދޭ ގޮތެވެ. އީޝަލްގެ ނިންމުމަށް އޭނާ ތަބާނުވީ އޭނާއާ ދެކޮޅު ހެދުމުގެ ގަސްދުގައެއްނޫނެވެ. ލޯބިވާ ބައިވެރިޔާ އެއްފަހަރު ލޯކުރިމަތިން ގެއްލުމުން ލިބުނު ހިތްދަތިކަން ތަޙައްމަލުކުރަން ޖެހުމުން އެ ވޭނުން އޭނާ މޮޔަނުވީ ކިރިޔާއެވެ. އެފަދަ އިޙްސާސެއް ދެވަނަ ފަހަރަށް ތަޖުރިބާކުރަން ޔާފިއާ ނޭދެއެވެ. ދުނިޔެއާ ވަކިވާންޖެހިއްޖެނަމަ އޭނާ އެދެނީ ހަޔާތުގެ ބައިވެރިޔާއާއެކު ހުރެ ނިމިދިއުމަށެވެ. ފަނޑު ހިނިތުންވުމެއް ޔާފިއާގެ ތުންފަތުގައި ވިއެވެ. އޭނާ ހުރިހާކަމެއް ތަފްސީލުކޮށްދިނުމަކާނުލައި އީޝަލްއަށް އޭނާގެ ހިތުގައިވާ އެއްޗެއް އެނގުނީތީއެވެ.

"ބައްޕާ!... އަޅުގަނޑު ހިނގައިދާނަން" ބިންޏާމީންގެ ގާތުގައި ޖޫދާ ބުނެލިއެވެ.

"ނޫން!... ބޭރީތުގެ ކިބައިން އެކުއްޖާފުޅު ސަލާމަތްކުރެވޭ ވަގުތު އެތަނުގައި އަހަރެން ހުންނަންޖެހޭނެ، ދަރިފުޅު ހަނދާންނެތްކަމަކު މިއަދު ދަރިފުޅު ދިރިހުރީ ޖިލައްޔާގެ ސަބަބުން، އަހަރެމެންގެ ޢާއިލާއަށް ޖެހުނު ޝިފާއެއްނެތް ނުބައި ބަލިމަޑުކަމެއް ބޭރީތަކީ.... އެކަމަކު މިއަދު... މިއަދު އަހަރެން ﷲއަށް ޙަމްދުކުރަން، އެކަލާނގެ އަހަރެންގެ ޖިލައްޔާގެ ފުށުން އުފަންވި ދަރިފުޅު އަހަރެމެންގެ ގާތަށް އައުމަށް އިރާދަކުރެއްވި، އެތަނުގައި ކޮންމެހެން ވެސް އަހަރެން ހުންނަންޖެހޭނެ... އައިޒަން!... އަހަރެމެން މިވަނީ އެންމެ ގުޅުމަކުންނޫން ގުޅިފައި، ކަލޭގެ ކާފަ ދަރިފުޅާ ހަމައިން ވެސް އަހަރެމެން ތިމާގެވެއްޖެ، އެކަން އެނގުމުން އަހަރެންގެ ހިތްހަމަޖެހުން އިތުރުވެއްޖެ... ޔަގީންވެ ކަށަވަރުވާކަމަކީ... އީޝަލްއަކީ ރަސްމަތި ފުށަށް އުފަންވި ކުއްޖެއްކަން، އިންސިއަކާ ގުޅުމުން އެކަހެރިކޮށްލެވުނެއްކަމަކު މިއަދު އޭނާ ފެނިއްޖެނަމަ އެމީހުންގެ ކުރިމަތީ އޭނާގެ ޤަދަރު އުފުލޭނޭކަން ޔަގީން، ޖައްބާރު ރަސްރަސްކަލުން އެ ކުއްޖާގެ ކުރިމަތީ ނިކަމެތިވެ ކިޔަމަންވާނޭކަމުގެ އަސަރުތައް ފާޅުވޭ... ކަލެއަކީ ނަސީބުވެރިއެއް އައިޒަން... ކަލެއަކީ އިންސާފުވެރި އޯގާތެރި ރަސްކަލެއް، މިފަދަ ގަދަފަދަކަމެއް ކަލޭގެ ޢާއިލާއިން ފާޅުވުމަށް މިންވަރުކުރެއްވުމަކީ ކަލެއަށް ލެއްވި ރަޙުމަތެއް" އައިޒަންއާ ކަރާކަރުޖައްސާ ބިންޏާމީން ސަލާމްކުރިއެވެ.

"ރަޙުމަތާއެކު ވަރުގަދަ އިމްތިހާނުކުރުމެއްވާކަން ކަށަވަރު" ބިންޏާމީންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުން އައިޒަން ބުންޏެވެ.

"މީކާޢިލް!... މި ހުރިހާކަމެއް ނިމުމުން ބައްޕަ ގަސްދުކުރަނީ ދަރިފުޅުމެން ބައްޕަގެ ގާތަށް ގެންނަން" ފިކުރަކަށް ގެއްލިފައި އިން މީކާޢިލްއަށް އައިޒަން ގޮވާލިއެވެ.

"މިވަގުތު ތިކަމަށް ދޭނޭ ޖަވާބެއް އަޅުގަނޑަކަށް ނޭނގެ... މިކަން ނިމޭނީ ކިހިނެއްކަމެއް ވެސް ނޭނގެ" މީކާޢިލް ބުންޏެވެ. އީޝަލްއަށް އައި ކުއްލި ބަދަލާއެކު މީކާޢިލްވަނީ ކަންބޮޑުވެފައެވެ. އެހެންމީހުން ފަދައިން އޭނާ ދަރިފުޅުގެ ކުރިއެރުމާމެދު އުފާނުވަނީއެއްނޫނެވެ. ޖަޒުބާތުތައް ފުންވެފައިވަނީ އެއީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށްވީމައެވެ. އީޝަލްގެ ބަހުގައި ޔަގީންކަން ވިޔަސް ނުރައްކަލަކާ ކުރިމަތިލާން ދަރިއަކު ތައްޔާރުވާއިރު ބަފައަކަށް ހަމަޖެހިލައިގެން ހުރެވޭނީ ކިހިނެއްހެއްޔެވެ. މީކާޢިލްގެ ހުރިހާ ހަމަޖެހުމެއް ގުޅިފައިވަނީ އޭނާގެ ދަރިފުޅާވިއްޔާއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭ އެ ދަރިފުޅު ކުރިމަތިލާފައިވާ ކަންތައްތަކުން އޭނާގެ ނޭވާ ހުއްޓިދާނޭ އެތައް ވަގުތެއް އައެވެ. މަރާ ހަނގުރާމަކުރާ ފަދައިން ތަންމަތީގައި ހަރަކާތްނެތިފައި އެ ދަރިފުޅު އޮތް ކިތަންމެ ފަހަރެއް އައެވެ.

* * * * * *

އިރުމަތީ ފެންޑާގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އީޝަލް އިނެވެ. އޭނާގެ ވައަތްފަރާތުގައި ކުރިމަތިވާނޭހެން ވައިސިންނީ އިނެވެ. ކަނާއަތްފަރާތުގައި ދިމާ ކުރިމަތީ ލުގަލްބަންދާ އިނެވެ.

"ބިރުނުގަންނައްޗޭ... އަހަރެމެން ތިބިހާ ދުވަހަކު އެކަކަށް އެއްކަމެއް ވެސް ނުކުރެވޭނެ، އަމިއްލަ ނަފްސުގެ މައްޗަށް އަބަދުވެސް ޔަގީންކަން ބާއްވާތި" ވައިސިންނީ ބުންޏެވެ.

"އީޝަލްއަކީ ބަލިކަށި މީހެއްކަމައްތަ ކަލޭ ހީކުރަނީ" ލުގަލްބަންދާ ބުންޏެވެ.

"އަހަރެން އެހެން ބުނެފިންތަ؟... ކަލޭ ހީކުރަނީ ކަލެއަށް އެކަނިކަމައްތަ އީޝަލް ރައްކާތެރިކުރެވޭނީ، އަހަރެމެންނާ ވެސް އޮތް ގާތްކަމެއް ކަލެއާ ވެސް އޮތީ" ވައިސިންނީ ބުނެލިއެވެ. އެއާއެކު ލުގަލްބަންދާ ނުރުހުމުގެ އަޑެއް އަރުތެރެއިން ނެރިލިއެވެ.

"އެހެންމީހުންނަށް އިތުބާރުކުރަން ލުގަލްއަށް ފަސޭހައެއްނުވާނެ، އޭނާއަކީ އަހަރެންގެ ހުރިހާކަމެއް ޚިއްޞާކުރާ އެންމެ ގާތް އެކުވެރިޔާ، އޭނާގެ ޢަމަލުތަކާމެދު ކަލޭ ކަންބޮޑުނުވޭ، އަހަރެންނަށް ދާންވީ މަގު ސާފުކޮށް ފެނޭ... ވައިސިންނީއާއި ޔޫރާގެ މަތިން ހަނދާންނެތިފައި ހުރެފައި ހަނދާންވި ކަހަލަ، ކަލޭމެންނަކީ އަހަރެންގެ އެންމެ ގާތްއެކުވެރީންކަން އަހަރެންގެ ޟަމީރު ވެސް އެއްބަސްވި، ކަލޭމެން ތިން މީހުންނަށް ވެސް އިތުބާރުކުރެވިދާނެކަން އަހަރެންގެ ހިތް ބުނޭ، ގޮތްހުސްވެފައިވަނިކޮށް އުންމީދު އާލާވެއްޖެ" އީޝަލް ލުއި ހިނިތުންވުމެއް ވައިސިންނީއާ ބަދަލުކޮށްލިއެވެ.

ވައިސިންނީއަށް އީޝަލްގެ މަޢުސޫމްކަމާއި އޭނާގެ ފުށުން ފާޅުވާ އޯގާތެރިކަން އިޙްސާސް ކުރެވެއެވެ. މިއީ ކުރިން އޭނާއަށް ގޮވާލި އެއްވެސް ވެރިއެއްގެ ފަރާތުން ފާޅުވި ސިފަތަކެއްނޫނެވެ. އެކުވެރިކަމަކީ ކޮބައިކަމެއް ވައިސިންނީ ނުދެނަހުއްޓެވެ. އަޅުން އެމީހުންގެ ސާހިބުންނަށް ކިޔަމަންވާންޖެހޭ ގޮތަކީ ކޮބައިކަން އޭނާ ރަނގަޅަށް ދަނެއެވެ. އޭނާގެ ހިތުގައި އީޝަލް ރައްކާތެރިކުރުމުގެ ޝަޢޫރު ވަރުގަދަވިއެވެ. އިސްވެ އެފަދަ ޚިޔާލަކާއި އިޙްސާސެއް ވައިސިންނީއަށް ކުރެވުނުމީ ފުރަތަމަ ފަހަރެވެ. އޭނާ މަޢުނަވީ ބެލުމަކުން އީޝަލްއަށް ނަޒަރު ހުއްޓިފައި އިނެވެ. ސިހިގެން ދިޔައީ ލުގަލްބަންދާގެ ނަގުލުގެ ހަމަލާއެއް އޭނާގެ މޫނަށް އެރުމުންނެވެ. ވަގުތުން އޭނާއާ ދިމާއަށް ވައިސިންނީ ރުޅިވެރިކަމުގެ މޫނު ހަދާލިއެވެ. ހޫރާލި އަތުން ލުގަލްބަންދާގެ ނަގުލުގައި ހިފަން އުޅުނެވެ. ނަމަވެސް ލުގަލްބަންދާ މާ ހުސިޔާރެވެ. އެ ދެމެދަށްވަނީ އީޝަލްއެވެ. މީކާޢިލް ގޮވާލި އަޑު އިވުމުން އެ ގޮވާލުމަށް އީޝަލް އިޖާބަދިނެވެ. ލުގަލްބަންދާއާއި ވައިސިންނީ ގާތު އެތަނުގައި މަޑުކުރުމަށް ބުނެފައި އީޝަލް ހިނގައިގަތެވެ.

"ކޮބާތަ ކަލޭގެ މައްސަލައަކީ؟" އީޝަލް ދިއުމުން ވައިސިންނީ އެއްސެވެ.

"ކަލޭ ބަލަންއިން ގޮތް އަހަރެންނަށް ކަމުނުދިޔައީ" ލުގަލްބަންދާ ބުންޏެވެ.

"އަހަރެން ބަލަން އިނީ ކިހިނެއްތަ؟ އެހެންނޫނަސް ކަލޭ އެކަނިތަ ބަލަންޖެހެނީ" ވައިސިންނީ ޖަދަލުކޮށްލިއެވެ.

"ނުޖެހޭނެ ބަލާކަށް" ލުގަލްބަންދާ ގަދަކޮށްލިއެވެ.

"މަށަށް ހީވަނީ ކަލެއަށް ކަލޭގެ އަސްލު އޮޅުނީހެން... އަނެއްކާ... އެހެންވެދާނެތަ... އޭތް! ލުގަލް... ކަލޭ... ކަލޭގެ ސާހިބާގެ މައްޗަށް ހިތްދޫވީތަ؟ ހެ ހެ ހެ.... އާން! އެއީ ކަލެއަށް ތިވެގެން އުޅޭގޮތަކީ، ކަލޭ އީޝަލްއާ ހިތާވީ ދޯ... ހެ ހެ ހެ..." ވައިސިންނީ ބާރަށް ހޭންފެށިއެވެ. ލުގަލްބަންދާ އިހުނަށްވުރެ ބާރަށް ނުރުހުމުގެ އަޑު ލައްވާލިއެވެ. ވައިސިންނީގެ ހުނުމަކަށް ބަދަލެއް ނައެވެ. އޭނާ ލުގަލްބަންދާއާ ދިމާކުރަނީއެވެ.

"ކަލެއާ އަރްފަޒާދާ އެއްވެސް ތަފާތެއްނެތް" ހެމުންހެމުން ވައިސިންނީ ބުނެލިއެވެ. ލުގަލްބަންދާ އެތަނުން ދުރަށް ހިނގައިގަތެވެ. ގަހުގެ އޮފިތަކަށް އަރައި އެއްއޮފިމަތިން އަނެއްއޮތްޕަށް ފުންމަމުން ވައިސިންނީއާ ދުރަށް އޭނާ ދިޔައެވެ.

"އަރްފަޒާދު، ތި އެކުވެރިޔާ ދިރިއުޅުމެއް ފެށީ ކޮންއިރަކުތަ؟ ކަލެއަށް މިއަދު ލުގަލް ފެނުނުނަމަ އަހަރެން ފަދައިން ހޭނެކަން ޔަގީން، ކަލެއާ އެއްވެސް ތަފާތެއްނެތް... ހަޤީޤީ ލޯތްބާ ބައްދަލުވަންދެން އޭނާގެ ހިތަކީ އޭނާގެ ސާހިބާގެ އެއްޗެއް، އޭނާގެ ޅަދުވަހު ކަލޭ އޭނާއާ ވަކިވީ ކީއްވެތަ؟ އޭނާގެ މާޒީވަނީ ކިލަނބުވެފައި، އަހަރެންނަށް ވެސް ނުފެނޭ... އަހަރެމެންނެތި ކަލެއަށް ބޮޑު މުސީބާތެއް ކުރިމަތިވީތަ؟... އެކަމަކު ކަލެއަކީ ފަސޭހައިން ބަލިކޮށްލެވޭނޭ ފަހުލަވާނެއްނޫން... ޒަމާންތަކަކަށް އަހަރެމެން ވަކިވީ ނަމަވެސް، އެކުގައި ހޭދަވި ކޮންމެ ވަގުތެއްގެ ހަނދާން ފަނޑުވުމެއްނެތިވޭ، އޭރުވެސް އަހަރެންނާ އެންމެ ޖަދަލުކުރާ މީހަކީތީ، އަހަރެމެންކުރެ އެކަކުގެ ކޮޅަށް ވެސް ނާރާ ދުރުގައި ހުންނަ މީހަކީ ޔޫރާ... އަރްފަޒާދު... ގޮވާލެވޭނޭ ހިނދު ކަލޭގެ ބަދަލުގައި ދަރިފުޅު އަންނާނެކަން ކަލެއަށް އެނގޭތަ؟... ހަޤީޤަތުގައި ވެސް ކަލޭ މަރުވީތަ؟" ދުރަށް ދިޔަ ލުގަލްބަންދާއަށް ބަލަން ހުރި ވައިސިންނީ އޭނާގެ އަމިއްލަ ޟަމީރާ ވާހަކަދެއްކިއެވެ. އޭނާއަށްވުރެ އެތައް އަހަރެއް ލުގަލްބަންދާ ހަގުވިޔަސް އޭނާގެ ޢަމަލުތަކުން ވައިސިންނީގެ ހަނދާނުގައިވި އަރްފަޒާދުގެ ސިފަ ތިލަވެއްޖެއެވެ.

ޔޫރާ އެނބުރި އައީ ރޭވީ ފަހުންނެވެ. އަނދިރިކަމުގެ ތެރެއިން ޒިޔަޒެލްގެ ގެއަށް ވަނުމަށް އޭނާ ހުއްދަ ހޯދިއެވެ. ޒިޔަޒެލް އޭނާއަށް ގޮވާލިއެވެ. ޢިލްމަށް ޝައުގުވެރިވާ ޒިޔަޒެލް އިނީ ޔޫރާއާ ބައްދަލުކޮށް ކަންކަން އޮޅުންފިލުވާ ހިތުންނެވެ. ބަސްމަދު ޔޫރާގެ ފުށުން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ޒިޔަޒެލް ގާތު ވާހަކަދައްކާލަން މަޑުކޮށްލަން އެދުމުން އޭނާ އުޒުރުވެރިވިއެވެ. ފުރަތަމަ އީޝަލްއާ ބައްދަލުކުރަން ޖެހޭނެކަން އޭނާ ބުންޏެވެ. އީޝަލްއަށް ގޮވާލަނިކޮށް އޭނާ އަތުވެދާނޭ ޒިޔަޒެލް ބުނަންވީއިރަށް ޔޫރާ އިނދެފައި އީޝަލް އަންނަކަމުގެ ޚަބަރު ދީފިއެވެ. ޒިޔަޒެލް ދެން އެދުނީ ޔޫރާ ގެންގުޅޭ ފޮތް ދައްކާލުމަށެވެ. އިރުކޮޅަކު ޒިޔަޒެލްއަށް ބަލަން އިނުމަށްފަހު ޔޫރާ ވާހަކަދެއްކިއެވެ.

"އެއީ އަހަރެންގެ ފޮތެއް، އަހަރެންނޫން މީހަކަށް އެ ފޮތެއް ނުހުޅުވޭނެ، ޒިޔަޒެލް!... ކަލެއަށް ވެސް އެނގެން ނުޖެހޭނެކަންކަން ހުންނާނެ، އަހަރެންގެ ފޮތަކީ ކަލެއަށް އެނގެންޖެހޭ އެއްޗެއްނޫން" ޔޫރާ މިހެންބުނެލިއިރު ވެސް އޭނާގެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. ޒިޔަޒެލް އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ފާޅުގައި އޭނާގެ ކުރިމަތީ ދެކޮޅު ހަދަން ކެރޭވަރު މީހަކާ ބައްދަލެއްނުވެއެވެ. ޔޫރާ ސާފުބަހުން ނޫނެކޭ ބުނީ ޒިޔަޒެލްގެ ގޮތް އެނގިހުރެކަން ޚުދު ޒިޔަޒެލްއަށް ވެސް އެނގެއެވެ. އީޝަލް އެތަނަށް އައީ އެއްޗެކޭ ބުނަން ނޭނގިފައި ޒިޔަޒެލް އިންދައެވެ. އީޝަލްއާއެކު ވައިސިންނީއާއި ލުގަލްބަންދާ ހުއްޓެވެ. ޔޫރާއަށް އީޝަލް ފެނުމާއެކު އަދަބުވެރިކަމާއެކު ޒިޔަޒެލްއާ ދުރަށްދިއުމުގެ އިޒްނަ ހޯދިއެވެ. އަދި އީޝަލްގެ ގާތުގައި އޭނާ ގޮސް މަޑުކޮށްލިއެވެ. އެ ތިންމީހުން އީޝަލްއާ ވާހަކަދައްކާތަން ބަލަން އިރުކޮޅަކު އިނދެފައި ޒިޔަޒެލް ލުއި ގޮތަކަށް ހީނލިއެވެ.

"އީޝަލްނޫން މީހަކަށް ކަލޭމެން ކިޔަމަނެއްނުވާނަން ދޯ" ޒިޔަޒެލް އަމިއްލަ ނަފްސަށް އެ ސުވާލުކޮށްލީ ހިނިތުންވެލައިގެން އިނދެއެވެ. އެމީހުންގެ ސިއްރުތައް ހޯދަން ޒިޔަޒެލްގެ ހިތުގައި ޚާއްޞަ ޝައުގުވެރިކަމެއްވަނީ އުފެދިފައެވެ. އެހެންނަމަވެސް އަދިއެއް އެމީހުންގެ ސިއްރުތައް ފޫއަޅުވާލެވޭނޭ ފަދަ ހަތިޔާރެއް އޭނާގެ އަތަކުނެތެވެ.

ހަނދު ފާޅުވެފައި ހުރިގޮތް ޔޫރާ ކިޔައިދިނެވެ. ފުރިހަމަ ހަނދެއްގައި ބަޚުރުން ތިލަވާ މަޚުލޫޤުން އިތުރުވާނެއެވެ. އެފަދަ ރެއެއްގައި އެހެން މަޚުލޫޤުންގެ ސަމާލުކަން އެމީހުންނަށް ހުރަހަކަށް ވެދާނޭކަން ޔޫރާ ހާމަކުރިއެވެ. އެހެންވެ މެންދަމަށް ހަނދު އޮއްސޭ ވަގުތު އެ އަނދިރިކަމުގެ ތެރޭ އެމީހުން ދިޔަރެސްފަށަށް ފައިބާނީކަމުގައި ޔޫރާ ބުންޏެވެ. އެކަން ކުރާނީ ޖެހިގެން އޮތް ދުވަހުގެ ރޭގައިކަން ނިންމިއެވެ. އަދި ޔޫރާ ގެނައި ސާމާނު އީޝަލްއަށް ދެއްކިއެވެ. މޮޅު މަޢުދަނުން ތައްޔާރުކުރެވިފައި ހުރި ދަހަނާއެކެވެ. އީޝަލްމެންގެ ވަންހައިން ނުކުންނަ ކޮންމެ މެންބަރެއްގެ ބުރަކަށިން ފެށިގެން ވަރަތަކުގެ މަތިން ލެނބިފައިވާ ހިސާބަށް އެ ދަހާނާގެ ސަބަބުން ރައްކާތެރިކަން ލިބޭނެކަން ޔަގީނެވެ. އެ ދަހަނާގެ ހެދުންތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ހުރުމުން އެކަން ކުރިއަށް ދާނޭގޮތް ޔޫރާ އޮޅުންފިލުވައިދިނެވެ. އެ ތަކެތި ލުމުގެ ކުރީން އެ ބަހައްޓާނީ ޔޫރާގެ ބެލުމުގެ ދަށުގައިކަން ވެސް އޭނާ ބުންޏެވެ.

އީޝަލްއާއެކު ބައިވެރިވާނޭ މެންބަރުން އޭނާ އިޢުލާންކުރިއެވެ. އެންމެ ކުރީގައި ތިބޭނީ އައިޒަންއާއި ބިންޏާމީން ކަމެވެ. އެމީހުންގެ ފަހަތުގައި ޒިޔަޒެލްއާއި އާރަމްގެ އިތުރުން މީކާޢިލްއާއި ޖޫދާ ކަމެވެ. އެމީހުންނަށްފަހު ދެން ތިބޭނީ މިޒަރެންނާއި ރާވިންއާއި ސޭމެސްއާއި ހަތޯރުއާއި ދާރިއުސްގެ އެވެ. މީކާޢިލްމެންނާއި މިޒަރެންމެންގެ މެދުގައި ޔާފިއާ ގޮވައިގެން ލާމިއާއާއި ޒަލަފް ހުރުމަށް އީޝަލް ބުންޏެވެ. އެއްވެސް މީހަކު އީޝަލްގެ ގޮތެއް ނުނިންމަނީސް އަމިއްލައަށް ކުރިއަށް ނުޖެހުމަށް އީޝަލް އެންގިއެވެ. އޭނާގެ އެ ނިންމުން ޤަބޫލުކުރުމަށް އެދި ޚާއްޞަކޮށް އައިޒަންއާއި މީކާޢިލްއަށް އީޝަލް ބަލާލިއެވެ. އެކަކުއަނެކަކަށް ބަލާލުމަށްފަހު މަޑުމަޑުން އެމީހުން ބޯޖަހާލައިފިއެވެ. ދެން ކަންތައްކުރާނޭ ގޮތް ވެސް އީޝަލް އެންމެނަށް ސާފުކޮށް ދިނެވެ. އެމީހުން ނުކުންނާނީ ކޮންވަގުތެއްގައި ކަމާއި ރެޔަށް ފުރިހަމައަށް ތައްޔާރުވެގެން ތިބުމަށެވެ.

(ނުނިމޭ)