ހަބަރު

ހުޅުމީދޫ ސިއްހީ މަރުކަޒު ބޮޑު ކުރަނީ

ސ. ހުޅުމީދޫގެ ސިއްހީ މަރުކަޒަށް އިތުރު ކުރާ ބައިގެ މަސައްކަތް ހަވާލުކޮށް ށ. މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ހުޅުމީދު ހޮސްޕިޓަލުގެ މަސައްކަތް ހަވާލު ކުރީ ފައިމީ ކޮންސްޓްރަކްޝަން ލިމިޓެޑް އާއެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ހެލްތް މިނިސްޓްރީން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.

މި ޕްރޮޖެކްޓް ފައިމީ ކޮންސްޓްރަކްޝަނާ ހާވާލުކުރީ 1.31 މިލިއަން ރުފިޔާ އަށެވެ. ޕްރޮޖެކްޓްފެ މަސައްކަތް 75 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ށ. މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެގޮތަށް ބަދަލު ކުރުމުން ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުންނާއި، އަންހެނުންނަށް ހިދުމަތް އެ ރަށުގައި ފެށޭނެ ކަމަށެވެ. ސްކޭން ކުރުމުގެ ހިދުމަތާއި އެމަޖެންސީ ރޫމްގެ ހިދުމަތްތައް މިލަންދޫގައި ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިލަންދޫގައި ވެކްސިން ސްޓޯ ކުރާ ކޮޓަރިއަކާއި ކޮންފަރެންސް ހޯލެއް ވެސް ގާއިމްކުރާނެ އެވެ.