ގާސިމް އިބްރާހިމް

ގާސިމުގެ ވައުދު: ކުލާސްރޫމްތައް އޭސީކޮށްދިނުން

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ރާއްޖޭގެ ސްކޫލުތަކުގެ ކުލާސްރޫމްތައް އޭސީކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމު ވައުދުވެވަޑައިގެންފި އެވެ.

ށ. މިލަންދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ހޫނުގަދަވުމުގެ ޝަކުވާ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ޕްރިންސިޕަލުންގެ ފަރާތުން ލިބޭ ކަމަށެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ އެކަން ހައްލުކޮށްދޭނެ ކަމަށާއި މާގިނަދުވަސްތަކެއް ނުވެ ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ހުރިހާ ކްލާސްރޫމްތައް އޭސީކޮށްދޭނެ ކަމަށް ގާސިމު އިބްރާހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާދޭ ތަންތަންވެސް އޭސީކޮށްދޭނެ ކަމަށް ގާސިމު ވިދާޅުވި އެވެ.

"ބަލި މީހުން ބާއްވާ ހޮސްޕިޓަލްތަކުގައި ނުވަތަ ކްލިނިކްތަކުގަ އަދި ބަލިމީހުން އެޑްމިޓްކޮށްގެން ބާއްވާ ތަންތަނުގަ އެއާކޮންޑިޝަން ކުރެވިފައި ނުވާ ތަންތަން އަޅުގަނޑުމެން އެއާ ކޮންޑިޝަން ކޮށްދޭނަން،" ގާސިމު ވިދާޅުވި އެވެ.

ގާސިމު ވިދާޅުވި ގޮތުގައި އެއީ ސަލާމަތްކަމާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެވެ.

"އިންސާނަކަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ސިއްހަތެއް. އެއަށްފަހު ތައުލީމު. އެހެންވީމަ އެއީ އަޅުގަނޑުމެން ކޮށްދޭންޖެހޭނެކަމެއް،" ގާސިމު ވިދާޅުވި އެވެ.