މާއެނބޫދޫ

ކޮމިއުނިޓީ ފަންޑުން މާއެނބޫދޫ ލައިބްރަރީއަށް ބަދަލެއް

Jul 13, 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިޖުތިމާއީ ޒިންމާގެ މަޝްރޫއު ކޮމިއުނިޓީ ފަންޑުން ދ. މާއެނބޫދޫ ލައިބްރައީއަށް ބޮޑު ބަދަލެއް ގެނެސް، އަލުން ހުޅުވައިފި އެވެ.

އެނބޫދޫ ސްކޫލުގައި ހަދާފައިވާ ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތާއި އެތަން ތަރައްގީކޮށް އަލުން ހުޅުވާފައިވާއިރު، މިތަނުގައި 700 އަށް ވުރެ ގިނަ ފޮތް ވަނީ އިތުރުވެފަ އެވެ.

މި މަސައްކަތުގެ ޕްރޮޕޯސަލް ކާމިޔާބުކުރި، ނާޝިދު އާދަމް ވިދާޅުވި ގޮތުގައި ރަށު ލައިބްރަރީ އަށް ބޭނުންވާ ފޮތް ހޯދިފައިވުމުން ފޮތް ކިޔަން ކުދިން ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

"މިހާރު ގިނަ ކުދިންގެ ސަމާލުކަން މިހުންނަނީ ގޭމް ކުޅުމާ އެކި ކަހަލަ އިލެކްޓްރޯނިކް ގެޖެޓް ތަކަށް. އަޅުގަނޑަކީ ޓީޗަރެއް. އެގޮތުން އަބަދުވެސް ދެކޭ ހުވަފެނެއް މިއީ މި ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރިވުން. ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުޅުވާލުވާއެކު އެންމެ ފުރަތަމަވެސް ބޭނުންވީ މިހާރު ހުރި ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުން. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މިއީ މިރަށު ސްކޫލު ކުދިންނަށް ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ،" ނާޝިދު ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނީޓ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޮވުނު ފަސް ޕްރޮޖެކްޓަކަށް އެހީވާން އެ ބޭންކުން ވަނީ ނިންމާފަ އެެވެ. ކޮމިއުނިޓީ ފަންޑުން އެހީދެނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދެ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރައްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފަ އެވެ.

"މި ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބަ އަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ޕްރޮޖެކްޓަށް 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފަ އެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ތަކުން ހިންގާ 110 ޕްރޮޖެކްޓަ ކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.