މަސްވެރިން

ގއ. މާނާގަލާގައި ހެޗަރީއެއް އެޅުމުގެ މަސައްކަތް ފަށައިފި

Jul 13, 2019
1

ފާނަ އާއި ހުއިފިލަނޑާ އަލާ ކުރަން ގއ. މާނާގަލާގައި ހެޗަރީއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި "ޖަޒީރާ ހޮޅުއަށީ" ގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ވޯލްޑް ބޭންކް ޕްރޮޖެކްޓެއްގެ ދަށުން މާނާގަލާގައި ހެޗަރީއެއް އެޅުމުގެ މަޝްރޫއެއް ކުރިއަށްދާ ކަމަށާ، މި ތަނުގައި އާލާ ކުރާނެ އެންމެ ހާއްސަ ބާވަތަކީ ފާނަ ކަމަށެވެ.

"އެކުއަކަލްޗާ ކުރުމަށްޓަކައި މާނާގަލާ ތަރައްގީ ކުރަނީ. މީގެ އިތުރުން ކ. މަނިޔަފުށީގައި ޓްރެއިނިން ސެންޓަރެއްގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. މިތަންތަނުގެ ބޭނުމަކީ ކުދި ދިރުންތައް އާލާ ކުރުން ފަޅުގޮވާން ކުރުމުން،" ޒަހާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާނާގަލާގައި ތަރައްގީކުރާ ހެޗަރީގައި އާލާކުރާނެ މައިގަނޑު ބާވަތަކަށް ވެގެންދާނީ ފާނަ ކަމަށެވެ.

"ބޭރު ދުނިޔޭގައި ބޮޑު އަގެއް ލިބޭ އެއްޗެއް ފާނައަކީ. ހަމަ މިއާއެކު ހުއިފިލަނޑާ އާލާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ،" ޒަހާ ވިދާޅުވި އެވެ.

ފާނަ އާއި ހުއިފިލަނޑާ އަލާ ކުރަން ނިމިދިޔަ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީން ވެސް މަސައްކަތް ކުރި އެވެ. މިގޮތުން ކ. މަނިޔަފުށީ ބޭރުގައި ކޮށި އަޅައިގެން ފާނަ ދިރުމުގެ މަސައްކަތް ވެސް ވަނީކޮށްފަ އެވެ. އަދި އޭގެ ކުރިން ވ. ބޮޑުމޮހިރާގައި ވެސް މިފަދަ މަޝްރޫއެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މީގެ އެއްވެސް މަޝްރޫއެއް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ. އެއްވެސް އެއްޗެއް މާކެޓަށް ނެރުނުކަމެއް އެނގިފައެއް ނުވެ އެވެ.