ވިޔަފާރި

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ބޮޑުބަޔަކީ ޓޫރިޒަމް ބިމު ކުލި

Jul 13, 2019
1

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން އާއްމު ކުރި މިދިޔަ ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު މީރާއަށް ޖުމުލަ 55.09 މިލިއަން ޑޮލަރު ބަލައިގެންފައި ވެއެވެ. މީގެ ތެރެއިން 21 މިލިއަން ޑޮލަރަކީ ޓޫރިޒަމް ލޭންޑް ރެންޓު ނުވަތަ ޓޫރިޒަމަށް ކުއްޔަށް ދޫކުރާ ތަނުން ދައުލަތަށް ލިބުނު އާމްދަނީ އެވެ. ނަމަވެސް މި ޓެކުހުން މިދިޔަ އަހަރުގެ ޖޫން މަހު ލިބިފައި ވަނީ 19 މިލިއަން ޑޮލަރެވެ. ޓޫރިޒަމް ލޭންޑް ރެންޓު އިތުރުވި އިރު، މި އަހަރުގެ މިހާތަނަށް ވަނީ 12 ރިސޯޓެއް ވަނީ ހުޅުވާފަ އެވެ.

ލަފާކުރި އާމްދަނީ ނުވަ ޕަސެންޓް އިތުރު

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ވަނީ މީރާ އަށް 1.49 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ބަލައިގެންފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ލިބިފައިވަނީ 1.29 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 15.4 ޕަސެންޓް އިތުރު ވުމެކެވެ. އަދި މިއީ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ ނުވަ ޕަސެންޓު އާމްދަނީ އިތުރު ވުމެކެވެ.

ބީޕީޓީ އާމްދަނީ ދަށަށް

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގަ އެވެ. އާމްދަނީގެ 31 ޕަސެންޓް މި ޓެކުހުން ހިއްސާ ކުރިއިރު، މިދިޔަ މަހު ވަނީ ޖީއެސްޓީގެ ގޮތުގައި 462 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 455 މިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ޕަސެންޓް އިތުރުވުމެކެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގަ އެވެ. މި ޓެކުހުން މިދިޔަ މަހު 275 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 125 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 54 ޕަސެންޓު ދަށްވުމެކެވެ. ތިންވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ލޭންޑު ރެންޓުގެ ގޮތުގަ އެވެ. މި ޓެކުހުން މިދިޔަ މަހު 311 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 54 ޕަސެންޓުގެ ދަށްވުމެކެވެ.

މީރާ އިން ބުނެފައިވާ ގޮތުގައި ބީޕީޓީ އާއި ޖީއެސްޓީ އަދި ބޭންކް ޕްރޮފިޓް ޓެކުސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ މަހު މަދުވުމުގެ ސަބަބަކީ ބީޕީޓީ ދެއްކުމުގެ ސުން ގަޑި އިތުރުކޮށްދެވިފައިވާތީ އެވެ.

މި އަހަރުގެ ވޭތުވެދިޔަ ހަ މަސް ދުވަހު މީރާއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު ލިބުނު 8.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.6 ޕަސެންޓުގެ އިތުރުވުމެކެވެ.