ރިސޯޓް

ރިސޯޓު ކުލި އަންދާޒާ ކުރި ވަރަށްވުރެ 23 ޕަސެންޓް ދަށަށް!

ރިސޯޓުތަކުން ކުލީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ފުރަތަމަ ތިން މަހު އަންދާޒާ ކުރި އާމްދަނީ 23.3 ޕަސެންޓް ދަށްވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ ފުރަތަމަ ކްއާޓަރުގެ ޓެކްސް ހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ތިން މަހު ރިސޯޓުތަކުން ކުލީގެ ގޮތުގައި ލިބިފައިވަނީ 419.19 މިލިއަން ރުފިޔާ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރުގައި ލިބުނު އާމްދަނީގެ ތެރެއިން އަންދާޒާކުރި އާމްދަނީއާ އަޅާ ބަލާއިރު 23.3 ޕަސެންޓް ދަށްވުމެކެވެ. މި ކްއާޓަރުގައި އަންދާޒާ ކުރި އާމްދަނީ ދަށްވި ނަމަވެސް މި ކްއާޓަރުގައި ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ތިން ޕަސެންޓް އިތުރުވެފަ އެވެ.

ރިސޯޓު ކުލިން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް އެޝްޓާބްލިޝްމަންޓް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކޮށް ނިމުމަށް ދޭ މުއްދަތު އިތުރު ކުރުމާއި ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސް ކޮށްދިނުމުގެ އުސޫލުގެ ދަށުން ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޝަން ފީ ދެއްކުމަށްފަހު ރިސޯޓު ކުލި ދެއްކުން ފަސް ކުރުމުގެ ފުރުސަތު ޓެކްސް ދައްކާ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 140 ރިސޯޓު ދަނީ ހިންގަމުންނެވެ. އަދި ޓޫރިޒަމާ ގުޅުންހުރި 132 މަޝްރޫއެއް މިހާރު ކުރިއަށްދާއިރު، ތެރޭގައި 140 އަށްވުރެ ގިނަ ރަށް ދަނީ ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަމުންނެވެ. އަދި މީގެ ތެރެއިން 54 ރަށެއްގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ވަނީ ހުއްޓިފަ އެވެ.