ކުޅިވަރު

ވޮލީގެ އިސްލާހީ އެޖެންޑާއިން ބަދަލެއް ނުގެނެވުނު!

އޭޕްރީ 2017 ގައި، ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފު އެ އެސޯސިއޭޝަނަށް އިސްލާހީ އެޖެންޑާއެއް އިއުލާން ކުރެއްވި އެވެ. ވީއޭއެމް އާއި އެ ކުޅިވަރުގައި ޒަމާނުންސުރެ ޖެހިފައި ހުރި ނުރަނގަޅު ލައްތައް ފިލުވާލަން ހަމަ ހަގީގަތުގައި ވެސް އިސްލާހީ އެޖެންޑާއެއް ބޭނުންވެ އެވެ. އިސްލާހީ އެޖެންޑާ އިއުލާން ކުރެއްވުމުން އުންމީދު ކުރެވުނީ ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އެޖެންޑާގެ ވާހަކަ އިއުލާން ކުރެއްވުމުން އެކަމަށް މީހުން މަރުހަބާ ކިއެވެ. އެއީ ރާއްޖޭގެ ޒުވާން އާބާދީ ބޮޑު ބައެއް އެ ކުޅިވަރެއްގައި ޝާމިލުވާތީ އެކަމަށް ހެޔޮ ބަދަލަކަށް އެދެމުންނެވެ. ނަމަވެސް ދެ އަހަރު ވީއިރުވެސް ކުރި އުންމީދާ އެއް ގޮތަށް އެއްވެސް ކަމެއް ބަދަލެއް ނުވި އެވެ. ކޮންމެވެސް ބަދަލުތަކެއް ނުގެންނަ ވާހަކައެއް ނޫނެވެ. އެކަމަކު ގިނަ ބަޔަކު އުންމީދު ކޮށްގެން ތިބި ބަދަލުތަކެއް ނުފެނުނެވެ.

އިސްލާހީ އެޖެންޑާ ލަތީފު އިއުލާން ކުރެއްވި ވަގުތަކީ، އޭނާއަށާއި އެސޯސިއޭޝަނަށް އިންތިހާއަށް ފާޑު ކިޔުން އަމާޒުވި ދުވަސްވަރެކެވެ.

ވޮލީގައި ކުރިން ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވި ގޮތުގައި އިސްލާހީ އެޖެންޑާގެ ވާހަކަ ލަތީފު އިއުލާން ކުރެއްވީ އެވަގުތު އޭނާއަށް ކުރިމަތިވި ފާޑު ކިޔުންތަކާއި ޕްރެޝަރު ކުޑަ ކުރާށެވެ.

"ހަގީގީ އިސްލާހީ އެޖެންޑާއެއް ނެތް، އޮތް ނަމަ މި ދެ އަހަރު ތެރޭ ބަދަލު ފެނުނީސް،" ވޮލީގައި ކުރިން ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވި އެވެ. "ހަގީގަތުގައި ބޭނުންވީ ޕްރެޝަރު ކުޑަ ކުރަން، އެހެންވެ އެންމެ ޕްރެޝަރު ކުރިމަތިވި ވަގުތު އެ ވާހަކަ އިއުލާން ކުރީ."

ވޮލީގެ އިސްލާހީ އެޖެންޑާ އިއުލާން ކުރިތާ، މި އަހަރުގެ އޭޕްރީލަށް ދެ އަހަރު ވީ އެވެ. ވީއޭއެމްގެ އަސާސީ ގަވާއިދާއި، ލޯގޯ އާއި ކުލަ ބަދަލު ވެއްޖެ އެވެ. އިތުރުން އެހެން ބައެއް ބަދަލުތައް ވެސް އައެވެ. ނަމަވެސް ވޮލީގެ އާއިލާއިން ބޭނުންވި ހަގީގީ އިސްލާހީ ބަދަލެއް ނުފެނުނެވެ.

އެންމެ ފަހުން ޖެހުނީ ގަދަ ކަމުން އިސްލާހް ގެންނާށެވެ. ވީއޭއެމް ހިންގަމުންދާ ގޮތާމެދު އެތައް ޝަކުވާތަކެއް ހުށަހެޅެމުން ދިޔަ އެވެ. ސްޕޯޓްސް ކޮމިޝަނަރު އެޅުއްވީ އެންމެ ފިޔަވަޅެކެވެ. ލަތީފްގެ އެކްސްކޯގެ ބާރު ކަނޑުވާލައި ނޯމަލައިޒޭޝަން ކޮމިޓީއަކާ ހިންގުން ހަވާލު ކުރީ އެވެ.

"ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރުމަކީ ރީތި ކަމެއް ނޫން، ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލު ކުރުމުން ދޭހަ ވަނީ ވީއޭއެމް ބޮއްސުންލާފައި ވާކަން، އެތަނުގައި ގޯސްތަކެއް ހަދާފައި ހުރިކަން، އެހެންވެ ރީތި ކަމެއް ނޫނޭ މި ބުނަނީ،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ނޯ،މަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރުމުން، އެފްއައިވީބީން، ރާއްޖޭގެ ހާލަތު ބަލަން ފެށާނެ ކަމަށް އެ ފެޑްރޭޝަނުން އިއުލާން ކުރި އެވެ. އެފްއައިވީބީން ހާލަތު ބެލުމަށް ފަހު ނިންމާނެ ގޮތެއް ނޭނގެ އެވެ. އެ ހާލަތަށް ދާން ޖެހުނީ، އިސްލާހު ކުރަން ފުރުސަތު ލިބި އިސްލާހު ނުގެނެވުމުންނެވެ.