ވިޔަފާރި

މިފްކޯ އިން އެސްޓީއޯ އަށް 450 މިލިއަން ރުފިޔާގެ ގެއްލުން

Jul 13, 2019
10

މިފްކޯ އެސްޓީއޯގެ ދަށަށް ގެނައުމުން މިހާތަނަށް 450 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.

މަސްވެރިކަމާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދަން ގދ. ތިނަދޫގައި ރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި" ގައި އެސްޓީއޯ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ މިފްކޯ، އެސްޓީއޯގެ ދަށަށް ބަދަލުކުރީ އެސްޓީއޯ އިން ބޭނުން ވެގެން ނޫން ކަމަށާ އެ ކުންފުނި ބަނގުރޫޓު ވުމުން ހަދާނެ ގޮތެއް ނެތިގެން ކަމަށެވެ.

"އެސްޓީއޯގެ ދަށަށް [މިފްކޯ] ގެނައުމުން އެސްޓީއޯ =އަށް މި ވަގުތު ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ ގެއްލުން މި އަހަރާ ހަމައަށް ވެފައިވޭ. ހަގީގަތަކީ އެސްޓީއޯ އަށް އެކަން ކުރެވެން އޮތް އިރަކު ނޫން މިފްކޯ ގެނެސްލާފައި އޮތީ،" އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ މަސްވެރިން ތަރައްގީ ވެގެން ދިޔައިރު، މިފްކޯ އަށް އެ ތަރައްގީ އައިސްފައިނެތް ކަމަށެވެ.

"މިފްކޯގެ ބޯޓު ފަހަރު މި ވަގުތު ގެންގޮސް ލެވޭނެ މަސް ދޯންޏެއްގެ ތެރެއަށް. މަސްވެރިންގެ ބޯޓު 150 ފޫޓަށް ބޮޑު ވެގެން ދިޔައިރު މިފްކޯގެ ބޯޓު އޮތީ ވަރަށް ކުޑަކުޑަކޮށް ކަމެއް ނުކުރެވުނު،" އަމްރު ވިދާޅުވި އެވެ.

މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 26، 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އޭރު އެ ކުންފުނީގައި 300 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.