އެންޓޯނީ ގްރީޒްމަން

ގްރީޒްމަންއާއެކު ބާސާބަދަލު ވެގެންދާ ގޮތް

އެއް އަހަރު ކުރިން ބާސެލޯނާއަށް ދާން ފްރާންސްގެ ތަޖުރިބާކާރު ފޯވަޑް އެންޓްއާން ގްރީޒްމަން ދެކޮޅު ހެދި އެވެ. އޭނާ އޭރު ނިންމީ އެތުލެޓިކޯ މެޑްރިޑްގައި މަޑު ކުރުމަށެވެ. އެއް އަހަރު ފަހުން ނިންމުން ބަދަލުކޮށް އިއްޔަ އޭނާ ވަނީ ބާސާއަށް ބަދަލުވެފަ އެވެ.

ގްރީޒްމަން އާއެކު، ބާސާގެ އެޓޭކް ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ. ބާސާގެ އެޓޭކިން ލައިންގައި އެއްވަރެއްގެ މަޝްހޫރު ފަސް ކުޅުންތެރިން މިހާރު އެބަތިއްބެވެ. ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އެވެ. އުސްމާން ޑެމްބެލޭ އަދި ފިލިޕޭ ކުޓީނިއޯ އެވެ. އެ ލިސްޓަށް މިހާރު އިތުރުވީ ފަސް އަހަރުގެ އެއްބަސްވުމުގެ ދަށުން އިއްޔަ ބާސާއަށް ސޮއި ކުރި ގްރިޒްމަން އެވެ.

ގުރީޒްމަން ބާސާއަށް ދިއުމުން، އެ ޓީމުގެ އެޓޭކިން ލައިނަށް ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ. ބައެއް ކުޅުންތެރިން ދޫކޮށްލުމުގެ ފުރުސަތުވެސް އެބައޮތެވެ. ގްރީޒްމަން އާއެކު ބާސާ އެޓޭކު ބަދަލުވެގެންދާނެ ކަމަށް ބެލެވޭ ގޮތްތައް ތިރީގައި މިވަނީ އެވެ.

ބާސާގެ ރަސްމީ ސްޓައިލްގައި ނުކުޅޭތީ، ކޯޗް އެރުނަސްޓޭ ވަލްވެރުޑޭއަށް ފާޑު ކިޔުން އަމާޒު ވެއެވެ. ބާސާގައި އޭނާގެ އެންމެ ގިނައިން ކުޅޭ ސްޓައިލަކީ 4-3-3 ފޯމޭޝަނެވެ. ގްރީޒްމަން އައުމުން އެ ސިސްޓަމް އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވެ އެވެ. ބާސާގެ ކަނާތު ވިންގަކީ ކެޕްޓަން މެސީއަށް ހާއްސަ ފަޅި އެކެވެ. ވާތު ފަޅީގައި ގްރީޒްމަންގެ ތޫނުފިލިކަން ކުޑަ ވާނެ އެވެ. އެހެންނަމަވެސް އޭނާ އަކީ މެދު ތެރެއިންވެސް ރަނގަޅަށް ކުޅެވޭ ކުޅުންތެރިޔެކެވެ.

އެހެންވެއްޖެނަމަ، ފުރަތަމަ 11 އިން ސުއަރޭޒްއަށް ފުރުސަތު ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އޭނާގެ އުމުމުރުން މިހާރު 32 އަހަރެވެ. މިދިޔަ ސީޒަނަކީ ބާސާގައި އޭނާ އެންމެ މަދުން ލަނޑު ޖެހި ސީޒަނެވެ. މާނައަކީ ސުއަރޭޒްގެ ޓޮޕް ޕާފޯމަންސް މަޑުމަޑުން ގެއްލެމުންދާ ކަމެވެ. ގްރީޒްމަން މެދުތެރެއަށް ޖެއްސާލުމުން އެބައި ފޫބެދިގެންދާނެ އެވެ. 4-3-3 ގެ ފޯމޭޝަނަށް ބަދަލުކޮށްލިޔަސް ގްރީޒްމަން އެ ސިސްޓަމްގެ ތެރެއަށް ފެތޭނެ އެވެ.

ޗެމްޕިއަންސް ލީގް އަވޭ މެޗުތަކުގައި، ވަލްވެރުޑޭ އެންމެ ގިނައިން ބޭނުން ކުރަނީ، 4-4-2 ސިސްޓެމެވެ. އެއީ އެތުލެޓިކޯގައި ގްރީޒްމަން އެންމެ ގިނައިން ކުޅުނު ފޯމޭޝަނެވެ. މިދިޔަ ދެ ސީޒަންގެ ޗެމްޕިއަންސް ލީގްގައިވެސް ބާސާއަށް ދެރަ ލިބުނީ އަވޭ ގޭމްތަކުގައެވެ. މިދިޔަ ސީޒަންގެ ސެމީ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވީ އެވެ. އޭގެ ކުރީ ސީޒަންގެ ކްއާޓާ ފައިނަލުގައި ރޯމާ އަތުން ހަމަ ރަށުން ބޭރުގަ އެވެ.

އެ ދެ މެޗުގައިވެސް ބާސާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހުމެވެ. އިތުރަށް އެންމެ ލަނޑެއްވެސް އިދިކޮޅު ޓީމު ގޯލަށް އެތެރެ ކޮށްލެވުނަސް ބާސާއަށް މުބާރާތުގައި ކުރިއަށް ދެވޭނެ އެވެ. ޗެމްޕިއަންސް ލީގް އަވޭ މެޗުތަކުގައި 4-4-2 ސިސްޓަމަށް ގްރީޒްމަން އާއެކު ބޮޑު ހައްލެއް ލިބިގެންދާނެ އެވެ. ދެ ކުޅުންތެރިން ކުރިއަށް ޖައްސައިގެން ކުޅޭ ސިސްޓަމްގައި ގްރީޒްމަންއަކީ އެކްސްޕާޓެކެވެ.

އެކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ 2016 ވަނަ އަހަރު، ޕެޕް ގާޑިއޯލާގެ ބަޔާން މިޔުނިކާ ދެކޮޅަށް އެތުލެޓިކޯގައި ގްރީޒްމަން ދެއްކި ކުޅުމެވެ. ސެމީ ފައިނަލުން ބަޔާން ކަޓުވާލުމަށް ފަހު އެތުލެޓިކޯ ފައިނަލަށް ދަތުރު ކުރުމުގައި، ގްރީޒްމަން ދެއްކި ކުޅުން ފާހަގަ ކޮށްލެވެ އެވެ. މިއީ ޗެމްޕިއަންސް ލީގް އަވޭ މެޗުތަކުގައި ވަލްވެރުޑޭއަށް ގްރީޒްމަންއާއެކު ކާމިޔާބު ހޯދޭނެ ފޯމިއުލާއެކެވެ.