އެންޓްއާން ގްރީޒްމަން ދެވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑާއެކު ނަޕޮލީ އަތުން ބަލި ނުވެ އެފްސީ ބާސެލޯނާ ސަލަމަތްވެއްޖެ އެވެ.
މެޗު އެއްވަރުވީ 1-1 ންނެވެ. ނަޕޯލީން ވަނީ މެޗުގެ 30 ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. ނަޕޯލީން ޖެހި ލަނޑަކީ ޑްރީސް މާޓީން ޖެހި މޮޅު ލަނޑެކެވެ. ޕިއޯޓޯ ޒިލީންސްކީ އޭރިއާ ބޭރުން ހުރަސް ކޮށްފައި ބޯޅަ ދިނީ މާޓިން އަށެވެ. އޭރު އޭނާވެސް ހުރީ އޭރިއާގެ ބޭރުގަ އެވެ. އޭރިއާ ތެރެއަށް ވަންނަން އުޅެފައި މާޓިންސް ވަނީ ބޯޅަ ރަނގަޅަށް ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާގެ ބޭރުން ގޯލްގެ ކަނަށް ބޯޅަ ވައްދާލަފަ އެވެ. ބާސާގެ ކީޕަރު މާކް އެންޑްރޭ ޓާސްޓެގަންއަށް ވެސް ހުރެވުނީ ބޯޅައަށް ބަލަހައްޓައިގެނެވެ.
ނަޕޯލީން ކުޅުނި، ޑިފެންސިވް ވިސްނުމެއްގަ އެވެ. ފުރަތަމަ ހާފުގައި އެ ގޭމް ވަރަށް ރަނގަޅށް އެ ޓީމުން ކުޅުނެވެ. މާބޮޑަށް ފަހަތަށް ނުޖެހި ބާސާގެ ފޯވަޑުންނަށް ޑިފެންސްގެ ފަހަތުން ބޯޅަ ނުލިބޭނެހެން ފަހަތުން އެއްކޮށް ލޮކު ކުރި އެވެ.
ގްރީޒްމަން ބާސާގެ ލަނޑު ކާމިޔާބު ކުރީ މެޗުގެ 57 ވަނަ މިނެޓްގައި ނެލްސަން ސަމޭޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ސަމޭޑޯ އޭރިއާ ތެރޭގައި ހުރެފައި ތިރިތިރިން ގްރީޒްމަންއަށް ބޯޅަ ދިނީ ގްރީޒްމަން މާކު ކޮސްފައި ނެތުމުންނެވެ. އޭނާ ވަނީ އެއްފަހުން އެ ބޯޅަ ނަޕޯލީގެ ގޯލަށް ވައްދާލަފަ އެވެ.
މެޗުގެ އެންމެ ފަހު ވަގުތު ބާސާގެ އާޓޫރޯ ވިޑާލްއަށް ވަނީ ކައިރިކަިރީގައި ދެއްކި ދެ ރީނދޫކަޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.