ކުޅިވަރު

މަޑަގަސްކަރައިގެ ނަން ނަގައި ރާއްޖެއަށް ތާއީދުކުރަން އެދެފި

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތުގެ 2023 ގެ ގޭމްސް ބޭއްވުމަށް މަޑަގަސްކަރައިން ހުށަހަޅާފައިވާ ބިޑް އަނބުރައި ގެންގޮސް ރާއްޖެއަށް ތާއީދު ކުރުމަށް ރާއްޖެއިން މަޑަގަސްކަރައިގެ ސަރުކާރުގައި އެދިއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ މަޑަގަސްކަރައިގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބާ އާ ބައްދަލު ކުރައްވާފަ އެވެ. މަޑަގަސްކަރައިގެ ބޮޑު ވަޒީރު އޮލިވިއާ މަހާފަލީ ސޮލަނަންޑަރަސާނާ އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވާފައިވާ ސިޓީ ފުޅެއް މިނިސްޓަރު ޝާހިދު ވަނީ އަރުވާފަ އެވެ.

ޝާޙިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2023 ގެ ގޭމްސް ބާއްވަން ރާއްޖެއަށް ތާއީދު ކޮށްދިނުމަށް މަޑަގަސްކަރައިގެ ސަރުކާރުގައި އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

ހަތަރު އަހަރު ފަހުން އޮންނަ މުބާރާތަށް ބިޑު ހުށަހަޅާފައި ވަނީ ރާއްޖެ އާއި އާއި މަޑަގަސްކަރަ އިތުރުން ކޮމޮރޯސް އެވެ. ރާއްޖޭގައި ގޭމްސް ބާއްވަން އައިއޯއައިޖީގެ ގައުމުތަކުގެ ތާއީދު ހޯއްދެވުމަށް ރައީސް ސޯލިހްގެ ހާއްސަ މަންދޫބުންގެ ގޮތުގައި މަހްލޫފާއި ޝާހިދު ގެންދަވަނީ ތިން ގައުމަކަށް ދަތުރު ކުރައްވަމުންނެވެ.

މިދިޔަ ހަފުތާގައި ދެ ވަޒީރުން ވަނީ، ޝީޝަލްގެ ރައީސް، ޑެނީ ފޯރޭ އާ ބައްދަލު ކުރައްވާފަ އެވެ. ޝީޝެލްސްއިން ރާއްޖެއަށް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ފޯރޭ އެ ބައްދަލުވުމުގައި ދެއްވި އެވެ.

ގޭމްސް ބާއްވާ ގައުމު ފައިނަލު ކުރާނީ މިއަހަރު ގޭމްސް ބާއްވާ މޮރިޝަސްގައި މި މަހު 18 ވަނަ ދުވަހު ބާއްވާ އައިއޯއައިޖީގެ ގައުމުތަކުގެ ބައްދަލުވުމުގަ އެވެ. އައިއޯއައިޖީގެ ކައުންސިލުގެ ރައީސް އެންޓޯނިއޯ ގޯޕާލް އާއި ކައުންސިލުގެ ބައެއް މެންބަރުން ވަނީ މި އަހަރު ރާއްޖެއަށް ވަޑައިގެން ގޭމްސް ރާއްޖޭގައި ބާއްވާނަމަ ރާއްޖޭގައި ހުރި ވަސީލަތްތަކާއި ފުރުސަތުތައް ބައްލަވާލެއްވުމަށް މާލެ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ދިވެހި މީޑިއާތަކާ ވާހަކަ ދައްކަވަމުން އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ގޭމްސް ބާއްވަން ރާއްޖެއިން ކުރަމުންދާ މަސައްކަތާމެދު ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ކަމަށެވެ.