މީހުން

ކުރިން ލަވައިން މިހާރު ކުރެހުމުން!

މިއީ ކިހިނެއް ވެފައި އޮތް ކަމެއް ހެއްޔެވެ؟ ހައްވާ ލަހުފާ (ލަހޫ) ފުރަތަމަ އާންމުންގެ ތެރެއަށް އައީ "ވޮއިސް އޮފް މޯލްޑިވްސް" ގައި ވާދަ ކުރި ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. އެކަަމަކު މިހާރު ލަހޫ މި ފެންނަނީ ލަވަ ކިޔާތީއެއް ނޫނެވެ. އޭނާއަކީ މިހާރު ގްރެފިކް ޑިޒައިނަރެކެވެ. މި ސުވާލަށް ލަހޫ ދޭ ސަމާސާ ޖަވާބަކީ "ކުޑައިރު ވެސް ފޮތްތަކުގެ އަރިމަތީގައި ކޮންމެވެސް ޑިޒައިނެއް ލަހޫ ކުރަހާފަ ހުންނާނެ" އޭ އެވެ.

"އަރަބި އަކުރުތައް ލިޔާ އިރު އެކި ޑިޒައިންތަކަށް ލިޔެވޭތީ މަންމަ އެކަމާ އޭރު ހިތްހަމަ ނުޖެހިގެން ވެސް އުޅޭނެ. ބުނާނެ އެއް ލައިނުންނޭ އަކުރުތައް ލިޔާނީ." ލަހޫ ބުންޏެވެ

ފުރަތަމަ ލަވަކިޔުންތެރިއެއްގެ ގޮތުގައި ފެނިލި ނަމަވެސް ކުރެހުމަކީ މާކުރިންސުރެ ލަހޫއަށް ލިބިފައިވާ ހުނަރެކެވެ. ކުޑައިރު ވެސް ކުރަހަން ޝައުގުވެރިކަން ނުހުންނަ ހަނދާނެއް ލަހޫގެ ނެތެވެ. އެކަމަކު އެއީ ލަހޫގެ އަސްލު ޓެލެންޓްކަން އޭރު ފާހަގަވެފައި ނެތީމާ އެކަމާ މާބޮަށް އަޅައި ނުލެވި އޮތީމައެވެ.

އޭނާ ބުނި ގޮތުގައި އޯލެވެލް ނިންމުމަށް ފަހު ސީއެޗްއެއްސްއީގައި އޭލެވެލް ނިންމާލި އިރު އިންޑިއާ ހައި ކޮމިޝަނުން ބޭއްވި އިންޓަ ސްކޫލް ކުރެހުމުގެ މުބާރަތެއްގައި ބައިވެރިވެވުނެވެ. އަދި ހުނަރު ޓެސްޓްކޮށްލައިގެން އެ މުބާރާތުން އެއްވަނަ ވެސް ލިބުނެވެ.

އޭލެވެލް ނިންމާލައި އާކިޓެކްޓް ދާއިރާއިން ކުރިއަށް ދާން ބޭނުންވާތީ އެ ދާއިރާއިން ލަހޫ ކޯހެއް ހެދިއެވެ. އެއާއެކު ފޮޓޯގްރެފީގެ ކޯހެއް ވެސް ފުރިހަމަ ކުރި އެވެ. ނަމަވެސް އެއިން ދިމާއަކަށް ނުއެއް ދެވުނެވެ. ވަޒީފާއަށް ދެވުނީ އަދި މުޅީން އެހެން ދިމާއަކަށެވެ.

އެންމެ ފުރަތަމަ ލަހޫ ވަޒީފާއަކަށް ދިޔައީ މީޑިއާނެޓްގެ ކޯޕަރޭޓް ސޭލްސް އެސިސްޓެންޓްކަށެވެ. އެތާނގެ ތެރެއިން ލަހޫ ކުރެހުގެ ހުނަރު އެ އޮފީހުގެ މީހުން ޑިސްކަވާކުރި އެވެ. އަދި ފޭސްބުކްގައި ލަހޫގެ ކުރެހުންތައް ޝެއާ ކުރަން ފެށުމުން ލަހޫގެ އާޓިސްޓިކް ޓެލެންޓް ވަރަށް ބޮޑަށް ފާޅުވި އެވެ.

"އެހިސާބުން މީޑިއާނެޓުން ނެރެމުން އައި އެންޓަޓެއިންމެންޓް ގައިޑް މެގަޒިން ޑިޒައިން ކުރަން ލަހޫ އަށް ފުރުސަތު ލިބުނު. އެއާއެކު ކުރެހުމަށް ޝައުގުހުރިކަން އަމިއްލަ އަށް ވެސް ވަރަށް ބޮޑަށް ފާހަަގަ ކުރެވި އެ ހުނަރު އިތުރަށް ތަރައްގީ ކުރަން ބޭނުންވީ،" އޭނާ ބުންޏެވެ.

ދެހާސް ބާރަވަނަ އަހަރު ލަހޫ މެލޭޝިއާ ކިޔަވަން ދިޔައެވެ. ކިޔެވުމުގެ އެ ތިން އަހަރުތެރޭ ޑިޒައިނިން ދާއިރާއިން ޑިގްރީ ހާސިލްކުރި އެވެ.

"ފުރަތަމަ އެޕްލައި ކުރި އިރު ނޭނގޭނެ އެޑޯބް ސޮފްޓްވެއާ އެއްޗެހި ބޭނުން ކުރަން އެހެންވެ އެޕްލައި ކުރީ ފައުންޑޭޝަނަށް... އެކަމަކު ފުރުސަތު ލިބުނީ ޑިގްރީ ހަދަން." ލަހޫ ބުންޏެވެ.

ލަހޫއަށް ޑިގްރީގެ ފުރުސަތު ލިބުމުން އޭރ އުފާވި ނަމަވެސް ކުރެހުމުގެ ދާއިރާގެ ތަޖުރިބާހުރި މޮޅު ކުދިންނާއެކު މަސައްކަތް ކުރަން ޖެހުމުން އުނދަގޫވި އެވެ.

"ވަރަށް އުދަނގޫވި އެ ކުދިންނާ އެއްވަރަށް ކުރަހަން. އެއްވެސް ވަރަކަށް ނޭނގެ ސޮފްޓްވެއާތަައް ބޭނުން ކުރާކަށް އެހެންވެ އަމިއްލަ އަށް ވީޑިއޯ ބަލައިގެން ދަސްކުރީ..." ލަހޫ ބުންޏެވެ.

ޑިޒައިނިން ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރުމަށްފަހު ރާއްޖޭގެ ޕަބްލިސިޓީ ބިއުރޯގެ ސީނިއާ ކްރިއޭޓިވް ޑިޒައިނެރަކަށް ލަހޫ މަސައްކަތް ކުރިއެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ތިންކްގެ ސީނިއާ ކްރިއޭޓިވް ޑިޒައިނަރެއްގެ ގޮތުގަ އެވެ.

ތިންކްގެ މަސައްކަތުގެ ތެރޭގައި ލަހޫ އެންމެ ހިތްހަމަޖެހޭ މަސައްކަތަކަށް ކުރީ މި އަހަރުގެ ދިރާގު ކަލަންޑަރު ޑިޒައިން ކުރުމެވެ. އެ ކަލަންޑަރުގެ ކޮންމެ ޕޭޖަކުން ފެންނަ ދިވެހި ވަންތަ ކުރެހުމުގެ ފަހަތުގައި ހުރީ ލަހޫ އެވެ.

"ދިރާގު ކަހަލަ ބޮޑު ކުންފުންޏެއްގެ ކަލަންޑަރު ޑިޒައިން ކުރުމަށް ލިބުނީމަ ވަރަށް އުފާވި. އެއީ އެހާ ގިނަ މީހުން ކޮންމެ ދުވަހަކު ބޭނުން ވެސް ކުރާ އެއްޗަކަށް އެއްވީމަ."

މަޝްހޫރު "ބްރެޑް މެޓާސް" ރެސްޓޯރެންޓްގެ ބިއްލޫރި ގަނޑުގައި ހުންނަ ލޯގޯގެ އަކީ ވެސް ލަހޫގެ އުފެއްދުންތެރި ކަމެވެ. ކަލަންޑަރާއި ލޯގޯ އެކަންޏެއް ނޫނެވެ. މިދިއަ ވޯލްޑް ކަޕްގައި އުރީދޫއަށް ވައިބާ ސްޓިކާތަކެއް ވެސް ލަހޫ ވަނީ ހަދައިދީފަ އެވެ.

ލަހޫ ބުނި ގޮތުގައި އާންމުކޮށް ކުރަހަނީ ލަވަ އެއް އަޑުއަހައިގެން ހިތަށް ގެނެވޭ މަންޒަރުތައް ކުރެހުމެއް ގޮތުގައި ސިފަކޮށްލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

"ބައެއް ފަހަރު މީހުން ބުނާނެ ރީތި އެއްޗެއްް ކުރަހާލާށޭ. ދެން ޖެހޭނީ އެމީހަކާ އެކި ސުވާލުކޮށް އިންޓަނެޓުން ރިސާޗް ކޮށްގެން އެ މީހަކު ބޭނުންވާ ގޮތަކަށް ކުރަހަން."

ފުރަތަމަ ލަހޫ ފެނުނީ ވެސް ލަވަކިޔަން ހުއްޓަ އެވެ. މިހާރު އެއީ ލަވަކިޔުންތެރިއެއް ނޫނެވެ. އެކަމަކު މޯލްޑިވިއަން އައިޑަލްގެ ލަވަކިއުންތެރިންގެ ފޯޓްރެއިޓްސް ވެސް ކުރަހާފަވާ ކުރެހުންތެރިތާ ލަހޫ އެވެ.