ހަބަރު

"ވަކީލުކަމަކީ އިތުބާރުހިފޭ ވަފާތެރިންގެ މަސައްކަތަކަށް ހަދަންޖެހޭ"

ގާނޫނީ ވަކީލުކަމަކީ އިތުބާރުހިފޭ ވަފާތެރިންގެ މަސައްކަތަކަށް ހަދަންޖެހޭ ކަަމަށް ޕްރޮސިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގެ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ރެގިއުލޭޓް ކުރަން އުފެއްދި ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީއަށް މެންބަރުން ހޮވަން މިއަދު ވަނީ އިންތިހާބު ބާއްވާފައި ވަނިކޮށެވެ. -- މިހާރު ކުރިއަށްދަނީ އެ އިންތިހާބުގެ ވޯޓް ގުނުމުގެ މަސައްކަތެވެ.

އެއާ ގުޅުވައިގެން ބިޝާމް، އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ގާނޫނީ ފަންނަށް ތާރީހީ ދުވަހެއް ކަމަށާއި އެއްވެސް ފަންނަކީ ދެގޮތެއް ނުވެ އަބަދު އެއްގޮތަކަށް އޮންނާނެ ފަންނެއް ނޫން ކަމަށެވެ. އަދި ވަކީލުކަމަކީ އިތުބާރު ހިފޭ، ބަރޯސާވެވޭ، ޝަރަފުވެރި އަދި ވަފާތެރިންގެ މަސައްކަތަކަށް ހަދަންޖެހޭ ކަމަށެވެ.

ބާ ކައުންސިލް އިންތިހާބުގައި ހޮވޭ ވަކީލުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ސާބިތު ކަމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ.

ބާ ކައުންސިލަށް ރައީސާއި ނައިބް ރައީސެއްގެ އިތުރުން މެންބަރުންގެ ގޮތުގައި ހަ މީހަކު އިންތިހާބު ކުރާނެ އެވެ. އެ ކައުންސިލްގައި އިތުރަށް އިންނަވާނީ ބަންޑާރަ ނައިބެވެ. ބާ ކައުންސިލްގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި އައްޑު އަތޮޅު ފޭދޫގަ އެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ދެ ބޭފުޅަކު، ނައިބް ރައީސް ކަމަށް ދެ ބޭފުޅަކު އަދި މެމްބަރު ކަމަށް 19 ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ. ރައީސް ކަމަށް ކުރިމަތިލާފައިވަނީ ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ހުސްނުއްސުއޫދާއި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އަބުދުﷲ މުއިއްޒާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާފައި ވަނީ އަލީ ނަސީރު ގާސިމް، ޝަބާބު ރަޝީދު، އައިމިނަތު އަރީޖު ހުސައިން، އަނާރާ ނައީމް، އަހުމަދު މުއިއްޒު، މުހައްމަދު ޝަފާޒު ވަޖީހު، ޑރ. މުހައްމަދު އިބްރާހިމް، ޒުބައިރު އަހުމަދު މަނިކު، މުހައްމަދު ފައިސަލް، އަބުދުއްސަލާމް އާރިފު، އަނަސް އަބުދުއްސައްތާރު، މުހައްމަދު ވަހީދު ނަޖީބު، ސަފާ ޝަރީފު، އަބުދުލް މާނިއު ހުސައިން، މުހައްމަދު ފަރީދު، ޒިމްނާ އަބުުދުލް މުހުސިން، އައިޝާ ސުޖޫން، މުހައްމަދު އަސީލާއި، އަލީ ޝާހު އެވެ.