ހަބަރު

ވިމްގެ "ވިމެން އޮފް ދަ އިއާ" މަރިޔަމް ވަހީދާއަށް

އަންހެނުންގެ އަގުވަޒަން ކުރަން ވިމެން އިން މެނޭޖްމެންޓު މޯލްޑިވްސް (ވިމް) އިން ދޭ އެވޯޑް "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2019" ގައި "ވިމެން އޮފް ދަ އިއާ" އަށް މަރިޔަމް ވަހީދާ ހޮވައި އެވޯޑް ދީފި އެވެ.

މަރިޔަމް ވަހީދާ އަކީ 42 އަހަރު ވަންދެން ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިޖްތިމާއި މައްސަލަތަކާއި ބެހޭގޮތުން 15 ވަރަކަށް ވަންދެން މަޒުމޫނުތަކެއް "ހަވީރު" ނޫހުގައި ލިޔުއްވާފައެވެ. މަރިޔަމް ވަހީދާގެ އިތުރުން އެކި ދާއިރާތާކުން 27 އަންހެނަކަށް އެވޯޑު ދިނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވީ ސަރުކާރުގެ ވަޒީފާ ތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދަށްވުރެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ އަންހެނުންގެ އަދަދު ނިސްބަތުން ގިނަ ކަމަށާއި އެކަން ފާހަގަ ކުރަންޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާ އަންހެނުންގެ އަދަދު މިދިއަ އަހަރަށް ވުރެ މަދުވުމަކީ ގައުމަށް ލިބޭ ފަޅުކަމެއް ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ ދެބައި ކޮޅަ އެއްބައަކީ އަންހެނުންނަށް ވާއިރު އަންހެނުންގެ އަޑު މަޖިލީހުގައި އިއްވަދޭނެ އަންހެން މެމްބަރުން ނެތުމަކީ ގައުމަށް ލިބޭ ފަޅުކަމެކެވެ." މިންހާ ވިދާޅުވި އެވެ.

ފެކަލްޓީ އޮފް ހެލްތު ސައިންސް ގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ބައިވެރިވެވަޑައިގެންނެވި އެވެ