(11 ޖުލައި 2019 އާ ގުޅޭ)
އެއްވެސް މީހަކު އީޝަލް ގޮތެއް ނުނިންމަނީސް އަމިއްލައަށް ކުރިއަށް ނުޖެހުމަށް އީޝަލް އެންގިއެވެ. އޭނާގެ އެ ނިންމުން ޤަބޫލުކުރުމަށް އެދި ޚާއްޞަކޮށް އައިޒަންއާއި މީކާޢިލްއަށް އީޝަލް ބަލާލިއެވެ. އެކަކުއަނެކަކަށް ބަލާލުމަށްފަހު މަޑުމަޑުން އެމީހުން ބޯޖަހާލައިފިއެވެ. ދެން ކަންތައްކުރާނޭ ގޮތް ވެސް އީޝަލް އެންމެނަށް ސާފުކޮށް ދިނެވެ. އެމީހުން ނުކުންނާނީ ކޮންވަގުތެއްގައި ކަމާއި ރެޔަށް ފުރިހަމައަށް ތައްޔާރުވެގެން ތިބުމަށެވެ.
* * * * *
ގަނޑުވަރުގެ ތެރެއަށް ޖަމާވެފައިވާ ސިފައިންގެ އަދަދު ގިނައެވެ. ރަމަލުޖަހާ މީހުންނާއި ސިހުރުވެރީންގެ އިތުރުން ޙަކީމުންގެ ތެރޭގައި ތިބި އެންމެ ދުވަސްވީ ތަޖުރިބާކާރުން އެއްމޭޒެއްގެ ދޮށަށް ޖަމާވެފައި ވިއެވެ. ހަނގުރާމައިގެ އިސް ކޮމާންޑަރުން ވެސް އެތަނުގައި ވިއެވެ. އެމީހުންގެ ވާހަކަތަކުން ބޭރީތަށް ލިބުނު ސިހުން ފިލައިގެން ނުދެއެވެ. މަޝްވަރާގެ މޭޒުދޮށުގައި އޭނާގެ ގާތުގައި ލާވީއާއި ޒަގަން ވެސް އިނެވެ. ނަމަވެސް ޒަގަން އިނީ އެތަނުން ދުރަށްދާން ބޭނުންވެފައެވެ.
"އޭނާ މަރުނުވަންޏާ ކޮބާ؟" އިރުކޮޅަކު ހިމޭނުން އިނދެފައި ބޭރީތު އެއްސެވެ.
"ބައްޕަ އެމީހުންގެ ވާހަކަތަ ޤަބޫލުކުރަނީ؟... މިހާރު އެމީހުން ބަލިކަށިވެފައި ތިއްބާ އެމީހުންގެ ތެރެއަށް އަރައިގަތުމެއްނޫންތަ މުހިންމީ، ކީއްކުރަންތަ މަޑުމިކުރަނީ، މިމީހުން ގެނައީ ކީއްކުރަންތަ؟... އެމީހުންގެ ލަފައަކަށް ބޭނުމެއްނުވޭ... އަނެއްކާވެސް ބައްޕަ ހީވަނީ އަޅުގަނޑާ ޖަދަލުކުރަން އުޅޭހެން، އަޅުގަނޑަށް އިތުބާރުނުކުރަނީހެން.... ހަނގުރާމަވެރީންނާއެކު އަޅުގަނޑު ފޮނުވާށޭ ކިޔާތާ ކިހާ ދުވަހެއްވެއްޖެ، ކުރިން ވެސް އަޅުގަނޑު އެކަނި ގޮސް އެމީހުން ބަލިކުރީ، މިހާރު އަދި މާފަސޭހައިން ވާނެއެއްނު... އަޅުގަނޑުގެ ބަސް ނުވިކޭނަމަ މިތަނުގައި އިނުމުގެ ބޭނުމެއްނެތް" ޒަގަން ފަހަތަށް ގޮނޑި ދަމާލިއެވެ. އެހިނދު އޭނާގެ އަތުގައި ބޭރީތު ހިފިއެވެ.
"މިކަން ނިމޭނޭގޮތެއް އެނގެން ބޭނުން، ޒަގަންގެ ރައްކާތެރިކަން ވެސް އަހަރެމެންނަށް މުހިންމު، ރަމަލުޖަހާމީހުންނާއި ސިހުރުވެރިން ގެނައީ ކަސްދިޔާ އެދިގެން، އެމީހުންގެ ކިޔެވެލިތަކުންނާއި އެމީހުންނަށް ފެންނަކަންކަމުގެ ސަބަބުން ކުރިއަށް ތައްޔާރުވެ ދަރިފުޅަށް ރައްކާތެރިކަން ހޯދައިދެވޭނޭތީވެ... އެކަމަކު އެމީހުންގެ ތެރެއިން އެއްބަޔަކު އެބުނަނީ ރައުލްއާއި ރާވިން ވެސް ދިރި އެބަހުރިކަމަށް، ރާވިން ގެންދިޔައީ އެފަދަ ބާރެއް ލިބިގެންވާ ޖިންނިއެއްކަމަށް، އެކަމަކު ކާކު އޭނާއަށް އެހީވާނީ... ދަރިފުޅު ދޯ ބުނީ ރައުލް މަރުވެއްޖެކަމުގަ... ދެން ކީއްވެ އެމީހުންނަށް އެހެން ފެންނަންވީ، އޭނާ ދިރިހުރިކަމަށް... މީ އެހާ ފަސޭހައިން އަޅާނުލާ ދުކޮށްލެވިދާނޭ ކަންކަމެއްނޫން، އަހަރެމެންނަށް ހިލަމެއްނުވޭ މިގަނޑުވަރުގެ ތެރެއަށް ޖިންނިއެއް ފޭބުމަކީ ކިހާވަރެއްގެ ކަމެއްކަން ޒަގަންއަށް އެނގެއެއްނު... ރައުލްވަނީ ބަޚުރުގެ އަޑީގައިކަން އެމީހުން ބުނާއިރު އެ އުޅެނީ ހުރިތަނެއް ޔަގީންނުކުރެވިގެން" ބޭރީތު
"އެމީހުން އެހެން އެބުނަނީ އަޅުގަނޑުގެ އަތުގައި އޭނާގެ ކަނޑި އޮތީމަ؟ އެއީ އީޝަލްމެންގެ ތެރެއިން އޭނާއަށް ލިބުނު އެއްޗެއްކަން ޔަގީން، އަހަރެމެންގެ ތެރޭ ގެންގުޅޭ ކަނޑިތަކާ އެ ތަފާތު" ޒަގަން ނުރުހުންވެފައި ހުރެ ބުނެލިއެވެ.
"ތި ކަނޑިއެއް ބައްޕައަކަށް ނުދައްކަމެންނު" ބޭރީތު ހައިރާންވެފައި އެއްސެވެ.
"އެއީ މިހާރު އަޅުގަނޑުގެ އެއްޗެއް" ޒަގަން ބުންޏެވެ. އެ ކަނޑި ބޭރީތަށް ދެއްކުމުގެ ޝައުގު އޭނާގެ ނެތެވެ. އެހެންވިޔަސް ކަންބޮޑުވެފައިވަނީ އެމީހުންގެ ތެރޭގައި އުޅޭ ސިހުރުވެރީންނަށް ކިޔަމަންވާ އަޅުންތައް އިތުރަށް ރައުލްގެ ޚަބަރެއް ހޯދައިގެން އައިސް ބޭރީތުގެ ކަންފަތާ ހަމައަށް އިއްވަފާނޭތީއެވެ. އެހާވަރަކުން އެ މަޖިލީސް ކުރިއަށް ގެންދިއުމާ ޒަގަން ދެކޮޅުވެގެން އުޅެނީ އެހެންވެއެވެ. އެއްވެސް ރައްކާތެރިކަމެއް އޭނާ ބޭނުމެއްނޫނެވެ.
"ޒަގަން..." ބޭރީތު ގޮވާލުމުން ވެސް ޒަގަން މިފަހަރު ނުހުއްޓުނެވެ. އިންތަނުން ނުކުމެގެން ދިޔައީ ފަސްއެނބުރި ބަލާވެސް ނުލައެވެ.
"މަންމާ... މަންމާ..." ނުރުހުމާއެކު ޒަގަން ގޮވާލިއެވެ. އޭރު ކަސްދިޔާ ހުންނަ ބަޔަށް އޭނާ ވަދެގެން އަންނަނީއެވެ. ބާނދީތަކަކާއެކު އެތެރެ ކޮޓަރީގައި ބޮލު ފުނާ އަޅުވަން ކަސްދިޔާ އިނެވެ. ޒަގަންގެ ހަރު އަޑު އިވުމާއެކު އޭނާ ނިކަން އަވަހަށް ގާތުގައި ތިބި ބާނދީ ކުދީންނަށް އެތަނުން ދިއުމަށް އިޝާރާތްކޮށްލިއެވެ. އިސްތަށިގަނޑު އެއްކޮށްލަމުން އޭނާ ޒަގަންއާ ބައްދަލުކުރުމަށް ނުކުތެވެ. ހައިރާންކަމެއް ލިބުނީ ފެންޑާގައި ދެކޮޅަށް ހިނގާލަހިނގާއި ހުރި ޒަގަންގެ ފުށުން ނުރުހުންތެރިކަމުގެ އަސަރު ފާޅުވާތީއެވެ.
"ޒަގަން... މަޝްވަރާ ބައްދަލުވުން ނިމުނީތަ؟" ކަސްދިޔާ އެއްސެވެ.
"އެމީހުން ފޮނުވާލާ... އެހެންނޫނީ އަޅުގަނޑު އަމިއްލައަށް މިތަނުން ނުކުމެގެންދާގޮތަށް އެނބުރި މަންމަގެ ގާތަށް ނާންނާނަން... ދުވަހަކުވެސް ނާންނާނަން" ރުޅިވެރިކަމާއެކު ޒަގަން ބުންޏެވެ.
"ކޮންބައެއް؟ ކިހިނެއްވީ؟" ކަންބޮޑުވުމާއެކު ކަސްދިޔާ އެއްސެވެ.
"ސިހުރުވެރީންގެ ބައިގަނޑު... އެމީހުންނަށް ބަރޯސާވާކަށް އަޅުގަނޑު ބޭނުމެއްނޫން، އެމީހުންގެ ފުށުން މަންމައަށް މިހާ ދުވަހު ފައިދާއެއްވިތަ؟ އެހެންނޫންނަމަ މަންމަ އެކަމާމެދު އެންމެ ހިތާމަކުރާކަންތައް ވުމުގެ ކުރީން ހުއްޓުވުނީހެންނު، ބައްޕަގެ ހިތް މަންމަނޫން އެހެންމީހެއްގެ މައްޗަށް ދީލައިލައިގެން ނުދިޔައީސް، އެމީހުން ފަތުރާ ދޮގުވާހަކަތައް އަޑުއެހުމުގެ ބޭނުމަކީ ކޮބާ... އަޅުގަނޑުމެން އެހާ ބަލިކަށްޓެއްނުވޭ އަމިއްލަ ރައްކާތެރިކަން ނުހޯދޭހާ، އެމީހުން އައީ މަންމަ އެކަމަށް އެދިގެން" ޒަގަން ބުންޏެވެ. އެއާއެކު ކަންތައްވީގޮތެއް ކަސްދިޔާއަށް ސާފުވިއެވެ.
"މަންމަ ވަރަށް ކަންބޮޑުވޭ ޒަގަންއަށް ކަމެއްވެދާނޭތީ، އެހެންވެ އެމީހުން ގެނެވުނީ... ބޭރީތު ވެސް މިފަހަރު އަހަރެންނަށް އެއްބާރުލުންދިން، ދަރިފުޅަކަށް ނޭނގޭނެ މަންމަ ބިރުގަންނަވަރެއް، ހަތޯރު ވެސް ނިމިގެންދިޔައީ... އެގޮތަށް ދަރިފުޅު ވެސް ނިމިގެން ހިނގައިދާނެކަމުގެ ބިރުން އަބަދު މިހިތުގަވޭ" ވިސްނާދޭފަދަ ގޮތަކަށް ކަސްދިޔާ ބުންޏެވެ.
"ބައްޕަ އެ އުޅެނީ މޮޔަވަގެން. އެހާ ޖެހިލުންވަންޏާ އަޅުގަނޑު އެކަނި ލަޝްކަރަކާއެކު ފޮނުވާށޭ ބުނެފިން... އެގޮތް ވެސް ޤަބޫލެއްނުކުރި، އެނބުރި އައިފަހުން އަޅުގަނޑެކޭ މިތަނުގައި ބަންދުވެފައި ހުރި މީހެކޭ އެއްވަރު، ބައްޕައަށް ނޭނގި ފިޔަވަޅެއް ވެސް އެޅިޔަ ނުދޭ... އަޅުގަނޑު އެކަނި އެމީހުންގެ ތެރެއަށް ދާންތަ މަންމަ ބޭނުންވަނީ... އެހެންނޫނީ ބައްޕަގާތު ބުނެގެން އެމީހުންތައް މިތަނުން ފޮނުވާލައި... މަންމަގެ މިދަރިފުޅު ގެއްލެން ނޭދެންޏާ އެހެންކަންތައްކުރޭ" ޒަގަންގެ އަޑުގައިވަނީ އަމުރުވެރި ގޮތެވެ. އޭނާގެ ސިއްރުތައް ފަޅާއާރާފާނޭކަމުގެ ބިރު ޒަގަން ފަރުދާކުރީ ނުރުހުމާއި ރުޅިވެރިކަމުގެ އަސަރުތަކުންނެވެ. ދޭތިން އެކައްޗެއް ހިފާ އުސޫލުން މަންމައަށް އިންޒާރުދިނީ މަޖުބޫރުކުރުވަމުންނެވެ.
"އޭނާ އެތަނަށް އެއްލާލީމާ ވެސް މަރެއްނުވިތަ؟ އަހަރެން ހީކުރީ އެތަނުގައި އޮވެ ފުރާނަ ހިނގައިދާނެކަމަށް... ކޮންމެވެސް ގޮތެއް ހަދަން އެބަޖެހޭ... އޭނާ އެތަނުގައި މަރުނުވެ އޮތީ ކިހިނެއްތޯ ބަލަން ބޭނުން، އެވަރުކޮށްލީމަ ވެސް މަރުވާކަށް ނޭނގުނުވިއްޔާ" ޒަގަންގެ އަމިއްލަ ޚިޔާލުތަކުން އޭނާގެ ބުއްދިއަށް އަސަރުކުރިއެވެ. އޭނާ އުންމީދުކުރި ގޮތަށް ރޭވި އެއްވެސްކަމެއް ނުހިނގިއެވެ. އޭނާ އޮޅުވާލިކަން ފަޅާއަރާ ބައްޕަގެ ކުރިމަތީ ބޭޒާރުވެ އިތުބާރުގެއްލިދާނެތީ ޒަގަން ނުހަނު ކަންބޮޑުވެއެވެ. މަންމައަށް އިންޒާރުދޭން ޖެހުނީ އެހެންވެއެވެ. ހުރިހާކަމެއްގައި އޭނާއަށް އެންމެ ބޮޑު ހިތްވަރެއް އަބަދުވެސް ލިބެނީ މަންމަގެ ފުށުންނެވެ. އެހެންނަމަވެސް މިވަގުތު އެމަންމައާ ހަރުކަށިކަމާއެކު ވާހަކަދައްކަން ޚުދު އޭނާއަށް ވެސް މަޖުބޫރެވެ.
"ނުކުމެގެންނުދާތި... މަންމަ އެމީހުން ފޮނުވާލަފާނަން..." ކަންބޮޑުވެފައި ހުރި ކަސްދިޔާ ވިސްނާލުމެއްނެތި ބުނެލިއެވެ. ގާތުގައި ހުރި ދަރިފުޅަށް ކަމެއްވާން ނޭދޭތީ އޭނާ މާބޮޑު ވިސްނުމެއް އެކަމާ ނުހިންގީއެވެ.
* * * * *
ނިދިފައި އޮތް އީޝަލްގެ މަގަތުގައި މީކާޢިލް އިނެވެ. އާ ދުވަހަކަށް އިރުއަރަން އޭނާ ނޭދޭކަހަލައެވެ. ހަމައެއާއެކު އީޝަލްއާއި ރައުލް ބައްދަލުވުމަށް ވެސް އޭނާ ހިތުގެ އަޑިން އެދެއެވެ. އީޝަލް ކިތަންމެ ޔަގީންކަމެއް ދިނަސް ބޭރީތާއި ޒަގަންގެ ކުރިމައްޗަށް ދިއުމުން ދެންވާނޭ ގޮތެއް ނޭނގޭތީ އެ ޚިޔާލުތަކުން މީކާޢިލްގެ ހިތަށް ހަމަޖެހުމެއް ނުލިބެނީއެވެ. މާދަމާއަކީ އީޝަލްގެ ފަހަތުގައި ބާރުގަދަ ޖިންނީންތަކެއް ތިބޭނޭ ދުވަހެއްކަން ޔަގީނެވެ. އެއިން ކޮންމެ މީހަކު އީޝަލް ރައްކާތެރިކުރާނެއެވެ. ނިތްކުރީގައި މަޑުމަޑުން ފިރުމާލާފައި މީކާޢިލް ތެދުވިއެވެ. އަދި އީޝަލްގެ ކޮޓަރިން ބޭރަށް އޭނާ ނުކުތެވެ. އޭރު ދޮރުކައިރީ ލުގަލްބަންދާ އިނެވެ.
"ކަލޭ އަދިވެސް މިތަނުގަތަ؟... ނިދާކަށްނުދަންތަ؟" މީކާޢިލް ސުވާލުކުރިއެވެ.
"އަހަރެން އޭނާ ރައްކާތެރިކުރާނަން، ބުނެދޭން ނޭނގުނަސް ވައިސިންނީއާއި ޔޫރާއަކީ ވެސް އަހަރެން ފަދައިން އީޝަލްއާ ގުޅިފައިވާ ބައެއް، އެމީހުން އީޝަލްއާ މެދު ނުބައިގޮތަކަށް ހީކުރާނަމަ އެކަން އެނގޭނެ ފުރަތަމަ މީހަކީ އަހަރެން، މީކާޢިލް!... އަހަރެމެން އީޝަލްއަށް ކަމެއްވިޔަކަނުދޭނަން، އީޝަލްއާމެދު ކަންބޮޑުނުވޭ، އޭނާއާއެކު ސާބިތުވެ ހުރޭ، އަހަރެންނަކީ އޭނާގެ ހަށިފާރަވެރިޔާއެއްވާއިރު އޭނާއާ ގާތަކަށް ދެން ނާދެވޭނެ ޖިންނިއަކަށް، އެކަމުން ރައްކާތެރިވުމަށް ގޮވާލާނީ ކިހިނެއްކަން އީޝަލްއަށް އެނގޭ... އޭނާއަށް ކުރިން ނޭނގޭ ކަންކަން މިހާރު އެނގުނެއްކަމަކު އަދިވެސް އެއީ އެ މައުސޫމު އޯގާތެރި އަންހެންކުއްޖާ، އޭނާގެ އުފާވެރިކަން ވަގުތީގޮތުން ގެއްލިފައި ވިޔަސް އެ އުފާވެރިކަން ރައުލްއާއެކު އެނބުރި އަތުވެދާނެ" ލުގަލްބަންދާ ވާހަކަދެއްކިއެވެ. އޭނާ ދެފައި މައްޗަށް ތެދުވެ މީހަކުހެން މީކާޢިލްގެ ގާތުގައި މަޑުކޮށްލިއެވެ. އޭނާގެ ވާހަކައަށް މީކާޢިލް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ނުކުތީ އިރުމަތީ ފެންޑާއަށެވެ. ލުގަލްބަންދާގެ ގާތުގައި ވައިސިންނީއާއި ޔޫރާ ހުއްޓިލިއެވެ. އެ ތިންމީހުންގެ ނަޒަރު ވެސް ހުރީ މީކާޢިލްއަށް ހުއްޓިފައެވެ.
"ލޯބިވާވާހަކަ ނުބުނަންތަ، އެމީހުންނަކަށް ނޭނގޭތަ" ވައިސިންނީ ސިއްރުން ބުނެލިއެވެ. އެއާއެކު އޭނާގެ ބުރަކަށީގައި ހައިވާނަކަށް ކުއްލިއަކަށް ބަދަލުވި ލުގަލްބަންދާގެ ނަގުލުން އަޅާ ވިހެލިއެވެ. ކުރިއަށް ވިއްސައިގެންދާން އުޅުނު ވައިސިންނީ ހިނިގަނޑެއް ޖަހާލަމުން އަމިއްލަ ހަށިގަނޑު މަތަކުރިއެވެ.
"އީޝަލްއާއި އޭނާގެ ޢާއިލާއަށް މިރޭ އުނދަގޫވާފަދަކަމެއްނުކުރާތި" ލުގަލްބަންދާއާއި ވައިސިންނީގެ ދެމެދު ކުރިމަތިލުމެއް ހިނގާފާނޭ ހީވެ ޔޫރާ ބުނެލިއެވެ.
"މިކަންތައްގަނޑު ނިމުނީމަ އަހަރެމެން ދެމީހުންގެ ދެމެދުގައި ކުރިމަތިލުމެއް ބާއްވަންވާނެ، ބާރުގަދަ މީހާ ބުނާކަމެއް ދެރަވާމީހަކު ކުރަން ޖެހޭނެ" ލާނެތް ހިންޏެއް އައިސްފައި ހުރެ ވައިސިންނީ ވާހަކަދެއްކިއެވެ. ނަމަވެސް އޭނާ ދައްކާ ވާހަކައެއް އަޑުނާހާ ލުގަލްބަންދާއާއި ޔޫރާ އެތަނުން ހިނގައްޖެއެވެ. މޫނަށް ވައްތަރެއް ޖައްސާލުމާއެކު ވައިސިންނީ އެމީހުންވީތަނެއް ހޯދަން އުޅުނެވެ.
* * * * *
ފަތިހުގެ ވަގުތު ގަނޑުވަރަށް އެނބުރި އައިޒަންއާއި ޖޫދާ ދިޔައީ އިރުއޮއްސޭ އިރަށް އަންނާނަންކަން ބުނެފައެވެ. ހެނދުނުގެ ނާސްތާ އެންމެން އެކުގައި ކުރުމަށްފަހު ބައިބައިވިއެވެ. ޒިޔަޒެލް އޭނާގެ ކުތުބުޚާނާގައި ޔޫރާއާ މުހިންމު ވާހަކައެއް ދައްކަން އިނެވެ. އެމީހުން ހަމަލާތައް ރާވާފައިވަނީ ކިހިނެއްތޯ ޒިޔަޒެލް ސުވާލުކުރިއެވެ. އެއާއެކު ޔޫރާ އޮޅުންފިލުވައިދިނީ ބަޚުރުގައި ވިޔަސް ޒިޔަޒެލްމެންނަށް ހަރަކާތްތެރިވެ އުޅުމުގައި އެއްވެސް ދަތިކަމެއް ނުހުންނާނެކެވެ. އޭނާ ގެނައި ދަހަނާގެ ހެދުންތައް އެޅުމުން ހަށިގަނޑަށް އެ ބަދަލު އިޙްސާސް ކުރެވޭނެކަމުގައި ބުންޏެވެ. ޔޫރާ އެދުނީ ހިނދުކޮޅަކަށް ވެސް އީޝަލްއާ ދުރަށް ނުދިޔުމަށެވެ. މާބޮޑު އެއްޗެއް އިތުރަށް ޔޫރާގެ ފަރާތުން އޮޅުމެއްނުފިލިއެވެ.
"އަހަރެމެން ދެއަތް އުރާލައިގެން ތިބެންވީތަ؟ އެގަނޑުވަރުގައި އެކަނި ވެސް ލައްކައަކަށްވުރެ ގިނަ ޖިންނީންގެ ލަޝްކަރެއް އޮންނާނެހެން ހީވޭ، އޭރު އަހަރެމެންނާ ކުރިމަތިލާން އައި ޖިންނީން ފެނިފަ ހުރީމަ ބުނަން އެނގެނީ އެމީހުންގެ ތެރޭ ބާރުގަދަ ޖިންނީން އުޅޭކަން، ސީދާ ހަނގުރާމައަށް ނުކުންނަ ޖިންނީން، އެމީހުންގެ ހަރަކާތް ހަލުވެފައި މައިދާނުގައި އެއީ ކުޅަދާނަބައެއް، އެ އެންމެން އަހަރެމެން ވަށާލާނެކަން ޔަގީން، އީޝަލްއަށް ނޭވާލާނޭ ފުރުޞަތެއް ނުދޭނެ" ޒިޔަޒެލްގެ ހާސްކަން އޭނާ ފާޅުކުރިއެވެ.
"ކަންތައްވާނޭގޮތް ސިފަކޮށްދޭނޭ ގޮތެއް އަހަރެންނަކަށް ނޭނގޭ، އެހެންވިޔަސް އަހަރެމެން އީޝަލްއާއެކު ހުރުމުން ދެންކަންތައްވާގޮތް ކަލެއަށް ވެސް ފެންނާނެ، މި ދުނިޔެ ވަރުގެ ބޮޑު ލަޝްކަރެއް އެމީހުން އެކުލަވާލިޔަސް އީޝަލްގެ ކުރިމައްޗަށް އެރުމުން ވާގޮތް އެނގޭނެ" ޔޫރާ ބުނާ އެކައްޗެއް ތަކުރާރުކުރުން ފިޔަވައި އޭނާގެ ފުށުން އެއްވެސް ކަމެއް ޒިޔަޒެލްއަށް އޮޅުމެއް ނުފިލިއެވެ. ޔޫރާ ފޮރުވާކަމެއް ހޯދުމަކީ ފަސޭހަކަމަކަށްނުވާނޭ ޒިޔަޒެލް ދެނެގަތީ އެހެންވެއެވެ. ކަންކަން އެނގުނެއްކަމަކު އެކަންކަމުގެ ވާހަކަ ޔޫރާ ނުދައްކަނީއޭ ޒިޔަޒެލްއަށް ހީވެއެވެ.
މެންދަންވަމުން އައިއިރު ވައިސިންނީއާއި ޔޫރާ ވެސް ހުރީ ބޮޑު ތުނޑިއާ ދިމާގައި ދިޔަރެސްފަށް ފެންނަ ހިސާބަށް ނުކުމެވެ. އިރުއިރުކޮޅަކުން އުޑާ ދިމާއަށް އެމީހުން ބަލައެވެ. ހަނދަށް އަންނަ ބަދަލުތައް އެމީހުން ބަލަނީއެވެ. ހަނދު އޮއްސޭނޭ ވަގުތު ޔޫރާ ބުނެލިއެވެ. އެމީހުން ކުރާކަމެއް ބަލަން ދެންތިބި މެންބަރުން ނުކުމެ ތިއްބެވެ. ހަނދު ތިރިވާތަނެއް ނުފެނެއެވެ. އެހެންވިޔަސް ހަނދު އޮއްސޭނޭކަށް ޔޫރާ ބުނާތީ އެވަގުތަކަށް އެންމެން ވެސް އިންތިޒާރުކުރިއެވެ.
"ތައްޔާރުވާންވީ" ޔޫރާ ބުންޏެވެ. އެ ޚަބަރު އީޝަލްއާ ހަމައަށް ވައިސިންނީ އައުމުގެ ކުރީން ލުގަލްބަންދާ ފޯރުކޮށްދީފިއެވެ. ބަނދެފައި ހުރި ބޮނޑިތައް މުހާލައި އޭގައި ހުރި ދަހަނާގެ ހެދުންތައް ނެގިއެވެ. އެ އެއްޗެހި އައިޒަންއާއި މީކާޢިލްއާއި ޒިޔަޒެލްގެ އިތުރުން ބިންޏާމީނާއި ޖޫދާ އެޅިއެވެ. ހުދުހެދުމުގައި ލޮއިގެ ދަހަނާ ހަރުކުރެވިފައި ވެއެވެ. އެމީހުން ފެންނަނީ ހުދުކުލައިގައި ތިބި ހަނގުރާމަމަތީ ބާޒުތަކެއް ފަދައިންނެވެ. އެމީހުންގެ ބޯތައް ވެސް ވަނީ ރައްކާތެރިކުރެވިފައެވެ. އެއީ ކޮންބައެއްކަން ވަކިކުރަން އެނގެނީ އެމީހުންގެ ވަރަތަކުން އެކަންޏެވެ. ވަރަތައް ހުޅުވާލުމާއެކު ބުރަކަށިން ފެށިގެން ވަރަތަކުގެ މަތިން ލެނބިފައިވާ ހިސާބަށް ދަހަނާއިންވަނީ ރައްކާތެރިކުރެވިފައެވެ. ގޭތެރެއިން ނުކުތް ލާމިއާއާއެކު ޔާފިއާ ހުއްޓެވެ. ދެމީހުން ތިބީ ދިގު ލިބާހެއްގައި ބޮލާއެކު ފޮރުވިގެންނެވެ. ލާމިއާގެ މޫނުގެ ސިފަ ބަދަލުވެ އޭނާގެ މޫނުގެ އެއްފަރާތުގައި ކުރެހުންތަކެއް ފާޅުވާން ހުއްޓެވެ. ލިބާހަކަށްވުރެ ބޮޑަށް ހީވަނީ އޮރެންޖުކުލައިގެ ފޮތިގަނޑެއް ގައިގާ އޮޅާލައި އެއިން ބޯ ވެސް ނިވާކޮށްލައި ވަނީހެނެވެ. ކުރިން އޭނާގެ ފުށުން ފާޅުނުވާ ބާރެއްގެ އިޙްސާސް އީޝަލް ދެނެގަތެވެ. ޔޫރާ ދިއްކޮށްލި ކަޅުކުލައިގެ ފޮތިގަނޑު ވައިސިންނީ ގެނެސް އީޝަލްގެ ހެދުމުގެ މަތިން އެ ހަށިގަނޑު ނިވާކުރިއެވެ. އެއާއެކު ހީވީ އެ ހެދުމަށް އަމިއްލަ ދިރިމެއް ލިބުނީ ހެނެވެ. އޭތި އީޝަލްގެ މުޅި ހަށިގަނޑު ހުރިހާ ދިމާއަކުން ނިވާކޮށްލުމާއެކު އޭނާގެ ދެފައި ވެސް އޭގެ ތެރެއަށް ޣައިބުވެއްޖެއެވެ. ދާރިއުސްއާއި އެހެން މެންބަރުންގެ ކަނޑިތަކުގައި ޔޫރާ އެއްޗެއް މަތުރާ ހެދިއެވެ.
"އެ އޮއްސުނީ... ހިނގާ ދަމާ" ޔޫރާ އިޢުލާންކުރިއެވެ. އެންމެން އެކުގައި މޫދަށް ފައިބަން އައެވެ. ކުރިން ވެސް ރޭވި ފަދައިން ކުރިއަށް ތިބީ އީޝަލްއާއި އޭނާ ރައްކާތެރިކުރާނޭ ތިން ބައިވެރިންނެވެ. އުޑުގައި އަލިކުރަމުންދިޔަ ހަނދެއް އެއްވެސް ދިމާއަކުން ނުފެނެއެވެ.
"އަހަރެމެން ބަޚުރުގެ އަޑިއަށް ފައިބާ ހިނދު އެމީހުންނަށް ހިލަންވެދާނެ... އެކަމަށް އެމީހުން ތައްޔާރުވެގެން ތިބިނަމަ، ގާތްގާތުގައި އެންމެން ވެސް ތިބޭތި" ލޮނުގަނޑުގެ ތެރެއަށް އެރެމުންދިޔަ ވައިސިންނީ ބުންޏެވެ.
"އީޝަލް..."އިސްކޮޅަށްވުރެ އަޑިއަށް ލޮނުގެ ތެރެއަށް ފޭބުމުން ޔޫރާ ގޮވާލިއެވެ. އެހިނދު އީޝަލް ބޯޖަހާލިއެވެ. އޭނާ ލޯ މަރާލައިފައި ހުޅުވާލިތަން ފެނުނެވެ. ކުރިއަށް އީޝަލް ނުދާތީ އެންމެން ވެސް ތިބީ މަޑުކޮށްގެންނެވެ. އެހެންތިއްބާ ދުރުން ތެޅެމުންފޮޅެމުން އަންނަ ބިޔަ އެއްޗެއް ފެނުނެވެ.
"އެއީ އަހަރެމެންގެ ސަވާރީ، އެންމެންނަށް ފެންނާނޭހެން ފާޅުގައި ދިއުމުގެ ބޭނުމެއްނެތް... ބޭރީތުގެ ގަނޑުވަރާ ހަމައަށް އޭނާ އަހަރެމެން ގެންގޮސްދޭނެ" އީޝަލް ބުންޏެވެ. އައިޒަންއާއި ބިންޏާމީނުގެ އިތުރުން ދެން ތިބި މީހުންނަން ވެސް އެކަކުއަނެކަކަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ.
"އެއްވެސް ކަމެއްގެ ޚަބަރެއް އަހަރެމެންނަށް އެނގިފައެއްނެތް" ޔޫރާއަށް ފާޑަކަށް ބަލަންހުރެ ޒިޔަޒެލް ބުނެލިއެވެ. އެ އަޑަށް އައިޒަން ހިނިތުންވެލިއެވެ. ސިއްރުތައް އެނގެން ޒިޔަޒެލް ފޯރި ހުންނަވަރު އޭނާއަށް އެނގޭތީއެވެ. އޭނާގެ ބަހަށް ޔޫރާ ކިޔަމަންނުވާތީއެވެ.
ފާޅުވީ ބޮޑު މަހަކަށްވުރެ ނުބައި ސިފައެއް ޖަހާ އެއްޗެކެވެ. އޭގެ އަނގަ ފުޅާވެފައި ތޫނު ދަތްތައް ފެންނާނޭހެން އަނގަ ހުޅުވާލަފައި އޮތެވެ. މިޔަރުގެ ހުންނަފަދައިން ނޭފަތްމަތި ހިއްލި ދެފަރާތުގައި ދެ ލޯ ހުއްޓެވެ. ދެއަރިމައްޗާއި ބުރަކަށިމަތީގައި ކޮތަރިގަނޑު ފަތުރާލާފައި އޮތެވެ. ކޮލި ފުއްޕާލައިފައި އޮތްހެން ބަނޑުފަރާތްވީއިރު މިނިކާ ޖަނަވާރެއް ފަދައިން ތޫނު ނިޔަފަތިތަކެއް ހުރި ދެ އަތް ވިއެވެ. ނަގޫ ދިގުވެފައި ވެނެއް ފަދައެވެ. ނަމަވެސް ބަނޑުގެ އެކި ދިމާއިން ބޯވާދިލަ މަހުގައި ހުންފަދަ ދިގު ނަރުވާތަކެއް ނުކުމެފައި ހުއްޓެވެ. އަނގައިގެ ދެއަރިމަތިން ވެސް ނަރުވާތަކެއް ދިގުކޮށް ފާޅުވާއިރު އޭގެ ކޮޅު ހުރީ ދިއްލިފައެވެ. ރެދަން ލާފައި ހުރި ހެނެވެ. ބުރަކަށީން ދެފަރާތަށް ފެތުރިފައި އޮތް ބައިން ސިފަވަނީ މަޑިއެއް ހެންނެވެ. އެ ސޮރު އީޝަލްމެންގެ ވަށައިގެން އެނބުރިލުމާއެކު އޭގެ ބުރަކަށިމަތި ދެއްކިއެވެ. އެތަނަށް އީޝަލް އެރުމުން ދެންތިބި މީހުން ވެސް އަރައިފިއެވެ. އެއާއެކު އެމީހުންގެ ވަށައިގެން ދުލިފަށެއް ލެވުނެވެ. ދޭތެރެއަކުން އެމީހުންގެ ބޯމަތިން އެ ސޮރުގެ އަނގަ ކައިރީވާ ނަރުވާ ހޫރާލައެވެ.
* * * * *
ހުރިހާ ކުދީން ނިދުމުން ބާނދީންއާ ހަވާލުކޮށް އެތަނުން މަދުރާ ނުކުރީ އޭނާގެ ކޮޓަރިއަށް އައުމަށެވެ. އޭރު ގަނޑުވަރުގެ އެހިސާބަށް އޮތީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ. ސަރައްކާލި ހުރަސްކޮށް ކަނާއަތް ފަރާތުން އަޅަން އުޅުނު ވަގުތު ގާތުން އެހެން މަޚުލޫޤެއްގެ ހިލަންވީހެން މަދުރާއަށް ހީވިއެވެ. ސިހިފައި އެއްފަރާތަށް ޖެހިލެވުމާއެކު ދެފަރާތް ހޯދާލެވުނެވެ. އޭނާއަކީ ވެސް ހިސާބަކަށް ކަންކަން ދަންނަ އަންހެނެކެވެ. އެހެންވެ ބޮލުން އިސްތަށްޓެއް ނަގައި އެއަށް އޭނާ އެއްޗެއް ކިޔަވާ ފުމެލައިފިއެވެ. އެހިނދު އަލިފާންކަނި ބުރައިގެން ގޮސް އެ އިސްތަށި އަދައިގެން ދިޔަތަން މަދުރާ ދުށްޓެވެ.
"ކާކު؟..." ކަންބޮޑުވުމާއެކު މަދުރާ ގޮވާލިއެވެ.
"އަހަރެން..." ކުއްލިއަކަށް ފާޅުވި ޒުވާނާ ފެނުމުން މަދުރާގެ ދެ ލޯ ބޮޑުވިއެވެ.
"ރައުލް.... ކިހިނެއްވެފަ ތިހުރީ... މީ ކޮންބައެއް؟... އެންމެން އެ ކިޔަނީ..." މަދުރާގެ ވާހަކަ ރައުލް ހުއްޓުވިއެވެ. އޭނާއަށް އެހީވުމަށް ރައުލް އެދުމުން ބޭރީތުގެ ގާތަށް ދިއުމަށް މަދުރާ ލަފާ ދިނެވެ. ނަމަވެސް އެކަމަށް ރައުލް އުޒުރުވެރިވިއެވެ. މަދުރާ އަވަސްއަވަހަށް ރައުލް ގޮވައިގެން އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. މީހަކަށް ފެނުމުގެ ކުރީން ރައުލް ފޮރުވަން އުޅޭ މީހަކު ފަދައިންނެވެ.
(ނުނިމޭ)