ރެއާލް މެޑްރިޑް

ޒިދާން ކޭމްޕް ދޫކޮށްލީ ބޭބެ މަރުވެގެން

ކެނަޑާގެ މޮންޓެރިއާލްގައި، ރެއާލް މެޑްރިޑުން ކުރިއަށްދާ ޓްރެއިނިން ކޭމްޕް ދޫކޮށް، އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ފުރައިގެން ދިޔައީ، ޒިދާންގެ ބޭބެ މަރުވުމުން ކަމަށް އެ ކުލަބުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު، ރެއާލްގެ ޓްރެއިނިން ކޭމްޕް ދޫކޮށް، ޒިދާން ސްޕެއިންއަށް ދިޔަ ސަބަބެއް ފުރަތަމަ އެނގިފައެއް ނުވެ އެވެ. ޓްރޭނިން ކޭމްޕް ކަވަރު ކުރާ މީޑިއާ ތަކުން ބުނީ ޒިދާންގެ އަމިއްލަ ކަމެއް ދިމާ ވެގެން ޓްރޭނިން ކޭމްޕް ދޫކޮށް ފުރާފައިވާ ކަމަށެވެ.

އެނބުރި ކޭމްޕަށް ދާނެ ވަގުތަކާ މެދު، ސުވާލު އުފެދިފައި ވަނިކޮށް، ރެއާލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޓީމުގެ ހެޑް ކޯޗް ޒިދާން ކެނަޑާގެ ޓްރެއިނިން ކޭމްޕް ދޫކޮށް ދިޔައީ އޭނާގެ ބޭބެ މަރުވުމުން ކަމަށާއި ޒިދާންގެ އާއިލާއަށް ކުރިމަތިވެފައިވާ އުނދަގޫ ވަގުތުގައި އޭނާގެ އާއިލާއާއެކު ތިބިކަން ހާމަ ކުރާ ކަމަށެވެ.

ކެނަޑާގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން، ރެއާލްގެ ކުޅުންތެރިން ވަނީ، ސުކޫތެއްވެސް ގެނެސްފަ އެވެ. ޒިދާންގެ ބަދަލުގައި މިވަގުތު ރެއާލްގެ ޓްރެއިނިން ލީޑް ކުރަނީ، އެސިސްޓެންޓް ކޯޗް ޑޭވިޑް ބެޓޮނީ އެވެ.